ކ. މާލެ
|
7 ސެޕްޓެންބަރ 2018 | ހުކުރު 10:41
ބްރެޒިލްގެ ރިޔާސީ ކެނޑިޑޭޓް ޖެއަރ ބޮލްސާނަރޯގެ ގަޔަށް ތޫނު އެއްޗަކުން ހަމަލާ ދިނުމަށް ފަހު
ބްރެޒިލްގެ ރިޔާސީ ކެނޑިޑޭޓް ޖެއަރ ބޮލްސާނަރޯގެ ގަޔަށް ތޫނު އެއްޗަކުން ހަމަލާ ދިނުމަށް ފަހު
ގެޓީ އިމޭޖަސް
ބްރެޒިލްގެ ރިޔާސީ އިންތިޚާބު
ބްރެޒިލްގެ ރިޔާސީ ކެންޑިޑޭޓެއްގެ ގަޔަށް ރެލީއެއްގެ ތެރެއިން ވަޅިހަރައިފި
ބޮލްސާނަރޯގެ ހާލު ސީރިއަސް
ހަމަލާދިނީ ކެމްޕެއިން ރެލީއެއްގައި ވާހަކަ ދައްކަވަނިކޮށް

ބްރެޒިލްގެ ރިޔާސީ އިންތިޚާބުގައި އެންމެ ކުރީގައި އުޅުއްވާ ކެނޑިޑޭޓު، ޖެއަރ ބޮލްސާނަރޯ ކެމްޕެއިން ރެލީއެއްގެ ތެރޭ ހުންނަވަނިިކޮށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.

ކަނާތު ފިޔައިގެ ސިޔާސީ ލީޑަރުގެ ގައިކޮޅަށް ހަމަލާދިނީ އިރުދެކުނުގެ ސްޓޭޓެއް ކަމަށްވާ މިނަ ޖެރައިސްގައި ކެމްޕޭން ރެލީއެއްގެ ތެރޭގައި އެއްވެފައިވާ މީހުންގެ މެދުގައި ވާހަކަދައްކަވަން ހުންނަވަނިކޮށެވެ.

ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ އޭނާއަށް ލިބިފައިވާ ޒަޚަމްތަކަށް ފަރުވާދިނުމަށް ގޮހޮރުގެ އޮޕަރޭޝަނެއް ކުރައްވާފައިވާ ކަމަށާއި ރަނގަޅުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އަސްކަރިއްޔާގައި ކުރިން މަސައްކަތްކުރައްވާފައިވާ ބޮލްސާނަރޯއަކީ ނަސްލީ ތަފާތުކުރުންތައް ގެންގުޅުއްވާތީ ފާޑުކިޔުން އަމާޒުވެފައިވާ ބޭފުޅެކެވެ. ނަމަވެސް އޭނާއަށް ތާއީދުކުރައްވާ ފަރާތްތަކުން ދެކޭ ގޮތުގައި އޭނާއަކީ ކުށް ގިނަ އެ ގައުމު ސަލާމަތްކޮށްދޭނެ މީހާއެވެ.

ބްރެޒިލްގެ ކުރީގެ ރައީސް އަދި އެންމެ މަގުބޫލު ސިޔާސީ ލީޑަރަށް އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ހަނިވެ މުޅިންހެން ގެއްލިފައިވާއިރު ޚިޔާލު ހޯދުމުގެ ވޯޓުތަކުގައި ބޮލްސާނަރޯ ގެންދަވަނީ ކުރި ހޯއްދަވަމުންނެވެ.

ހާދިސާގެ ވީޑިއޯ ފްުޓޭޖުން ފެންނަ ގޮތުގައި ބޮލްސާނަރޯއަށް ހަމަލާދީފައި ވަނީ ސަޕޯޓަރުން އޭނާ އުފުއްލާލައިގެން އުޅެނިކޮށެވެ. ބެލެވޭ ގޮތުގައި އޭނާގެ ގަޔަށް ހަރާފައިވަނީ ވަޅިއެކެވެ.

 މި ހަމަލާއަށް ފަހު ބޮލްސާނަރޯގެ ފިރެހެން ދަރިކަލުން ފުރަތަމަ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ އޭނާގެ ބައްޕާފުޅަށް މާބޮޑު ޒަޚަމެއް ލިބިވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް ދެ ގަޑިއެއްހާއިރަށް ފަހު ޑޮކްޓަރުން ބައްލަވާ ނިމުމުން އޭނާ ވަނީ ބައްޕާފުޅަށް ލިބިވަޑައިގެންނެވި ޒަޚަމް ހީކުރި ވަރަށް ވުރެ މާ ބޮޑު ކަމަށާއި ހޮސްޕިޓަލަށް ގެންދެވުނު އިރު އޮންނެވީ އަވަހާރަވެފައި އޮންނެވި ފަދަ ގޮޮތަކަށް ކަމަށެވެ.

ހޮސްޕިޓަލުގެ އޮފިޝަލުން ފަހުން ވިދާޅުވެފައި ވަނީ ބޮންސާނަރޯގެ ގޮހޮރަށް ލިިބިފައިވާ ޒަޚަމަކީ ފުރާނައަށް ނުރައްކާވާ ފަދަ ޒަޚަމެއް ކަމަށާއި އޭނާގެ ހާލު ސީރިއަސް ކަމަށެވެ. ނަމަވެސް މިވަގުތު އޮންނެވީ ސްޓޭބަލްކޮށް ކަމަށް ބުންޏެވެ.

ބޮލްސާނަރޯއާ ވާދަވެރި ކެނޑިޑޭޓުން ވަނީ މި ހަމަލާ ކުށްވެރިކުރައްވާފައެވެ. ލޫލާގެ ބަދަލުގައި ވަރކަސް ޕާޓީ އިން ނުކުންނަވާނެ ކަމަށް ބެލެވޭ ފެރްނާންޑޯ ހައްދާޖް ވިދާޅުވީ އެ ހަަމަލާއަކީ ގަބޫލުކުރެއްވޭނެ ކަމެެއް ނޫން ކަމަށާއި އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ.

ވެރިރަށް ބްރެސީލިއާގައި ވާހަކަދައްކަވަމުން ރައީސް މިޝޭލް ޓީމަރ ވިދާޅުވީ އެފަދަ ހަމަލާތަކީ ޑިމޮކްރެޓިކް ދައުލަތެއްގައި ތަހައްމަލް ކުރެވޭނެ ކަންކަން ނޫން ކަމަށާއި ބޮލްސާނަރޯއަށް އަވަސް ޝިފާއެއް ލިބިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

ކުރީގެ ރައީސް ދިލްމާ ރުސެފް ވަނީ އެ ހަމަލާއަކީ އަދަބު ނުދެވި ދޫކޮށްލެވިގެންވާނެ ހަމަލާއަކަށް ވެގެން ނުވާނެ ކަމަށް ވިދާޅުވެ އިންޒާރުދެއްވާފައެވެ.

ހަމަލާ ދިން ކަމަށް ތުހުމަތުކުރެވޭ މީހާ މިލިޓަރީ ޕޮލިހުން ވަނީ ހައްޔަރުކޮށްފައެވެ.

 

 

 

- ކޮމެންޓް