އެމެރިކާ ގޮވައިގެން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް އީރާނުން ހިގައްޖެއެވެ.
އީރާނުން ވަނީ އެމެރިކާއިން އެ ގައުމަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް އުވާލުމަށް އެދިފައެވެ. ކޯޓުގައި އީރާނުން ބުނީ އެމެރިކާއިން ބޭނުން ވަނީ އެ ގައުމުގެ އިގްތިސާދު ހަލާކު ކޮށްލުން ކަމަށެވެ. އަދި ގައުމުގެ އެތެރޭގައި ހަމަ ނުޖެހުން އުފެއްދުން ކަމަށެވެ.
މިހާރު އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅަކީ 1955 ވަނަ އަހަރު ދެ ގައުމުގެ މެދުގައި ގާއިމް ކޮށްފައިވާ އެމިޓީ، އިކޮނޮމިކްސް ރިލޭޝަންސް އެންޑް ކޮންސިއުލާ ރައިޓްސް މުއާހަދާއާ ޚިލާފު ކަމެއް ކަމަށް އީރާނުން ވަނީ ބުނެފައެވެ.
ރައްދުގައި އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕޯ ވިދާޅުވީ އީރާނުން ކޯޓަށް މައްސަލަ ހުށަހެޅީ އެމެރިކާގެ މިނިވަން ކަމަށް އަރައިގަތުމަށެވެ. އަދި ގައުމީ ސަލާމަތަށް ނުރައްކާވާ ކޮންމެ ކަމެއް އެ ގައުމުން ހުރީ ދިފާއުކުރަން ތައްޔާރަށް ކަމަށާއި ކޯޓުގައި އީރާނުގެ ވާހަކަތައް ދިފާއު ކުރައްވާނެ ކަމަށެވެ.
އީރާނާ އެކު ގާއިމްކޮށްފައިވާ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ މެއި މަހު ވަކިވެ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރެއްވި ފަހުން އީރާނުގެ އިގްތިސާދު ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. އީރާނުގެ ފައިސާގެ އަގު ވެއްޓި، އިންފްލޭޝަން ރޭޓް 10.2 ޕަސެންޓަށް ބޮޑުވެ އަދި ވަޒީފާ ނެތް މީހުންގެ އަދަދު ވަނީ 12.5 ޕަސެންޓަށް އަރައިފައެވެ. އެއާއެކު ރައީސް ހަސަން ރޫހާނީގެ ސަރުކާރަށް ބޮޑެތި މައްސަލަތައް ކުރިމަތިވެ، ސަރުކާރު މިހާރު އޮތީ ޕްރެޝަރަށް ވެއްޓިފައެވެ.
އިގްތިސާދު ހީނަރުވަމުންދާ މައްސަލައިގައި ފިޔަވަޅުތައް އެޅުމަށް ނުކުޅެދުމުގެ ސަބަބުން ފިނޭންސް މިނިސްޓަރު މަސްއޫދު ކަރްބާސިއަންގެ މައްޗަށް ވަނީ މިދިޔަ ހޯމަ ދުވަހު އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި އޭނާ މަގާމުން ދުރު ކޮށްފައެވެ. އަދި ރައީސް ހަސަން ރޫހާނީގެ ދައުރުގައި ފުރަތަމަ ފަހަރަށް ގާނޫނު ހަދާ މަޖްލީހަށް ހާޒިރުކޮށް ވަނީ ސުވާލު ކޮށްފައެވެ.