ކ. މާލެ
|
15 އޯގަސްޓް 2018 | ބުދަ 06:13
ޝިންޖިއާންގެ އެއަރޕޯޓު ބޭރުގައި ޗައިނާގެ ސަލާމަތީ ބާރުތަކުން ފޯރިމަރަނީ
ޝިންޖިއާންގެ އެއަރޕޯޓު ބޭރުގައި ޗައިނާގެ ސަލާމަތީ ބާރުތަކުން ފޯރިމަރަނީ
އޭޕީ
ޗައިނާގެ މުސްލިމުން
މުސްލިމުން ހައްޔަރުކޮށްގެން އުޅޭއުޅުން ދިފާއުކުރަން ޗައިނާއިން މަސައްކަތްކޮށްފި
މުސްލިމުން ބަންދުކޮށްގެން އުޅޭކަމަށް ޗައިނާއިން ވަނީ އެއްބަސްވެފައި

ގިނަ އަދަދެއްގެ މުސްލިމުން ހައްޔަރުކޮށް، އެމީހުންގެ ދީން ބަދަލުކުރުމަށް ޗައިނާ ސަރުކާރުން މަސައްކަތްކުރާކަމަށް ކުރެވެމުންދާ ތުހުމަތުތަކުގައި ހަޤީގަތެއް އެކުލެވިގެންވާކަމަށް އެއްބަސްވެ، އެކަން ދިފާޢުކުރުމަށް ޗައިނާ ސަރުކާރުން މަސައްކަތްކޮށްފިއެވެ.

ޖެނީވާގައި މިދިޔަ ހަފްތާ ބަންދުގައި އޮތް ނަސްލީ ތަފާތުކުރުން ނައްތާލުމާއި ބެހޭ އދގެ ޚާއްސަ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޗައިނާ ސަރުކާރުން ބުނީ މުސްލިމުން ހައްޔަރުކޮށްގެން އުޅެނީ ހައްދުފަހަނައަޅައި ދިޔުމާއި ވަކިވެގަތުން ހުއްޓުވުމަށްކަމަށެވެ.

އދގެ ކޮމިޓީއެއްގައި މުސްލިމުން ބަންދުކޮށްގެން ގެންގުޅޭކަމަށް ޗައިނާ ސަރުކާރުން އެއްބަސްވިއިރު، ޗައިނާގެ ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީއާއި ގުޅުން އޮންނަ ނޫހަކުން ވަނީ މުސްލިމުން ބަންދުކޮށްގެން ހިންގާ އަމަލުތައް ދިފާޢުކުރުމަށް މަސައްކަތްކޮށްފައެވެ. އެގޮތުން އެނޫހުން ބުނީ މުސްލިމުން ބަންދުކޮށްގެން އުޅެނީ ޗައިނާގެ ލީބިޔާ ނުވަތަ ޗައިނާގެ ސޫރިޔާ އުފެދުން ހުއްޓުވުމަށެވެ. އަދި އެފިޔަވަޅުތަކުގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ސަލާމަތްވެފައިވާކަމަށް ޗައިނާއިން ބުނެއެވެ.

މީގެ އިތުރުން ޗައިނާއިން މުސްލިމުން ބަންދުކޮށްގެން އުޅޭ ކޭމްޕްތަކުގައި އެތައް މިލިއަން ބަޔަކު ގެންގުޅޭކަމަށް ކުރެވޭ ތުހުމަތުތައް އެޤައުމުން ދޮގުކުރެއެވެ. އެހެންނަމަވެސް އެކޭމްޕްތަކުގައި ތިބީ ކިތައް މީހުންތޯ އދއިން ސުވާލުކުރުމުން އެސުވާލުތަކަށް ޗައިނާ ސަރުކާރުން ޖަވާބު ދީފައެއް ނުވެއެވެ.

ޗައިނާ ސަރުކާރުން އެޤައުމުގެ ޝިންޖިއާން ޕްރޮވިންސްގައި ދިރިއުޅޭ މުސްލިމުންނާއިމެދު މިފަދައިން އަމަލުކުރާތާ އެތައް ދުވަހެއް ވަނީ ވެފައެވެ. މީގެ ކުރިންވެސް ރޯދަ މަހު ޗައިނާގެ މުސްލިމުން ރޯދަ ހިފުމުން ޖެއްސުންކުރުމުގެ އެތައް އަމަލެއް ސަރުކާރުން ހިންގާފައިވާކަމަށް އަޑުތައް ފެތުރިފައިވެއެވެ. ޝިންޖިއާން ޕްރޮވިންސްގެ އާބާދީގެ 45 އިންސައްތައަކީ މުސްލިމުންނެވެ.

ޗައިނާއިން އެޤައުމުގެ މުސްލިމުންނާއިމެދު ހިންގަމުންދާ ލާއިންސާނީ އަމަލުތަކުގެ ތަފްޞީލީ ރިޕޯޓްތައް އެމްނެސްޓީ އިންޓަރނޭޝަނަލް އާއި ހިއުމަން ރައިޓްސް ވޮޗް ފަދަ ޖަމްއިއްޔާތަކުން ވަނީ އދއަށް ހުށަހަޅާފައެވެ. މި ރިޕޯޓްތަކުގައި ފާހަގަކޮށްފައިވާ ގޮތުގައި ޗައިނާއިން މުސްލިމުން ބަންދުކޮށްގެން އުޅޭ ކޭމްޕްތަކުގައި ތިބި މުސްލިމުން ލައްވާ ޗައިނާގެ ރައީސް ޝީ ޖިންގްޕިންގްއަށް ގަދަކަމުން ހަރުއަޑުން ސަނާ ކިޔުއްވައެވެ. އަދި އެމީހުންނަށް އެކަށީގެންވާ ކާބޯތަކެތި ނުދޭކަންވެސް ރިޕޯޓްތަކުގައި ވަނީ ފާހަގަކޮށްފައެވެ.

- ކޮމެންޓް