ސަރުކާރުގެ ސިއްރު ޑޮކިއުމެންޓްތަކެއް ހުރި ކަމުގެ ތުހުމަތުގައި މިޔަންމާގައި ޖަލަށް ލާފައިވާ ރޮއިޓަރސްގެ ދެ ނޫސްވެރިންނަށް ހޯމަ ދުވަހު ހުކުމް ކުރުމަށް ކޯޓުން ނިންމައިފިއެވެ.
މި މައްސަލަ ބައްލަވާ ގާޒީ މިގޮތަށް ނިންމާފައިވަނީ ދެ ފަރާތުގެ ހުލާސާ ބަޔާން އެންމެފަހުން ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި އިއްވުމާއެކުއެވެ. މި ދެ ނޫސްވެރިންގެ ގާނޫނީ ވަކީލުން ތުހުމަތުކުރާ ގޮތުގައި މިއީ މިޔަންމާގެ ސަރުކާރުން ރޮހިންޖާ މުސްލިމުންނާއި ދެކޮޅަށް ހިންގާ ޖަރީމާތައް ރިޕޯޓްކުރުމަށް ހުރަސް އެޅުމުގެ ގޮތުން އެގައުމުގެ ފުލުހުން ރާވައިގެން ކޮށްފައިވާ ކަމެއްގެ ގޮތުގައެވެ.
އެ ދެ ނޫސްވެރިންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ ހިންގ މައުން ޒޯ ވިދާޅުވީ ނޫސްވެރިންގެ މަސައްކަތަކީ ތެދު ހާމަކުރުން ކަމަށާއި އެހެން ނަމަވެސް ބައެއް ފަހަރު ތެދު ގަބޫލުކުރުމަށް ބައެއް ފަރާތްތަކަށް ދަތިވާ ކަމަށެވެ. އެ ނޫސްވެރިންގެ އަތުގައި ހުރި ކަމަށް ތުހުމަތުކުރާ ސިއްރު ޑޮކިއުމެންޓްތަކަކީ މައްސަލައިގެ އަސްލު ކަމަށްވާއިރު އެއީ މިޔަންމާގެ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ޑޮކިއުމެންޓްތަކެއް ކަމަށް ޝަރީއަތުގައި ސާބިތުކޮށްދެވިފައި ނުވާ ކަމަށް ދިފާއީ ވަކީލުން ވަނީ ވިދާޅުވެފައެވެ.
މި ޝަރީއަތް ހިންގަމުންދަނީ ރޮއިޓަރސްގެ ދެ ނޫސްވެރިން ކަމަށްވާ އުމުރުން 32 އަހަރުގެ ލޯ ވާން އަދި 28 އަހަރުގެ ކުއާއޭ ސުއެ އޫ އާ ދެކޮޅަށެވެ. ސިއްރު ހިފެހެއްޓުމާއި ގުޅޭ ގާނޫނުގެ ދަށުން ޖެނުއަރީ މަހުން ފެށިގެން ދެ ނޫސްވެރިންގެ މައްޗަށް ވެސް ދައުވާ އުފުލާފައިވާއިރު ދައުވާ ސާބިތުވެއްޖެނަމަ 14 އަހަރުގެ ހުކުމެއް އަންނާނެއެވެ.
ދެ ނޫސްވެރިން ހައްޔަރުކުރި ދުވަސްވަރު އެ ދެ ނޫސްވެރިން މަސައްކަތްކުރަމުން ދިޔައީ ރޮޚައިން ސްޓޭޓްގެ އަވަށެއްގައި 10 ކުޑަކުދިން މަރާލި މައްސަލައެއްގެ ހަގީގަތް ހޯދުމަށެވެ.