ކ. މާލެ
|
29 އޯގަސްޓް 2018 | ބުދަ 14:27
ސްކޮޓްލޭންޑް ސަރުކާރުގެ އިސްނެގުމާ އެކު 395،000 ދަރިވަރުންނަށް ދެން ސެނިޓަރީ ޕެޑް ހިލޭ ލިބިގެންދާނެ
ސްކޮޓްލޭންޑް ސަރުކާރުގެ އިސްނެގުމާ އެކު 395،000 ދަރިވަރުންނަށް ދެން ސެނިޓަރީ ޕެޑް ހިލޭ ލިބިގެންދާނެ
ގެޓީ އިމޭޖަސް
ޕީރިއަޑް ޕަވަރޓީ
ދަރިވަރުންނަށް މައްސަރު ޕެޑް ހިލޭ ދޭ ފުރަތަމަ ގައުމަކަށް ސްކޮޓްލޭންޑް
ސަރުކާރުންވަނީ އެކަމަށްޓަކައި 5.2 މިލިއަން ޔޫރޯ ޚަރަދުކުރަން ނިންމާފައި

ސުކޫލްތަކާއި ކޮލެޖްތަކާއި ޔުނިވާސިޓީތަކުގެ ދަރިވަރުންނަށް މައްސަރު ޕެޑް ހިލޭދޭ ފުރަތަމަ ގައުމަކަށް ސްކޮޓްލެންޑް ވެއްޖެއެވެ.

ދި ގާޑިއަންގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ސްކޮޓްލޭންޑްގެ ސަރުކާރުން ވަނީ އެކަމަށްޓަކައި 5.2 މިލިއަން ޔޫރޯ ނުވަތަ (6.7 މިލިއަން އެމެރިކާ ޑޮލަރު) ކަނޑައަޅާފައެވެ.

މި ކަމަކީ ފައިސާ ލިބުމުގެ ދަތިކަމާ އެކު ސެނިޓަރީ ޕްރޮޑަކްޓްތައް ހޯދުމަށް އޮތް ގޮންޖެހުން ނައްތާލުމަށް އަމާޒު ހިފައިގެން ފެށިފެށުމެކެވެ.

ސެނިޓަރީ ޕްރޮޑަކްޓްތައް ހޯދުމަށް އޮތް ގޮންޖެހުމަށް "ޕީރިއަޑް ޕަވަރޓީ"ގެ ނަން ދެވިފައިވާއިރު އެ ގޮންޖެހުން ނައްތާލަން ގެންދަނީ މަސައްކަތްކުރަމުންނެވެ.

ސްކޫލް އުމުރުފުރައިގެ އަންހެން ކުދިންނަށް ޚާއްސަކޮށްގެން މައްސަރު ޕެޑް ފޯރުކޮށްދޭން ފެށުމުން އެ ނުލިބިގެން ކިޔެވުމަށް ބުރޫ އެރުން ހުއްޓޭނެ ކަމަށް އޮފިޝަލުން އުއްމީދުކުރެއެވެ.

ވިމެން ފޮރ އިންޑިޕެންޑެންސްގެ ސަރވޭ އިން ދައްކާ ގޮތުގައި ސްކޮޓްލޭންޑްގައި ގާތްގަނޑަކަށް ކޮންމެ ފަސް އަންހެނަކުން އެކަކީ ފައިސާ ނުލިބިގެން ސެނިޓަރީ ޕްރޮޑަކްޓްސް ނުގަނެވޭ މީހުންނެވެ.

ރިސަރޗް ގްރޫޕެއް ކަމަށްވާ ޔަންގް ސްކޮޓްގެ ދިރާސާއަކުން ދައްކާ ގޮތުގައި ސެނިޓަރީ ޕްރޮޑަކްޓްސް ހޯދުމުގައި މިދިޔަ އަހަރު 26 އިންސައްތަ ދަރިވަރުން ގޮންޖެހުންތަކާ ކުރިމަތިލާފައި ވެއެވެ. އަދި އެ ކުދިންގެ ތެރެއިން 43 ޕަސެންޓް ކުދިން ބުނެފައި ވަނީ އެކުދިންނަށް އެކަން ދިމާވީ ގަނެވޭނެ ގޮތް ނެތިގެން ކަމަށެވެ.

މި މައްސަލައަކީ ހަމައެކަނި ސްކޮޓްލޭންޑްގައި ދިމާވެފައިވާ މައްސަލައެއް ނޫނެވެ. އެމެރިކާގައި ވެސް ކޮންމެ ފަސް އަންހެން ކުއްޖެއްގެ ތެރެއިން އެއް ކުއްޖަކު، ޕެޑް ނެތިގެން ސްކޫލްގައި ހުރުމަށް ފަހު އަވަހަށް ނުކުމެގެން ދިއުން ނުވަތަ އެ ދުވަސްވަރު އެއްގޮތަކަށް ސްކޫލަށް ނުގޮސް ތިބެއެވެ.

ސްކޮޓްލޭންޑް ސަރުކާރުގެ އިސްނެގުމާ އެކު އެ ގައުމުގެ 395،000 ދަރިވަރުންނަށް ސެނިޓަރީ ޕެޑް ހިލޭ ލިބިގެންދާނެއެވެ.

އެގައުމުގެ ކެބިނެޓް ސެކްރެޓަރީ އައިލީން ކެމްބެލް ވިދާޅުވީ ސްކޮޓްލޭންޑް ފަދަ މުއްސަނދި ގައުމެއްގައި އަސާސީ ސެނިޓަރީ ޕެޑް ނުގަނެވިގެން އެއްވެސް މީހަކު ހުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

- ކޮމެންޓް