ކ. މާލެ
|
20 އޯގަސްޓް 2018 | ހޯމަ 19:16
އިންތިޚާބު ކާމިޔާބުކުރެއްވި ރައީސް ކެއިޓާ
އިންތިޚާބު ކާމިޔާބުކުރެއްވި ރައީސް ކެއިޓާ
ރޮއިޓަރސް
މާލީގެ ރިޔާސީ އިންތިޚާބު
މާލީގެ އިންތިޚާބު ކާމިޔާބުކުރެއްވީ ރައީސް ކެއިޓާކަމަށް ކޯޓުން ނިންމައިފި
ކެއިޓާ ވަނީ އިންތިޚާބުގެ 67.2 އިންސައްތަ ކާމިޔާބުކުރައްވާފައި
ވޯޓުލާން ނިކުތީ އެންމެ 34 އިންސައްތަ މީހުން

އޮގަސްޓް މަހުގެ 12 ވަނަ ދުވަހު އެފްރިކާގެ ޤައުމެއްކަމަށްވާ މާލީގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބުކުރެއްވީ މިހާރުވެސް ވެރިކަމުގައި ހުންނެވި އިބްރާހިމް ބުބަކާރް ކެއިޓާކަމަށް އެޤައުމުގެ ދުސްތޫރީ ކޯޓުން ނިންމައިފިއެވެ.

ހޯމަ ދުވަހު މާލީގެ ދުސްތޫރީ ކޯޓުން ނިންމި ނިންމުމާއިއެކު އަންނަ ސެޕްޓެމްބަރު މަހުގެ 4 ވަނަ ދުވަހު، އައިބީގެ ނަމުން މަޝްހޫރުވެފައިވާ ކެއިޓާގެ ވެރިކަމުގެ ދެވަނަ ދައުރުގެ 5 އަހަރު ފެށިގެންދާނެއެވެ. 

ކެއިޓާ އިންތިޚާބު ކާމިޔާބުކުރެއްވިކަމަށް ދުސްތޫރީ ކޯޓުން ނިންމީ އިންތިޚާބުގައި މަކަރު ހަދާފައިވާކަމަށް އިިދިކޮޅު ކެންޑިޑޭޓް ސުމައިލާ ސިސޭ ހުށަހެޅުއްވި މައްސަލައިގައި ހުކުމް އިއްވަމުންނެވެ. ސިސޭ ވިދާޅުވީ ހުކުރު ދުވަހު މާލީގެ މިނިސްޓްރީ އޮފް ޓެރިޓޯރިއަލް އެޑްމިނިސްޓްރޭޝަނުން އިއުލާންކުރި އިންތިޚާބުގެ ނަތީޖާއަކީ މާލީގެ ރައްޔިތުން ނިންމި ގޮތް ނޫންކަމަށެވެ. އިއުލާންކުރެވުނު ރަސްމީ ނަތީޖާ ދައްކާ ގޮތުން ސިސޭއަށް ލިބިވަޑައިގަތީ 32.8 އިންސައްތަ ވޯޓެވެ. އަދި ކެއިޓާ އިންތިޚާބު ކާމިޔާބުކުރެއްވީ 67.2 އިންސައްތަ ވޯޓާއިއެކުގައެވެ.

މިއިންތިޚާބުގައި ވޯޓުލާފައިވަނީ 2.7 މިލިއަން މީހުންނެވެ. އެއީ މާލީގެ ވޯޓުލުމުގެ ހައްޤު ލިބިގެންވާ މީހުންގެ 34 އިންސައްތައެވެ. 

ސިސޭ ވިދާޅުވީ އޭނާއަށް 51 އިންސައްތަ ވޯޓު ލިބިވަޑައިގެންނެވިކަމަށާއި، އެހެންނަމަވެސް ކެއިޓާގެ ސަރުކާރުން އިންތިޚާބުގެ ނަތީޖާ އޮޅުވާލީކަމަށެވެ. 

އިންތިޚާބު އޮބްޒަރވްކުރި ވިލާތުގެ އިއްތިޙާދުގެ އޮބްޒަރވަރުން ބުނީ އިންތިޚާބުގައި ސުވާލު އުފެދޭ ބައެއް ކަންކަން ހިނގިކަމަށެވެ. އެހެންނަމަވެސް އިންތިޚާބު އޮޅުވާލިކަމަށް އެއިއްތިޙާދުން ނުބުނެއެވެ. 

ކޯޓުގެ ނިންމުމާއިއެކު ފަރަންސޭސިވިލާތުގެ ރައީސް އެމަނުއެލް މެކްރޯންއާއި އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވަނީ ކެއިޓާއަށް މަރުހަބާ ވިދާޅުވެފައެވެ. ހަނގުރާމަވެރިންގެ އުނދަގޫ ބޮޑުވެފައިވާ މާލީގައި ސުލްހަ ބެލެހެއްޓުމަށް ފަރަންސޭސީވިލާތާއި އދގެ ބޮޑު ލަޝްކަރެއް އެޤައުމުގައި ހަރަކާތްތެރިވެއެވެ.

- ކޮމެންޓް