އިންޑިއާގެ ދެކުނުގެ ކެރެލާ ސްޓޭޓަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވެފައިވާ ސަރަހައްދުތަކުން މީހުން ސަލާމަތްކުރުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި ކުރަމުން އެބަދެއެވެ.
ވިއްސާރައިގެ ސަބަބުން މަރުވި މީހުންގެ އަދަދު 200 އަށް އަރާފައިވާއިރު، ވިއްސާރައިގެ ޙާލުގައި ޖެހިފައިވާ މީހުންގެ ގެންދިޔުމަށް 3800 އެއްހާ ކޭމްޕް ވަނީ ޤާއިމްކުރެވިފައިއެވެ. އަދި މިލިއަނަކާއި ގާތްކުރާ އަދަދަކަށް މި ކޭމްޕްތަކަށް މީހުން ގެންދެވިފައިވާކަމަށް ކެރެލާ ސްޓޭޓްގެ އޮފިޝަލުން ހާމަކުރެއެވެ.
ފެންބޮޑުވެފައިވާ އަވަށްތަކުގެ ގަސްތަކުގެ ކުރިއަށް އަރައި ބައެއް މީހުން ސަލާމަތްތެރިކަން ހޯދިއިރު، ގޭގެ ފުރާޅު ނުވަތަ ޓެރަސް މައްޗަށް އަރައި އަދިވެސް ގިނަ ބަޔަކު އެބަތިއްބެވެ. އަދި އެމީހުން ސަލާމަތްކުރުމަށް ކެރެލާގެ ފުލުހުންގެ އިތުރުން އިންޑިއާގެ އެއްގަމާއި ކަނޑާއި ވައިގެ ސިފައިން ދަނީ ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ. އަދި ގިނަ އަދަދެއްގެ މަސްވެރިންވެސް މީހުން ސަލާމަތްކުރުމުގެ މަސައްކަތަށް ނިކުމެފައިވާއިރު، މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ މަސްވެރިންނަށް ބޭނުންވާ ތެޔޮ ފޯރުކޮށްދޭނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އަދި މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަން ނިމުމުން އެދޯންޏެއް އޮންނަ ސަރަހައްދަށް ސަރުކާރުގެ ޚަރަދުގައި ދޯނި ގެންގޮސްދޭނެކަމަށް ސަރުކާރުން ބުންޏެވެ.
މީގެ އިތުރުން ކެރެލާ ސްޓޭޓަށް ކާރިސާގެ މިދަނޑިވަޅުގައި ބޭނުންވާ ބޭސްފަރުވާ ފޯރުކޮށްދިނުމަށް އިންޑިއާގެ މަހާރަޝްތްރާ ސްޓޭޓުން ވަނީ ނިންމާފައެވެ. ކޭމްޕްތަކުގައި ތިބި މީހުންނަށް ކޮޗިންގެ ހޮސްޕިޓަލްތަކުން ގެންދަނީ ހިލޭ ބޭސްފަރުވާ ކޮށްދެމުންނެވެ.
ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް އެކި ޤައުމުތަކުން އަންނަނީ ފައިސާގެ އެހީ ފޯރުކޮށްދެމުންނެވެ. އެގޮތުން ޤަތަރުން ވަނީ 5 މިލިއަން ޑޮލަރު ދޭނެ ކަން އާދިއްތަ ދުވަހު އިއުލާންކޮށްފައެވެ. އަދި ކެރެލާއަށް އެހީވުމަށް ޚާއްސަ ކޮމިޓީއެއް އެކުލަވާލުމަށް ޔޫއޭއީ ސަރުކާރުން ވަނީ ނިންމާފައެވެ.
ބޯކޮށް އެތައް ދުވަހަކު ވާރޭ ވެހުމަށްފަހު ކުރިއަށް އޮތް 5 ދުވަހު އެހާ ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާ ނުކުރެވޭކަމަށް އިންޑިއާގެ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އަދި އެކި ސަރަހައްދުތަކަށް ނެރެފައިވާ މޫސުމީ ރެޑް އެލަރޓް ވަނީ ކެންސަލް ކޮށްފައެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ ފެންބޮޑުވެފައިވާ ސަރަހައްދުތައް ވައިގެ މަގުން ބައްލަވާލައްވާފައެވެ. އަދި އެހީ ފޯރުކޮށްދިނުމުގެ މަސައްކަތާއި، މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތާއި ބެހޭ މައުލޫމާތު ކެރެލާގެ ޗީފް މިނިސްޓަރ ޕިނަރާއީ ވިޖަޔަން އަރިހުން އޮޅުންފިލުއްވިއެވެ.
ގިނަ އަދަދެއްގެ އެއަރޕޯޓްތައްވެސް ބޭނުން ނުކުރެވޭ ވަރަށް ފެންބޮޑުވެފައިވާތީ ކޮޗިންގައި ހުންނަ ކަނޑުގެ ސިފައިންގެ މަރުކަޒުގައި އޮންނަ ރަންވޭ ބޭނުންކުރަން ވަނީ ހުޅުވާލާފައެވެ. ކޮޗިން އެއަރޕޯޓް މިމަހުގެ 26 ވަނަ ދުވަހާއި ހަމަޔަށް ބަންދުކޮށްފައިވާއިރު، ކޮޗިންއަށް ދަތުރުކުރާ މަތިންދާބޯޓުތައް އެއަރޕޯޓް ހުޅުވަންދެން ޖައްސާނީ ޓްރިވެންޑްރަމް އެއަރޕޯޓުގައެވެ.
އެތައް ހާސް ގެއެއް މިވިއްސާރައިގައި ހަލާކުވެފައިވާއިރު، ކެރެލާގެ 10 ހާސް ކިލޯމީޓަރުގެ މަގުތައް ހަލާކުވެފައިވާކަމަށް ކެރެލާ ސަރުކާރުން ބުނެއެވެ. އަދި އެ ސްޓޭޓްގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިފައިވާއިރު، ކެރެލާގެ ފަތުރުވެރިކަމާއި ރަބަރު އިންޑަސްޓްރީއަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވެއެވެ.