މަތިންދާ ބޯޓެއް ހައިޖެކްކޮށް ސައިޕްރަސްއަށް ބޯޓް ޑައިވަރޓްކުރި މިސްރު މީހާ ދެ އަހަރަށްފަހު މިސްރަށް ޑީޕޯޓްކޮށްލައިފިއެވެ.
އޭނާ ޑީޕޯޓްކުރުން ލަސްވެފައިވަނީ ކުށްވެރިން ބަދަލުކުރުމުގެ މައްސަލަ ދެ އަހަރަށް ދެމިގެން ގޮސްފައިވާތީއެވެ.
ސައިފުއްދީން މުސްތަފާގެ މައްޗަށް ތުހުމަތުކުރެވިފައިވަނީ ގައިގައި ބޮން ހަރުކޮށްގެން ހަމަލާދޭ މީހުން ގެންގުޅޭ ބެލްޓާ އެއްގޮތަށް ހަދާފައިވާ ބެލްޓެއް އަޅައިގެން ހުރެ މިސްރުގެ އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރި އިޖިޕްޓްއެއަރގެ ފްލައިޓެެއް 2016 ވަނައަހަރު ބިރުދައްކައިގެން ސައިޕްރަސްގެ ލާނަކާއަށް ދިއުމަށް މަޖުބޫރު ކުރުވުމާއި ގުޅިގެންނެވެ.
އޭނާ ބުނެފައިވަނީ އޭނާ އެކަން ކުރުމުގެ މަގުސަދަކީ އެ ގައުމުން ހިމާޔަތް ހޯދުމާއި މިސްރުގެ ސަރުކާރުން ދައްކާކަމަށް އޭނާ ބުނާ ގޮށްމުށުގެ ބާރު ސަމާލުކަމަށް ގެނެސްދިނުމެވެ.
މިސްރުގައި އޭނާއަށް އިންސާފުވެރި ޝަރީއަތެއް ނުލިބޭނެކަމަށް ބުނެ އޭނާވަނީ އެކްސްޓްރެޑިޝަންގެ ދަށުން މިސްރާއި ހަވާލުކުރުމަށް ދެކޮޅުހަދާފައެވެ.
ބޯޓް ހައިޖެކް ކުރުމުގެ އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ވެފައެއް ނުވެއެވެ.
ސައިޕްރަސްގެ އިދާރާތަކުން އޭރު ބުނެފައިވާ ގޮތުގައި އެ ހާދިސާއަކީ ޓެރެރިޒަމްގެ އަމަލަކާއި ގުޅުންހުރި ހާދިސާއެއް ނޫނެވެ.
ބެެލެވިފައިވާ ގޮތުގައި އެކަމަކީ މިހާރު އުމުރުން 61 އަހަރުގެ މުސްތަފާއާއި ސައިޕްރަސްގައި އުޅޭ އޭނާގެ ކުރީގެ އަންހެނުންނާއި ދެމެދު އޮތް މައްސަލައެއްގައި ހިނގާ ގޮސްފައިވާކަމެކެވެ.
މިސްރުގެ އިދާރާތަކުންވަނީ އެގައުމާއި ސައިޕްރަސްއާއި ދެމެދު 1996 ވަނަ އަހަރު ވެފައިވާ އެކްސްޓްރެޑިޝަން އެއްބަސްވުމުގެ ދަށުން މުސްތަފާ އެ ގައުމާއި ހަވާލުކޮށްދިނުމަށް އެދިފައެވެ.
އެކްސްޓްރެޑިޝަންގެ ދަށުން މުސްތަފާ މިސްރާއި ހަވާލުކުުރުމަށް ސައިޕްރަސްއިން ނިންމި ނިންމުން އިސްތިއުނާފް ކުުރުމަށް މިސްރުގެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް މިދިޔަ އަހަރުވަނީ ނިންމާފައެވެ.
އޮފިޝަލުން ވިދާޅުވި ގޮތުގައި ހޮނިހިރު ދުވަހުގެ ދަންވަރު މުސްތަފާ މިސްރުގެ ގާހިރާގެ އެއަރޕޯޓަށް ގެންދެވިފައިވަނީ ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާއެކުއެވެ.
އިޖިޕްޓްއެެއަރގެ ފްލައިޓް އެމްއެސް181 ވައިފޭރިގަނެ އޭގެ މަންޒިލް ބަދަލުކޮށްފައިވަނީ 56 ފަސިންޖަރުންނާއި ހަ ކުރޫ މެމްބަރުންނާއިއެކު މިސްރުގެ އިސްކަންދަރިއްޔާއިން ފުރައިގެން ގާހިރާއަށް ދަތުުރުކުރަމުންދަނިކޮށެވެ.