ޕާކިސްތާނުގެ ރައީސް އާއި، އުއްތަމަ ފަނޑިޔާރާއި، ސެނެޓްގެ ރައީސް އަދި ގާނޫނުހަދާ މަޖިލީހުގެ ރައީސް ވައިގެ މަގުން ކުރައްވާ ދަތުރުފުޅުތަކުގައި ފަސްޓް ކުލާހުން ދަތުރުކުރެއްވުން އެގައުމުގެ އައު ބޮޑުވަޒީރުގެ ކެބިނެޓުން މަނާކޮށްފިއެވެ.
ޑޯން ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ފިޔަވަޅަކީ ޕާކިސްތާނުގެ ތަހްރީކޭ އިންސާފު ޕާޓީގެ ސަރުކާރުން ސަރުކާރުގެ އިދާރާތަކުގެ މަސައްކަތުގެ ވަގުތަށް ބަދަލުގެނެސް، ބޮޑުވަޒީރާއި، ވަޒީރުންނާއި، އަދި ގާނޫނުހަދާ މަޖިލީހުގެ މެމްބަރުންނަށް ކުރާ ޚަރަދު ކުޑަކުރުމަށް ހުކުރު ދުވަހު ނިންމި ނިންމުމަށް ފަހުއެވެ.
މި ނިންމުމުން އައިސްފައި މިވަނީ އިމްރާން ޚާން މަގާމަށް ވަޑައިގެންނެވިތާ އެއް ހަފްތާގެ ތެރޭގައި ބޭއްވި ކެބިނެޓްގެ ދެވަނަ ބައްދަލުވުމުގައެވެ.
ހަފްތާގެ ބަންދު ދުވަހުގެ ގޮތުގައި ހަމައެކަނި އާދީއްތަ ދުވަސް ދިނުމަށް ފަހު ހޮނޮހިރު ދުވަސް ނުދިނުމަށް ހުށަހެޅުމުން ކެބިނެޓުން ވަނީ އެ ކަން ބަލައިނުގަތުމަށް ނިންމާފައެވެ.
މަސައްކަތު ވަގުތުގެ ދިގުމިން ކުރިއެކޭ ވެސް އެއްގޮތަށް އޮތްއިރު މިހާރު މަސައްކަތު ވަގުތަކީ ހެނދުނު 9 އިން ހަވީރު 5 އަށެވެ. މީގެ ކުރިން އޮންނީ ހެނދުނު 8 އިން ހަވީރު 4 އަށެވެ.
މީގެ އިތުރުން ކެބިނެޓުން ވަނީ މިދިޔަ ސަރުކާރުގައި ޕަންޖާބާއި ޚައިބަރު ޕަޚްތުންޚްވާގައި ހިންގަން ފެށި ދަތުރުފަތުރުގެ ބިޔަ މަޝްރޫއު އޮޑިޓް ކުރުމަށް ވެސް ނިންމާފައެވެ.
ބޮޑުވަޒީރު ގައުމުން ބޭރަށް ކުރައްވާ ދަތުރުފުޅުތަކަށް ރަސްމީ މަތިންދާ ބޯޓް ބޭނުން ނުކުރެއްވުމަށާއި ހަމައެކަނި އެތެރޭގެ ދަތުރުފަތުރަށް ބޭނުންކުރެއްވުމަށް ވެސް ވަނީ ނިންމަވާފައެވެ.
މީގެ އިތުރުން ގައުމުގެ އެކި ކަންކޮޅުތަކުގައި އާބާދުކޮށްފައިވާ ކުދި ޖިފުޓިތައް އެކަށީގެންވާ ގެތަކަށް ބަދަލުކޮށްދިނުމަށާއި މައި ސިޓީތަކުގައި ގަސް ހެއްދުމަށް ޓާސްކް ފޯހެއް އެކުލަވާލުމަށް ވެސް ކެބިނެޓުން ވަނީ ނިންމާފައެވެ.
މިނިސްޓްރީ އޮފް ކެޕިޓަލް އެޑްމިނިޓްރޭޝަން އެންޑް ޑިވެލޮޕްމެންޓް ޑިވިޝަން އުވާލާއި އެ މިނިސްޓްރީގެ ޑިޕާޓްމަންޓްތައް ވަނީ އެހެން ވުޒާރާތަކާއި އެއްކޮށްލާފައެވެ.
ޑޯން ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ވަނީ އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ "ޚަރަދު ކުރެއްވުމުގެ ބާރު" ގެ ދަށުން އަހަރެއްގެ ތެރޭގައި 51 ބިލިއަން ޕާކިސްތާން ރުޕީސް ޚަރަދުކުރައްވާފައެވެ.
މީގެ އިތުރުން ރައީސް މަމްނޫން ހުސެއިން ވެސް ދައުލަތުގެ ފައިސާ އިން އަމިއްލަފުޅު ބޭނުންތަކަށް 90 މިލިއަން ޕާކިސްތާން ރުޕީސް ހޭދަކުރައްވާފައިވާ ކަމަށް ވެއެވެ.