އޮސްޓްރޭލިއާގެ ބޮޑުވަޒީރު މެލްކޮމް ޓާންބުލްއާއި ޕާޓީގެ ގާނޫނު ހަދާ މަޖްލީހުގެ މެމްބަރުންގެ ދެމެދުގައިހިނގި ކޯޅުމެއްގައި ބޮޑުވަޒީރު އޭނާގެ މަގާމުން އަމިއްލައަށް ދުރުވެއްޖެއެވެ.
ބޮޑުވަޒީރުގެ މަގާމުން ދުރުވާން ޓާންބުލް ނިންމެވީ ތިމާވެށި ރައްކާތެރިކުރުމަށް ރާވައިފައިވާ މަސައްކަތް ހުއްޓާލުމަށް ނިންމުމާއެކު އޭނާއަށް ސަޕޯޓުކުރާ ގިނަ ބައެއްގެ ތާއީދު އަނބުރާ ގެންދިއުމުންނެވެ. އަދި އޭނާގެ ޕާޓީ ހިމެނޭގޮތަށް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން، އޭނާ ބޮޑުވަޒީރުކަމުން ދުރުކުރަން ޖެހޭކަމަށް ބުނަމުން ދިއުމުންނެވެ.
ޕާޓީގެ ބައެއް މެންބަރުން ބާރު އަޅައިގެން ބޮޑުވަޒީރު ހޮވުމަށް ބޭއްވި ލީޑަޝިޕް ވޯޓްގައި ބޮޑުވަޒީރު ޓާންބުލް ވަނީ ބައިވެރި ނުވާން ނިންމަވާފައެވެ. އަދި އެ ވޯޓު ޓްރެޝަރާގެ މަގާމުގައި ހުންނެވި ސްކޮޓް މޮރިސަން ވަނީ ކާމިޔާބު ކުރައްވާފަ އެވެ. ބޮޑު ވަޒީރު ކަމަށް ދެން ވަޑައިގަންނަވާނީ އޭނާ އެވެ. ލީޑަރޝިޕް ވޯޓު ނަގާފައި ވަނީ ޕާޓީގެ ޕާލަމެންޓް މެންބަރުންގެ އަޣުލަބިއްޔަތުން އެކަމަށް އެދުމުންނެވެ.
ބޮޑުވަޒީރުގެ މަގާމަށް މޮރިސަންއާ ވާދަކުރެއްވީ ކުރީގެ ހޯމް އެފެއާޒް މިނިސްޓަރު ޕީޓާ ޑަޓޮންއާއެވެ. އެ ވޯޓު މޮރިސަން ކާމިޔާބު ކުރެއްވީ 45-40 ވޯޓުންނެވެ. ލީޑަރޝިޕް ވޯޓުގައި ފޮރިން މިނިސްޓަރު ޖޫލީ ބިޝޮޕް ވެސް ވާދަކުރެއްވި އެވެ. ނަމަވެސް ފަހު ބުރަށް އޭނާ ނުހޮވެއެވެ.
ޓާންބުލް އަކީ ޕާޓީގެ އެތެރޭގެ ކޯޅުންގަނޑުގައި މަގާމުން ދުރުކުރި އޮސްޓްރޭލިއާގެ ހަތަރު ވަނަ ބޮޑު ވަޒީރެވެ.