އިރާނަށް ކުރެއްވި ދަތުރުފުޅެއްގައި ސަލާމަތީ ޕްރޮޓޮކޯލްއާ ޚިލާފަށް އަމަލުކުރެވިފައިވާތީ ނޯވޭގެ ފިޝަރީޒް މިނިސްޓަރ، ޕަރ ސެންޑްބަރގް އިސްތިއުފާ ދެއްވައިފިއެވެ.
އުމުރުފުޅުން 58 އަހަރުގެ ޕަރ ސެންޑްބަރގް އިސްތިއުފާ ދެއްވީ އީރާނަށް އުފަން ލޯބިވެރިޔާ، އުމުރުން 28 އަހަރުގެ ބަހާރޭ ލެޓްނެސްއާ އެކު އެ ގައުމަށް ކުރެއްވި ޗުއްޓީ ދަތުރުފުޅުގައި ސެކިއުރިޓީ ޕްރޮޓޮކޯލްއާ ޚިލާފަށް ކުރެއްވުނު ކަންކަމަށް އެއްބަސްވެ ވަޑައިގަތުމަށް ފަހުއެވެ.
އޭނާ އެ ދަތުރުފުޅުގައި ވަޑައިގެންފައިވަނީ ބޮޑުވަޒީރަށް އެންގެވުމެއް ނެތި އަދި ސަރުކާރުން ދީފައި އޮންނަ ފޯނު ވެސް ހިއްޕަވައިގެންނެވެ.
މަގާމު މަސްއޫލިއްޔަތާ ގުޅުން ހުރި ކަންކަމަށް ދެއްވާފައިވާ ފޯނު އީރާނަށް ގެންދެވުމުން އީރާނުގެ ޖާސޫސީ ފަރާތްތަކަށް ސެންޑްބަރގްގެ ފޯނުގެ މައުލޫމާތު އެނގުމުގެ ބިރުވަނީ ހިވެފައެވެ.
ބަހާރޭ ލެޓްނެސްއަކީ އީރާނުގެ ކުރީގެ ރީތީގެ ރާނީއެއް ކަމަށްވާއިރު އޭނާއަކީ މިހާރު މަހުގެ ވިޔަފާރި މެނޭޖްކުރާ ފަރާތެކެވެ.
އޭނާއަކީ ނޯވޭގެ ރައްވެހިކަން ވެސް އޮންނަ ފަރާތަކަށްވާ އިރު އީރާނުގެ ސަރުކާރާއި އޭނާއާ އެއްވެސް ގުޅުމެއް ނޯންނަ ކަމަށް އޭނާ ބުނެއެވެ.
ނޯވޭގެ އިންޓެލިޖެންސުން ގެންދަނީ ލެޓްނެސްގެ ހަރަކާތްތައް ތަހުގީގުކުރަމުން ކަމަށް ރިޕޯޓްކޮށްފައި ވެއެވެ.
ބޮޑުވަޒީރު އަރނަ ސޮލްބީގް ވިދާޅުވީ ފޯނުގެ ސެކިއުރިޓީ ޗެކެއް ހެދުމަށް ފޯނު ފުލުހުންނަށް ހަވާލުކުރުމަށް ސެންޑްބަރގްއަށް އަންގަވާފައި ވާނެ ކަމަށެވެ.
ސެންޑްބަރގް ވަނީ ވަޒީރުކަމުގެ މަގާމުގެ އިތުރުން ވެރިކަން ކުރާ ކޯލިޝަންގައި އޭނާ ތަމްސީލުކުރައްވާ ޕްރޮގްރެސް ޕާޓީގެ ނާއިބު ލީޑަރުކަމުގެ މަގާމުން ވެސް އިސްތިއުފާދެއްވާފައެވެ.
"ޕަރ އަމިއްލަފުޅަށް އިސްތިއުފާ ހުށަހެޅުއްވީ، އަޅުގަނޑު ގަބޫލުކުރަނީ އެއީ ރަނގަޅު ނިންމެވުމެއް ކަމަށް،" ބޮޑުވަޒީރު ސޮލްބީގް ވިދާޅުވިއެވެ.