ކ. މާލެ
|
1 ސެޕްޓެންބަރ 2018 | ހޮނިހިރު 13:05
ޚިޔާލު ހޯދުމުގެ ވޯޓްތަކުން އެންމެ ކުރީގައި އުޅުއްވަނީ ލޫލާ
ޚިޔާލު ހޯދުމުގެ ވޯޓްތަކުން އެންމެ ކުރީގައި އުޅުއްވަނީ ލޫލާ
ރޮއިޓަރސް
ލޫލާގެ ކޮރަޕްޝަން
ލޫލާ ރިޔާސީ ރޭހަށް ނުކުމެވަޑައިގަތުން މަތީ ކޯޓުން ހުއްޓުވައިފި
ހަތް ފަނޑިޔާރުންގެ ތެރެއިން ހަ ފަނޑިޔާރުން ވޯޓް ދެއްވީ ލޫލާއާ ދެކޮޅަށް
މަގުމައްޗަށް ނުކުމެ ލުލާ ދިފާއުކުރާނަން: ވޯކަރސް ޕާޓީ

ބްރެޒިލްގެ ކުރީގެ ރައީސް ލުއިސް އިނާޝިއޯ ލޫލާ ޑަ ސިލްވާއަށް އޮކްޓޯބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވޭނެ ކަމަށް އިންތިޚާބީ މައްސަލަތަކުގައި ގޮތް ނިންމާ އެގައުމުގެ އެންމެ މަތީ ކޯޓުން ނިންމައިފިއެވެ.

ހޮނިހިރު ދުވަހުގެ ހެނދުނާ ހަމައަށް ދިގުދެމިގެންދިޔަ ޝަރީއަތުގެ މަޖިލީހުގައި ލޫލާއަށް ކުރިމަތި ނުލެއްވޭނެ ކަމަށް 6 ފަނޑިޔާރަކު ވޯޓް ދެއްވިއިރު ލޫލާއާ އެއްކޮޅަށް ވޯޓްދެއްވީ އެންމެ ފަނޑިޔާރެކެވެ.

ރައްޔިތުންގެ މެދުގައި މަގުބޫލުކަން ބޮޑު ލޫލާގެ މައްޗަށް ރިޝްވަތު ހިފިކަން ސާބިތުވެ އޭޕްރީލް މަހުން ފެށިގެން ހުންނަވަނީ ޖަލުގައެވެ.

ލޫލާއާ ދެކޮޅަށް އެންމެ ފުރަތަމަ ވޯޓް ދެއްވި ފަނޑިޔާރު ލުއިސް ރޮބާޓޯ ބެރޯސޯ ވިދާޅުވީ މިއީ ވަރަށް ސާފު ނިންމުމެއް ކަމަށާއި އެ މީހެއްގެ މައްޗަށް ސާބިތުވެފައިވާ މައްސަލައަކަށް އިސްތިއުނާފް ކޯޓުން ތާއީދުކޮށްފައިވާ ނަމަ އެމީހަކަށް އިންތިޚާބުގައި ވާދަނުކުރެވޭނެ ކަމަށެވެ.

ރައުޔު ތަފާތުވި ފަނޑިޔާރު އެޑްސަން ފޭޗިން ވިދާޅުވީ ލޫލާގެ މައްޗަށް ސާބިތުވެފައިވާ މައްސަލައިގައި އިސްތިއުނާފްގެ އިތުރު މަރުހަލާއެއް ވެސް އޮތް އިރު އެކަމަށް ރިއާޔަތްކޮށް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީ އިން ވެސް އޭނާއަށް ފުރުސަތު ދިނުމަށް ގޮވާލާފައިވާ ކަމަށެވެ.

ކޯޓުގެ ނިންމުން އައިތާ ވަގުތުކޮޅެއްގެ ތެރޭގައި ލޫލާގެ ވަރކަރސް ޕާޓީ އިން ވަނީ އޭނާގެ ކެންޑިޑެސީ ކަށަވަރުކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ވައުދުވެފައެވެ.

އެ ޕާޓީން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ގާނޫނުތަކާއި ބްރެޒިލް އިން ތަސްދީގުކޮށްފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކުން ލިބިދޭ ހައްގުތައް ހޯދުމަށް އިސްތިއުނާފުގެ ހުރިހާ މަރުހަލާއަކަށް ހުށަހަޅާނެ ކަމަށެވެ.

"އަހަރުމެން ލޫލާ ދިފާއުކުރާނަން ރައްޔިތުންނާ އެކު މަގުތަކަށް ނުކުމެ" ވަރކަރސް ޕާޓީގެ ބަޔާނުގައި ވެއެވެ.

އުމުރުފުޅުން 72 އަހަރުގެ ލޫލާ ގެންދަވަނީ ކޮންސްޓްރަކްޝަން ކުންފުންޏެއްގެ ފަރާތުން ރިޝްވަތުގެ ގޮތުގައި ގޮނޑުދޮށުގެ ސަރަހައްދަކުން މަތީ ފަންތީގެ އެޕާޓްމަންޓެއް ގަބޫލުކުރެއްވި ކަމަށް ސާބިތުވެ 12 އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރައްވަމުންނެވެ.

ލޫލާގެ މައްޗަށް ފުރަތަމަ މަރުހަލާގެ ކޯޓުން ކުށް ސާބިތުވީ 2017 ވަނަ އަހަރުގެ ޖުލައި މަހު ކަމަށްވާއިރު އިސްތިއުނާފުގެ ފުރަތަމަ މަރުހަލާ ގެއްލިފައިވާތީ މި އަހަރުގެ ޖެނުއަރީމަހުއެވެ.

ވޯކާސް ޕާޓީން ވަނީ އެ ގައުމުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓަކަށް، ލޫލާ ކަނޑައަޅާފައެވެ.

ބްރެޒިލްގެ ރިޔާސީ އިންތިޚާބު އޮންނާނީ އޮކްޓޯބަރުމަހުގެ 7 ވަނަ ދުވަހުއެވެ.

ދަގަނޑުގެ މަސައްކަތުގައި އުޅުއްވުމަށް ފަހު ޔޫނިއަން ލީޑަރަކަށް ވެވަޑައިގެން އޭގެ ފަހުން ވެރިކަމަށް ވަޑައިގެންފައިވާއިރު އެ މަނިކުފާނު ފާހަގަ ކުރެވިގެން ގޮސްފައި ވަނީ ބައިގަރުނެއްހާ ދުވަހުގެ ތެރޭގައި ވާތު ފިޔައިގެ ލީޑަރެއްގެ ގޮތުގައި ވެރިކަމަށް ވަޑައިގެންނެވި ފުރަތަމަ ލީޑަރުގެ ގޮތުގައެވެ.

ލޫލާ ވަނީ 2003 އާއި 2010 ވަނަ އަހަރާއި ދެމެދު މަގުބޫލު ބޭފުޅެއްގެ ގޮތުގައި ދެ ދައުރު ފުރިހަމަ ކުރައްވާފައެވެ.

- ކޮމެންޓް