ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގި ގަތުލު އާއްމު ތަހުގީގީ ނޫސްވެރިކަމެއްގެ ތެރެއިން ރިޕޯޓް ކުރަން އުޅުނު ރޮއިޓަރސްގެ ދެ ނޫސްވެރިޔަކު ޖަލަށް ލުމަށް މިޔަންމާގެ ކޯޓަކުން ހުކުމް ކޮށްފިއެވެ.
ދެ މީހުންގެ މައްޗަށް ހަތް އަހަރަށް ޖަލަށް ލުމަށް ހުކުމްކުރީ މިޔަންމާގެ ދައުލަތުގެ ސިއްރުތަކާބެހޭ ގާނޫނާ ޚިލާފުވެފައިވާ ކަމަށްބުނެއެވެ.
ވާ ލޯން އަދި ކައިއޯ ސޮއެ އޫ ހައްޔަރު ކޮށްފައިވަނީ އެމީހުންނަށް ފުލުހަކު ދިން ރަސްމީ ލިޔެކިޔުންތަކެއް ގެންގުޅެނިކޮށެވެ.
މި މައްސަލަ ބެލެވިގެން ގޮސްފައިވަނީ މިޔަންމާގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު ޓެސްޓު ކޮށްލެވޭނެ ހާދިސާއެއްގެ ގޮތުގައެވެ.
އެ މީހުންގެންދަނީ ކުށެއް ނުކުރާ ކަމަށާއި އެ ކަމަކީ ފުލުހަކު ރާވާފައިވާކަމެއް ކަމަށް ބުނަމުންނެވެ.
"މި އަދަކީ މިޔަންމާއަށާއި ރޮއިޓަރސްގެ ނޫސްވެރިން ކަމަށްވާ ވާ ލޯން އަދި ކިޔޯ ސޮއެ އޫ އަދި ކޮންމެ ތަނެއްގެ ނޫސްވެރިކަމުގެ މިނިވަން ކަމަށްވެސް ހިތާމަވެރި ދުވަހެއް" ރޮއިޓަރސްގެ ޗީފް އެޑިޓަރ ސްޓެފަން އެޑްލަރ ވިދާޅުވިއެވެ.
އުމުރުން 32 އަހަރުގެ ވާ ލޯން އަދި 28 އަހަރުގެ ކައިއޯގެ މައްޗަށް ދައުވާ އުފުލީ ޖެނުއަރީ މަހުއެވެ.
ދެ ނޫސްވެރިން ހައްޔަރުކުރި ދުވަސްވަރު އެ ދެ ނޫސްވެރިން މަސައްކަތް ކުރަމުން ދިޔައީ ރަޚައިން ސްޓޭޓްގެ އަވަށެއްގައި 10 ކުޑަކުދިން މަރާލި މައްސަލައެއްގެ ހަގީގަތް ހޯދުމަށެވެ.
އެ ނޫސްވެރިންގެ އަތުގައި ހުރި ކަމަށް ތުހުމަތު ކުރާ ސިއްރު ޑޮކިއުމެންޓްތަކަކީ މައްސަލައިގެ އަސްލު ކަމަށްވާއިރު އެއީ މިޔަންމާގެ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ޑޮކިއުމެންޓްތަކެއް ކަމަށް ޝަރީއަތުގައި ސާބިތު ކޮށްދެވިފައި ނުވާ ކަމަށް ދިފާއީ ވަކީލުން ވަނީ ވިދާޅުވެފައެވެ.