ކ. މާލެ
|
29 އޯގަސްޓް 2018 | ބުދަ 11:53
އީރާނުން ހުށަހަޅާފައިވާ މައްސަލައިގައި އައިސީޖޭ އިން ގޮތެއް ނިންމުމަށް އަދި ހަފްތާތަކެއް ނަގާނެ ކަމަށް ބެލެވޭ
އީރާނުން ހުށަހަޅާފައިވާ މައްސަލައިގައި އައިސީޖޭ އިން ގޮތެއް ނިންމުމަށް އަދި ހަފްތާތަކެއް ނަގާނެ ކަމަށް ބެލެވޭ
ރޮއިޓަރސް
އިރާނުގެ ނިއުކްލިއަރ މައްސަލަ
ދަތިކުރުމުގެ ފިޔަވަޅު އެޅި މައްސަލަ އދ. ގެ ކޯޓަކަށް ނުބެލޭނެ: އެމެރިކާ
ނިއުކްލިއަރ އެއްބަސްވުމުން އެމެރިކާ ވަކިވީ މެއި މަހު
އޯގަސްޓް މަހު ވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އިއާދަކޮށްފައި

އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމުގެ މައްސަލައިގައި އެ ގައުމާ ދެކޮޅަށް އެމެރިކާ އިން ދާދި ފަހުން އެޅި ދަތިކުރުމުގެ ފިޔަވަޅުތައް ހުއްޓުވައިދިނުމަށް އީރާނުން އެދިފައިވާ މައްސަލައިގައި ގޮތެއް ނިންމުމުގެ އިހުތިސާސް އދ. ގެ އެންމެ މަތީ ކޯޓަށް ލިބިގެން ނުވާ ކަމަށް އެމެރިކާއިން އެ ކޯޓުގައި ބުނެފިއެވެ.

ދަ ހޭގުގައި ހުންނަ އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ވަކާލާތުކުރައްވަމުން އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓްގެ ވަކީލު ޖެނިފަރ ނިއުސްޓެޑް އަންގާރަ ދުވަހު ވިދާޅުވީ އީރާނުގެ ދައުވާ ކުރިޔަށްގެންދިއުމުގެ އިހުތިޞާސް އެ ކޯޓަށް ނުލިބޭ ކަމަށެވެ.

މައްސަލައިގެ ފުރަތަމަ އަޑުއެހުން ހޯމަ ދުވަހު ބާއްވާފައިވާއިރު އީރާނުން ބުނީ ދުނިޔޭގެ ބާރުތަކާ އެކު 2015 ވަނަ އަހަރު އީރާނުންވީ އެއްބަސްވުމުން އެމެރިކާ ބޭރުވެ 1955 ގެ މުއާހަދާއާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޚިލާފުވެ ވަޑައިގެންފައިވާ ކަމަށެވެ.

ނިއުސްޓެޑް ވިދާޅުވީ އެމެރިކާއަށް އެ ގައުމުގެ ގައުމީ ސަލާމަތްތެރިކަން ރައްކާކުރުމާއި އެހެނިހެން މަސްލަހަތުތައް ރައްކާތެރިކުރުމުގެ ހައްގު ލިބިގެންވާ ކަމަށެވެ.

އެ ސަބަބާއެކު ކޯޓުގެ ނިންމުމެއް ހޯދުމަށްޓަކައި އަސާސެއްގެ ގޮތުގައި އެ މުއާހަދާ ހުށަނޭޅޭނެ ކަމަށެވެ.

އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނައްތާލާފައި ވަނީ އދ. ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ފަސް މެމްބަރުންގެ އިތުރުން ޖަރުމަނާއި ވިލާތުގެ އިއްތިހާދާ އެކު ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ.

އޭގެ ބަދަލުގައި އީރާނުން ވަނީ ނިއުކްލިއަރ ހަތިޔާރު އުފެއްދުން ހުއްޓާލުމަށް އެއްބަސްވެފައެވެ.

ރައީސް ޓްރަމްޕް ވިދާޅުވެފައި ވަނީ އެ އެއްބަސްވުމަކުން އީރާނުގެ ނުރައްކާތެރިކަން އެކަށީގެންވާ ވަރަށް ކުޑަނުކުރެވޭ ކަމަށެވެ.

ރައީސް ޓްރަމްޕް ވަނީ މެއި މަހުގެ ތެރޭގައި އެ އެއްބަސްވުމުން ވަކިވެ ވަޑައިގެން އީރާނަށް އަޅާފައި އޮތް ދަތިކުރުމުގެ ފިޔަވަޅުތައް އޯގަސްޓް މަހުގެ ކުރީކޮޅު އިއާދަކޮށްފައެވެ.

ނިއުސްޓެޑް ވިދާޅުވީ ކޯޓަށް ހުށަހަޅާފައިވާ މުޅި މައްސަލައަކީ 2015 ގެ އެކޯޑަށް އެމެރިކާ އަލުން އަމަލުކުރުމަށް މަޖުބޫރު ކުރުވުމަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ.

އީރާނުގެ ވަކީލު ހޯމަ ދުވަހު ވިދާޅުވީ އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުތައް އީރާނުގެ ރައްޔިތުންގެ ވެލްފެއަރގެ ކަންކަމަށް ބިރަކަށް ވެފައިވާ ކަމަށާއި އެތައް ބިލިއަން ޑޮލަރެއްގެ ވިޔަފާރިތަކަށް ގެއްލުން ވަމުންދާ ކަމަށެވެ.

 

- ކޮމެންޓް