ކ. މާލެ
|
28 އޯގަސްޓް 2018 | އަންގާރަ 11:08
ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު (ވ) އަދި ވަލީއަހުދު މުހައްމަދު ބިން ސަލްމާން
ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު (ވ) އަދި ވަލީއަހުދު މުހައްމަދު ބިން ސަލްމާން
އޭޕީ
ސައުދީ އަރަމްކޯ
ސައުދީ އަރަމްކޯގެ ހިއްސާ ވިއްކުން ރަސްގެފާނު ސަލްމާން ހުއްޓުވައިފި
އަރަމްކޯގެ ހިއްސާ ވިއްކުމަކީ އިގްތިސާދީ އިސްލާހީ ބަދަލުތަކުގެ ތެރޭގައި ހިމެނޭ ކަމެއް

ސައުދީ އަރަބިއްޔާގެ ދައުލަތުގެ ތެޔޮ ކުންފުނި އަރަމްކޯގެ ފަސް ޕަސެންޓްގެ ހިއްސާގެ ބާޒާރުގައި ވިއްކުމަށް ވަލީއަހުދު މުހައްމަދު ބިން ސަލްމާން ކުރައްވަމުން ގެންދެވި މަސައްކަތްޕުޅު ހުއްޓަވާލެއްވުމަށް ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު އަންގަވައިފިއެވެ.

ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ ބައްޕާފުޅު، ރަސްގެފާނު ސަލްމާން މި ނިންމެވުން ނިންމެވި ސަބަބުތައް ރަސްގެފާނާ ގުޅުން އޮތް ތިން ފަރާތަކުން ވަނީ ރޮއިޓަރސް އަށް ކިޔައިދީފައެވެ.

ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް މައުލޫމާތުދެއްވި އޮފިޝަލަކު ވިދާޅުވެފައި ވަނީ އެ ނިންމުން އައިސްފައި ވަނީ އާއިލާގެ މެމްބަރުންނާއި، ބޭންކްތަކާއި، އަރަމްކޯގެ ކުރީގެ ސީއީއޯ ވެސް ހިމެނިވަޑައިގަންނަވާ ގޮތުން ތެލުގެ ވިޔަފާރީގެ އިސް ފަރާތްތަކާއި ރަސްގެފާނު ބައްދަލުކުރެއްވުމަށް ފަހުއެވެ. އެ ބައްދަލުވުންތައް ކުރިޔަށް ގެންގޮސްފައި ވަނީ ޖޫން މަހުގެ ތެރޭ ނިމިގެންދިޔަ ރަމްޟާން މަހުއެވެ.

މަޝްވަރާގައި ބައިވެރިވެ ވަޑައިގެންނެވި ބޭފުޅުން ލަފާ އަރުވާފައި ވަނީ އިނީޝިއަލް ޕަބްލިކް އޮފަރިންގ (އައިޕީއޯ) އަކަށް ދިއުމުން ފައިދާގެ ބަދަލުގައި ލިބޭނީ ގެއްލުން ކަމަށެވެ.

ލަފާއެރުވު ބޭފުޅުންގެ މައިގަނޑު ކަންބޮޑުވުމަކީ އާއްމުންނަށް ހިއްސާ ވިއްކުމުން އަރަމްކޯގެ މާލީ ހުރިހާ ކަމެއްގެ ތަފްސީލް އެންމެނަށް އެނގިގެން ދިއުން ކަމަށް ނަން ހާމަ ނުކުރުމަށް އެދުނު އެ ފަރާތުން ވިދާޅުވެއެވެ.

ހިއްސާ ވިއްކުން ހުއްޓަވާލެއްވުމަށް އެދިވަޑައިގެން ރަސްގެފާނު ސަލްމާން ޖުލައި މަހުގެ ފަހުކޮޅު އިދާރީ އޮފީހަށް ސިޓީ ފޮނުއްވި ކަމަށް މައުލޫމާތު ދެއްވި ތިން ބޭފުޅުން ވިދާޅުވެއެވެ. އެއް ބޭފުޅަކު ވިދާޅުވި ގޮތުގައި ރަސްގެފާނުގެ ނިންމެވުމަކީ ފަހުގެ ނިންމެވުން ކަމަށް ވެސް އެއް ބޭފުޅަކު ވިދާޅުވިއެވެ.

"ރަސްގެފާނު ނޫނެކޭ ވިދާޅުވެއްޖެ ނަމަ ދެން ހިރިވެސް ނުލެވޭނެ،" އެއް ބޭފުޅަކު ވިދާޅުވިއެވެ.

ވޭތުވެ ދިޔަ ދެ އަހަރު ސައުދީ އަރަމްކޯއިން ދިޔައީ އެ ކުންފުނީގެ ފަސް ޕަސެންޓް ހިއްސާގެ ބާޒާރުގައި ވިއްކުމަށް ތައްޔާރުވަމުންނެވެ.

އޮފިޝަލުން ވަނީ ދުނިޔޭގެ ހިއްސާގެ ބާޒާރުތަކާއި، ދުނިޔޭގެ ބޭންކްތަކާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ވެސް ވާހަކަ ދައްކާފައެވެ.

އަރަމްކޯގެ ހިއްސާ ވިއްކުމަކީ ސައުދީއަށް ގެންނަމުންދާ އިގްތިސާދީ އިސްލާހީ ބަދަލުތަކުގެ ތެރޭގައި ކުރަން ވައުދުވި މުހިއްމު ކަމެކެވެ. އަދި އެއީ އެންމެ ބޮޑު އައިޕީއޯގެ ގޮތުގައި 100 ބިލިއަން ޑޮލަރަށް އަމާޒު ހިފައިގެން ހުޅުވާލަން އުޅުނު ހިއްސާއެވެ.

- ކޮމެންޓް