ޕާކިސްތާނުގެ ދައުލަތުގެ މީޑިއާ ގައި ސިޔާސީ ޚަބަރުތައް ސެންސަރު ކުރުން ހުއްޓުމަކަށް ގެނެސްފައިވާ ކަމަށް އެގައުމުގެ މިނިސްޓަރ ފޯ އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން ފަވާޑް ޗައުދްރީ އަންގާރަ ދުވަހު އިއުލާންކުރައްވައިފިއެވެ.
ޕާކިސްތާނުގެ ކުރީގެ ކްރިކެޓް ކުޅުންތެރިޔާ އަދި ޕާކިސްތާން ތަހްރީކޭ އިންސާފު ޕާޓީގެ ލީޑަރު އިމްރާން ޚާން, ދާދިފަހުން ބޮޑު ވަޒީރުކަމުގެ ހުވާކުރައްވާފައިވާއިރު، ދައުލަތުގެ މީޑިއާ އިން ސިޔާސީ ޚަބަރުތައް ސެންސަރުކުރުން ހުއްޓާލީ އިމްރާން ޚާން މިނިވަން މީޑިއާއެއް ގައުމުގައި ގާއިމުކުރައްވަން ކުރައްވާ މަސައްކަތްޕުޅުގެ ދަށުންނެވެ.
ފަވާޑް ޗައުދްރީ އަންގާރަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދައުލަތުގެ މީޑިއާ އަށް ފުރިހަމަ އެޑިޓޯރިއަލް މިނިވަންކަން ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތިން މަސް ދުވަސް ތެރޭ ބަދަލުތައް އަންނާނެ ކަަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޕާކިސްތާނުގެ ދައުލަތުގެ މީޑިއާގައި ހިމެނޭ އެސޯސިއޭޓެޑް ޕްރެސް އޮފް ޕާކިސްތާން (އޭ.ޕީ،ޕީ)، ޕާކިސްތާން ޓެލެވިޒަން (ޕީ.ޓީ.ވީ) އަދި ރޭޑިއޯ ޕާކިސްތާނުން އުފައްދަން ބޭނުންވާ ކޮންޓެންޓުގައި ފުރިހަމަ އެޑިޓޯރިއަލް މިނިވަންކަން ދިނުމަށް ނިންމިއިރު، 2018 ވަނަ އަހަރުގެ އާއްމު އިންތިޚާބުގައި، ދާދިފަހުން ބޮޑު ވަޒީރުކަމާ ހަވާލުވެވަޑައިގެންނެވި އިމްރާން ޚާންގެ ސްލޯގަން އަކީ، "އައު ޕާކިސްތާން" އެވެ. އެމަނިކުފާނު ވަނީ ގައުމަށް އިސްލާހީ އެތައް ބަދަލެއް ގެންނަވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.