ރަޝިއާގެ ފޮރިން މިނިސްޓްރީ ކައިރީގައި ފުލުހުންނަށް އަމާޒުކޮށް ބަޑީގެ ހަމަލާއެއް ދީފިއެވެ.
ޕޭވްމަންޓްގެ މަތިން ހިނގާފައި ދިޔަ ދެ ފުލުހުންނަށް އަމާޒުކޮށް ހަމަލާދީފައި ވަނީ އުމުރުން 31 އަހަރުގެ ފިރިހެނެއް ކަމަށް ރިޕޯޓްކޮށްފައި ވެއެވެ. އެމީހާ ހަމަލާ ދީފައި ވަނީ މަގު ހުރަސްކުރުމަށް ފަހު އެ މީހުންގެ ކުރިމައްޗަށް އަރައެވެ. ރިޕޯޓްތައް ބުނާ ގޮތުން ހަމަލާ ދޭން ފެށުމާ އެކު ފުލުހުން ވަނީ ޕޭވްމެންޓް ކައިރީގައި ޕާކް ކޮށްފައި އޮތް ކާރެއްގެ ހިމާޔަތް ހޯދާފައެވެ.
ދެ ފަރާތުގެ މެދުގައި މިނިޓެއްހާ އިރު ވަންދެން ބަޑީގެ ހަމަލާ ބަދަލުކުރި އިރު ފުލުހުންގެ ހަމަލާއެއްގައި އެ މީހާ ވަނީ މަރުވެފައވެެ. އޭނާ މަރުވީ ރައްދުގައި ފުލުހުން ދިން ހަމަލާގައި ބޮލަށް އެރި ވަޒަނަކާ ގުޅިގެން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.
ހަމަލާ ބަދަލު ކުރުމުގެ ތެރޭގައި ފުލުހެއްގެ ފަޔަށް ވެސް ވަނީ ވަޒަނެއް އަރާފައެވެ.
ރަޝިއާގެ ތަހްގީގު ކޮމިޓީގެ ސްޕޯކްސްވުމެން ޔޫލިއާ އިވަނޯވާ ވިދާޅުވީ ހަމަލާ ދިން ސަބަބު ސާފުނުވާ ކަމަށެވެ. ހަމަލާ ދިން އެ މީހާއަކީ ރަޝިއާގެ ކަބަރްޑީނަބަލް ކާރިއާގެ ސަރަހައްދަށް ނިސްބަތްވާ މީހެކެވެ. ނަމަވެސް އޭނާގެ ނަން ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.