އުރީދޫ އިން ފަށާފައިވާ ނިރު އެކްސެލެރޭޓަރ ޕްރޮގްރާމްގެ ޕްރީ-ހެކް ސެޝަން ބާއްވައި، ކުރިއަށް އޮތް ހެކަތަން އަށް ރަޖިސްޓަރ ކުރުމަށް ހުޅުވާލައިފިއެވެ. އުރީދޫ އިން ނިރު ހެކަތަން ބޭއްވުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 31 ވަނަ ދުވަހާއި އާއި ސެޕްޓެމްބަރ 1 ވަނަ ދުވަހުއެވެ.
ނިރު އެކްސެލެރޭޓަރ އަކީ ދިވެހި މުޖުތަމައުއަށް މަންފާކުރުވާ ތަފާތު އީޖާދީ އުފެއްދުންތައް ރާއްޖެއާ، ރާއްޖެއިން ބޭރުގެ މާކެޓުގައި ކުރިއެރުވުމުގެ ފުރުސަތު އަލަށް ވިޔަފާރީގެ ތެރެއަށް ވަންނަ ޒުވާނުންނަށާއި، ކުރިއަރަމުން އަންނަ މިފަދަ ވިޔަފާރިތަކަށް ހޯދައި ދިނުމުގެ ގޮތުން އުރީދޫއިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އެކްސެލެރޭޓާރ ޕްރޮގްރާމުގައި ބައިވެރިވެވެނީ، ނިރު ހެކަތަންގައި ވާދަކޮށް ހޮވޭ ޓީމްތަކަށެވެ.
އުރީދޫ އާއި ނިރުގެ ޓެކްނޮލޮޖީ ޕާޓްނަރ ކަމުގައިވާ އައިޑިއާމާޓް ގުޅިގެން ބާއްވާފައިވާ ޕްރީ-ހެކް ގައި ވަނީ ކުރިއަށް އޮތް ހެކަތޮން މަސައްކަތް ކުރާނެ ގޮތާއި، ބައިވެރިންނަށް ލިބިގެންދާނެ ޑިޖިޓަލް ޓޫލްތަކުގެ މައުލޫމާތު ހިއްސާކޮށްފައެވެ. އެ ސެޝަން ނިރު އެކްސެލެރޭޓަރގެ ފޭސްބުކް ޕޭޖުން ލައިވް ކޮށްފައިވެއެވެ. އަދި އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކަށް ނިރު އެކްސެލެރޭޓަރ ޕޭޖުން ބަލާލެވޭނެއެވެ.
"ނިރު އެކްސެލެރޭޓަރ ޕްރޮގްރާމް ވުޖޫދަށް އައުމުގެ ކުރިން، އަޅުގަނޑާ ވަރަށް ގިނަ ދިވެހި ޑެވެލޮޕަރުންނާއި ވަނީ ދިމާވެފައި. މި ބައްދަލުވުންތަކުން ލިބިގެންދިޔަ އެންމެ މުހިންމު މެސެޖަކީ، ދިވެހީންގެ ތެރޭގައި ވަރަށް ހުނަރުވެރި ޑެވެލޮޕަރުންނާއި، އީޖާދީ ވިސްނުން ހުންނަ ބޭފުޅުން ތިބިކަމަށް. އަދި މި ބޭފުޅުންގެ މަސައްކަތްތަށް އިތުރަށް ފުޅާކޮށް، ބައިނއަލްއަޤްވާމީ މާކެޓަށް ގެންގޮސްދިނުމަށް އެހީވާނެ ޕްލެޓްފޯމްތަށް ބޭނުންވާކަމަށް. މިގޮތުން، ވިޔަފާރި ބިނާ ކުރުމަށް ބޭނުންވާ ސީޑް ފަންޑިންގ، ޑިޖިޓަލް ޓޫލްތަށް، މަސައްކަތް ކުރާނެ ތަނެއް، އަދި ވިޔަފާރި ކުރިއެރުމަށް ބޭނުންވާ އެހީތެރިކަމާއި މެންޓަރޝިޕް ނިރު އެކްސެލެރޭޓަރ ޕްރޮގްރާމް މެދުވެރިކޮށް، ބައިވެރިންނަށް ލިބިގެންދާނެ." ޕްރީ-ހެކްގެ ބައިވެރިންނާއި މުޚާތަބު ކުރަށްވަމުން، އުރީދޫގެ ސީއީއޯ ނަޖީބް ހާން ވިދާޅުވިއެވެ.
ނިރު ހެކަތަން ގައި ބައިވެރިވެވޭނީ 2 ބައިވެރިންނާއި 5 ބައިވެރިންނާއި ދެމެދުގެ ޓީމްތަކަށެވެ. އަދި 19 އޮގަސްޓް އިން ފެށިގެން 25 އޮގަސްޓާއި ދެމެދު، އުރީދޫ ވެބްސައިޓް www.ooredoo.mv/niru މެދުވެރިކޮށް ނިރު ހެކަތަން އަށް ރަޖިސްޓަރ ކޮށްލެވޭނެ ކަމަށް އުރީދޫ އިން ބުނެއެވެ.