އިސްރާއީލުގެ ތެލްއަވީވުގައި ހުއްޓާ ޤުދުސްއަށް ބަދަލުކުރި ޕެރަގުއޭގެ އެމްބަސީ އަނެއްކާވެސް ތެލް އަވީވަށް ބަދަލު ކުރަން ޕެރަގުއޭގެ އައު ސަރުކާރުން ނިންމުމުމާ ގުޅިގެން އިޒްރާއީލުން ބަދަލު ހިފައިފިއެވެ.
ޕެރަގުއޭގެ އެމްބަސީ ޤުދުސް އަށް ބަދަލުކުރިތާ ތިން މަސް ފަހުން، ފަލަސްތީނުގެ އެދުމުގެ މަތިން ތެލްއަވީވަށް އެ އެމްބަސީ ބަދަލު ކުރަން އެ ގައުމުގެ އައު ސަރުކާރުން ނިންމުމާއި ގުޅިގެން ޕެރަގުއޭގެ ވެރިރަށް އެސޮންސިއޯންގައި ހުންނަ އިސްރާއީލުގެ އެމްބަސީ ބަންދުކުރަން އެ ގައުމުން ވަނީ ނިންމާފައެވެ.
އެސޮންސިއޯންގައި ހުންނަ އެމްބަސީ ބަންދުކޮށްފައި މިވަނީ ރައީސްކަމުގެ ހުވާ މިދިޔަ މަހު ކުރެއްވި މާރިއޯ އަބްޑޯ ބެނިޓޭޒް މެދުއިރުމައްޗަށް ދާއިމީ ސުލްހަ ހޯދަން ބޭނުންވާކަން ހާމަކޮށްފައި ވަނިކޮށެވެ.
ދެކުނު އެމެރިކާއަށް ނިސްބަތްވާ އެގައުމުގެ ނިންމުމާ ގުޅިގެން އިޒްރޭލުން ފާޅުގައި ފާޑުކިޔަމުންދާ މިދަޑިވަޅުގައި ފަލަސްތީނުން ވަނީ އެ ގައުމުގެ އެމްބަސީއެއް ވަރަށް އަވަހަށް ޕެރަގުއޭގައި ހުޅުވާނެ ކަމަށް ބުނެފައެވެ.
ތެލް އަވީވުން ޤުދުސްއަށް ޕެރަގުއޭގެ އެމްބަސީ ބަދަލު ކުރަން މިދިޔަ މެއި މަހު ނިންމީ ކުރީގެ ރައީސް ހޮރަސިއޯ ކާޓްސް އެވެ. އެއީ އެމެރިކާ އެމްބަސީ ޤުދުސް އަށް ބަދަލު ކުރުމާ ގުޅިގެންނެވެ. އެމެރިކާގެ އެ ނިންމުން ތަންފީޒު ކޮށްފައި ވަނީ އެތައް އަހަރެއް ވަންދެން އެކަން ފަސް ކުރުމަށް ފަހުއެވެ. އެ ނިންމުމާއި ގުޅިގެން މުޅި ދުނިޔެ ވެސް ވަނީ އެމެރިކާއަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.