ސަރުކާރުގެ ސިއްރު ޑޮކިއުމެންޓްތަކެއް ގެންގުޅުނުކަމުގެ ތުހުމަތުގައި މިޔަންމާގައި ޖަލަށް ލާފައިވާ ރޮއިޓަރސްގެ ދެ ނޫސްވެރިންނަށް ހުކުމް ކުރުން އަންނަ ހަފްތާގެ ހޯމަ ދުވަހަށް ފަސްކޮށްފިއެވެ.
ހުކުމް ކުރުމުގެ އަންނަ ހޯމަ ދުވަޖަށް ބަދަލު ކުރީ މައްސަލަ ބައްލަވާ ގާޒީ ބަލިވެގެން ކަމަށް ކޯޓުން ބުނެއެވެ. ކުރިން އޮތީ މި ހަފްތާގެ ހޯމަ ދުވަހު ހުކުމް ކުރާ ގޮތަށެވެ.
އެ ނޫސްވެރިންގެ ޝަރީއަތް އަޑުއެހުމަށް ގިނަ އަދަދެއްގެ ނޫސްވެރިންނާއި މީޑިއާގެ ފަރާތްތަށް ހޯމަ ވަނީ ކޯޓު ކައިރިއަށް ޖަމާވެފައެވެ. އަދި ގިނަ އަދަދެއްގެ ޑިޕްލޮމެޓުން ވެސް ވަނީ ޝަރީއަތް އަޑުއެހުމަށްޓަކާ ކޯޓަށް ހާޒިރުވެފައެވެ.
ރޮއިޓާސްއިން ވަނީ ޝަރީއަތް ފަސް ކުރުމުން އެކަމާ ހިތާމަ ކުރާ ކަމަށް ބުނެފައެވެ. އަދި މިއަދާހަމައަށް އަށް މަހަށްވުރެ ގިނަ ދުވަސް ދެ ނޫސްވެރިން ޖަލުގައި ހޭދަ ކޮށްފައި ވަނީ ނުކުރާ ކުށެއްގައި ކަމަށް ރޮއިޓާސްއިން ބުނެއެވެ.
ދެ ނޫސްވެރިންގެ ގާނޫނީ ވަކީލުން ތުހުމަތުކުރާ ގޮތުގައި މިއީ މިޔަންމާގެ ސަރުކާރުން ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގާ ޖަރީމާތައް ރިޕޯޓް ކުރުމަށް ހުރަސް އެޅުމުގެ ގޮތުން އެ ގައުމުގެ ފުލުހުން ރާވައިގެން ކޮށްފައިވާ ކަމެއްގެ ގޮތުގައެވެ.
އެ ދެ ނޫސްވެރިންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ ހިންގ މައުން ޒޯ ވިދާޅުވީ ނޫސްވެރިންގެ މަސައްކަތަކީ ތެދު ހާމަކުރުން ކަމަށާއި ނަމަވެސް ބައެއް ފަހަރު ތެދު ގަބޫލު ކުރުމަށް ބައެއް ފަރާތްތަކަށް ދަތިވާ ކަމަށެވެ. އެ ނޫސްވެރިންގެ އަތުގައި ހުރި ކަމަށް ތުހުމަތުކުރާ ސިއްރު ޑޮކިއުމެންޓްތަކަކީ މައްސަލައިގެ އަސްލު ކަމަށްވާއިރު އެއީ މިޔަންމާގެ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ޑޮކިއުމެންޓްތަކެއް ކަމަށް ޝަރީއަތުގައި ސާބިތުކޮށްދެވިފައި ނުވާ ކަމަށް ދިފާއީ ވަކީލުން ވަނީ ވިދާޅުވެފައެވެ.
މި ޝަރީއަތް ހިންގަމުންދަނީ ރޮއިޓަރސްގެ ދެ ނޫސްވެރިން ކަމަށްވާ އުމުރުން 32 އަހަރުގެ ލޯ ވާން އަދި 28 އަހަރުގެ ކުއާއޭ ސުއެ އޫ އާ ދެކޮޅަށެވެ. ސިއްރު ހިފެހެއްޓުމާއި ގުޅޭ ގާނޫނުގެ ދަށުން ޖެނުއަރީ މަހުން ފެށިގެން ދެ ނޫސްވެރިންގެ މައްޗަށް ވެސް ދައުވާ އުފުލާފައިވާއިރު ދައުވާ ސާބިތުވެއްޖެނަމަ 14 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ދެ ނޫސްވެރިން ހައްޔަރުކުރި ދުވަސްވަރު އެ ދެ ނޫސްވެރިން މަސައްކަތްކުރަމުން ދިޔައީ ރާހިން ސްޓޭޓްގެ އަވަށެއްގައި 10 ކުޑަކުދިން މަރާލި މައްސަލައެއްގެ ހަގީގަތް ހޯދުމަށެވެ.