ކ. މާލެ
|
8 ސެޕްޓެންބަރ 2018 | ހޮނިހިރު 11:43
ޚިޔާލު ހޯދުމުގެ ވޯޓުތަކުން އެންމެ ކުރީގައި އުޅުއްވަނީ ޖެއަރ ބޮލްސާނަރޯ
ޚިޔާލު ހޯދުމުގެ ވޯޓުތަކުން އެންމެ ކުރީގައި އުޅުއްވަނީ ޖެއަރ ބޮލްސާނަރޯ
ގެޓީ އިމޭޖަސް
ބްރެޒިލްގެ ރިޔާސީ އިންތިޚާބު
ބްރެޒިލްގެ ރިޔާސީ ކެންޑިޑޭޓަށް ދިން ހަމަލާ: ހަށިކޮޅުގެ 40 އިންސައްތަ ލޭ ވަނީ ފައިބާފައި
ހަމަލާދިނީ ކެމްޕެއިން ރެލީއެއްގެ ތެރޭގައި
އިންތިހާބުގެ ކުރިން ކެމްޕެއިނަށް ވަޑައެއް ނުގެންނެވޭނެ ކަމަށް އާއިލާ އިން ބުނޭ

ވަޅިން ހަމަލާދީ ބުރާސްފަތި ދުވަހު ޒަޚަމްކޮށްލި ބްރެޒިލްގެ ރިޔާސީ ރޭހުގައި އެންމެ ކުރީގައި އުޅުއްވާ ކެންޑިޑޭޓް ޖެއަރ ބޮލްސާނަރޯގެ ހަށިކޮޅުގެ ލޭގެ 40 އިންސައްތަ ފައިބައިގެން ދިޔަ ކަމަށް ހޮސްޕިޓަލުގެ އޮފިޝަލުން ވިދާޅުވެއްޖެއެވެ.

ކަނާތު ފިޔައިގެ ސިޔާސީ ލީޑަރުގެ ގައިކޮޅަށް ހަމަލާދިނީ އިރުދެކުނުގެ ސްޓޭޓެއް ކަމަށްވާ މިނަ ޖެރައިސްގައި ކެމްޕޭން ރެލީއެއްގެ ތެރޭގައި އެއްވެފައިވާ މީހުންގެ މެދުގައި ވާހަކަދައްކަވަން ހުންނަވަނިކޮށެވެ.

ޑޮކްޓަރުން ވިދާޅުވީ އޭނާގެ ގޮހޮރަށް ލިބިފައި ވަނީ ފުރާނައަށް ނުރައްކާވާވަރުގެ ޒަޚަމެއް ކަމަށާއި ނަމަވެސް މިހާރު ރަނގަޅުވަމުން އަންނަ ކަމަށެވެ.

ބޮލްސާނަރޯގެ ފިރިހެން ދަރިކަލުން ފެލްވިއޯ ބޮލްސާނަރޯ ވިދާޅުވީ އަންނަ މަހު ބާއްވާ އިންތިޚާބުގެ ކުރިން އޭނާގެ ބައްޕާފުޅަށް ކެމްޕެއިނަށް ނުކުމެ ވަޑައިގެންނެވުމަކީ ނާދިރު ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ ބައްފާޅު އަދިވެސް ވަރުބަލި ކަމަށާއި ވާހަކަފުޅު ދެއްކުމަށް ވެސް ދަތި ކަމަށެވެ.

"އެމަނިކުފާނަށް ކެމްޕެއިނަށް މަގުތަކަށް ވަޑައެއް ނުގެންނެވޭނެ. އެކަމަކު އަހަރެމެންނަށް ދެވޭނެ،" އޭނާ ވިދާޅުވިއެވެ.

އަސްކަރިއްޔާގައި ކުރިން މަސައްކަތްކުރައްވާފައިވާ ބޮލްސާނަރޯއަކީ ނަސްލީ ތަފާތުކުރުންތައް ގެންގުޅުއްވާތީ ފާޑުކިޔުން އަމާޒުވެފައިވާ ބޭފުޅެކެވެ. ނަމަވެސް އޭނާއަށް ތާއީދުކުރައްވާ ފަރާތްތަކުން ދެކޭ ގޮތުގައި އޭނާއަކީ ކުށް ގިނަ އެ ގައުމު ސަލާމަތްކޮށްދޭނެ މީހާއެވެ.

ބްރެޒިލްގެ އެންމެ މަގުބޫލު ސިޔާސީ ލީޑަރު ލުއިސް އިނާޝިއޯ ލޫލާ ޑަ ސިލްވަރ އަށް އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިވަޑައިގެންފައިވާއިރު ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާގޮތުގައި އޮކްޓޯބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ބޮލްސާނަރޯ ކުރި ހޯއްދަވާނެއެވެ. ނަމަވެސް ދެވަނަ ބުރަކަށް ވަޑައިގެންފި ނަމަ ކާމިޔާބުވުމުގެ ފުރުސަތު ކުޑައެވެ.

ބޮލްސާނަރޯގެ އާއިލާ އިން ރޮއިޓަރސްގައި ބުނެފައި ވަނީ އޭނާގެ ދަށްބަނޑަށް ހަރާލާފައިވާ ވަޅި 4.7 އިންޗިއަށް ވަދެފައިވާ ކަމަށެވެ.

އޭނާ މިހާރު ވަނީ ސައޮޕޯލޯގެ ހޮސްޕިޓަލަކަށް ބަދަލުކުރެވިފައެވެ.

- ކޮމެންޓް