އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ބައްދަލުވުމަށްފަހު ދެޤައުމުގެ މެދުގައި ދޭތެރެއަކުން ބަހުގެ ހަމަލާތައް ބަދަލުކުރެވުނުނަމަވެސް، ކިމް އަދިވެސް ޓްރަމްޕްއަށް އިތުބާރުކުރައްވާކަަމަށް ދެކުނު ކޮރެއާގެ އޮފިޝަލުން ބުނެފިއެވެ.
ދެކުނު ކޮރެއާއިން މިހެން ބުނެފައިވަނީ އެޤައުމުގެ މަތީ ފަންތީގެ ވަފުދެއް އުތުރު ކޮރެއާއަށް ޒިޔާރަތްކޮށް، ކިމް އާއި ބައްދަލު ކުރުމަށްފަހުގައެވެ. ދެކުނު ކޮރެއާގެ އޮފިޝަލުން އުތުރު ކޮރެއާއަށް ދިޔައީ މިމަހު ދެކުނު ކޮރެއާގެ ރައީސް މޫން ޖައެ-އިން އާއި ކިމްގެ ބައްދަލުވުމެއް ބޭއްވޭތޯ ކުރަމުންދާ މަސައްކަތުގެ ދަށުންނެވެ.
މިދިޔަ ޖޫން މަހު ޓްރަމްޕްއާއި ކިމް ސިންގަޕޫރުގައި ބައްދަލުކުރެއްވުމަށްފަހު، ކިމް ވަނީ އުތުރު ކޮރެއާގެ ނިއުކްލިއަރ ހަތިޔާރު ނައްތާލައި، ދެކުނު ކޮރެއާއާއިއެކު ސުލްހައިގެ އެއްބަސްވުމަކަށް އައުމަށް އެއްބަސްވެވަޑައިގެންފައެވެ. އެހެންނަމަވެސް އެބައްދަލުވުމުގެ ފަހުން މަޝްވަރާކުރެވުނު އެއްވެސް ކަމަކަށް އުތުރު ކޮރެއާއިން އިޖާބަދީފައި ނުވާއިރު، އުތުރު ކޮރެއާއިން ކުރަން ޖެހޭ މަސައްކަތްތައް އަދިވެސް ވަރަށް ގިނަކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވަނީ ވިދާޅުވެފައެވެ.
ދެކުނު ކޮރެއާގެ އޮފިޝަލުންނާއިއެކު ކުރެވުނު މަޝްވަރާތަކުގައި ކިމް ވިދާޅުވީ ޓްރަމްޕްއަށް އިތުބާރު އެބައޮތްކަަމަށާއި، ޓްރަމްޕްގެ ވެރިކަމުގެ ފުރަތަމަ ދައުރުގެ ތެރޭގައި ކޮރެއާ ސަރަަހައްދަކީ ނިއުކްލިއަރ ހަތިޔާރު ނެތް ތަނަކަށް ހައްދަވާނެކަމަށެވެ.
ދެކޮރެއާގެ ލީޑަރުންގެ ބައްދަލުވުމެއް މިމަހު ބޭއްވިއްޖެނަމަ އެކަން ވެގެންދާނީ ފާއިތުވި ދިހަ ވަރަކަށް އަހަރުތެރޭ ދެކުނު ކޮރެއާގެ ލީޑަރަކު ޕިޔޮންގްޔަންގްއަށް ވަޑައިގަންނަވާ ފުރަތަމަ ދަތުރުފުޅަށެވެ. ދެކޮރެއާގެ ލީޑަރުންގެ ބައްދަލުވުން އޮންނާނެކަމަށް ބެލެވެނީ މިމަހުގެ 18 އިން 20 އަށް އުތުރު ކޮރެއާގެ ވެރިރަށް ޕިޔޮންގްޔަންގްގައެވެ. މި ބައްދަލުވުމުގައި އެމެރިކާއާއި އުތުރު ކޮރެއާއާއި ދެމެދު އަނެއްކާވެސް ވާހަކަތައް ފެށުމަށް މެދުވެރިއެއްގެ ރޯލު ދެކުނު ކޮރެއާއިން އަދާކުރުމާއި މެދު މަޝްވަރާކުރެވޭނެއެވެ.
ޓްރަމްޕްއަށް އިތުބާރު އެބައޮތްކަމަށް އުތުރު ކޮރެއާއިން ބުނެފައިވާއިރު، އުތުރު ކޮރެއާއިން އެއްބަސްވި ގޮތަށް އަމަލުކުރުމުގައި ލަސްތަކެއް އުޅޭކަމަށް ބުނެ، މިދިޔަ މަހު އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ އުތުރު ކޮރެއާއަށް ކުރައްވަން ހަމަޖެހިފައި އޮތް ދަތުރުފުޅު އެންމެ ފަހުވަގުތު ޓްރަމްޕްގެ ލަފާފުޅުގެ މަތިން ވަނީ ކެންސަލް ކޮށްފައެވެ.