ތުރުކީގެ ފައިސާ، ލީރާގެ އަގު ރެކޯޑް މިންވަރަކަށް ދަށަށް ގޮސްފައިވަނިކޮށް ބާޒާރު ހަމަޔަކަށް އެޅުވުމަށް ފިޔަވަޅުތަކެއް އަޅާނެ ކަމަށް އެ ގައުމުން ވައުދުވެއްޖެއެވެ.
ފިޔަވަޅުތަކުގެ ތަފްސީލް އަވަސް މުއްދަތެއްގައި ހާމަކުރައްވާނެ ކަމަށް އެ ގައުމުގެ ފައިނޭންސް މިނިސްޓަރ ތުރުކީގެ ނޫހެއް ކަމަށްވާ ހުއްރިޔަތުގައި ވިދާޅުވެފައި ވެއެވެ.
"ހޯމަ ދުވަހުގެ ހެނދުނުން ފެށިގެން އަޅުގަނޑުމެންގެ އިދާރާތަކުން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާނެ އަދި ބާޒާރަށް އެ މައުލޫމާތު ހިއްސާ ކުރާނެ" ބެރާތް އަލްބައިރަކް ވިދާޅުވިއެވެ.
އެމެރިކާ ޑޮލަރާ އަޅާބަލާ އިރު ތުރުކީގެ ލީރާގެ އަގު ހުކުރު ދުވަހު ވަނީ 20 އިންސައްތަ ދަށަށް ގޮސްފައެވެ. އޭގެ ކުރިން ވޭތުވެ ދިޔަ އަހަރު ލީރާގެ އަގު ވަނީ 40 އިންސައްތަ ދަށަށް ގޮސްފައެވެ.
އަލްބައިރަކް ވިދާޅުވީ އެ ގައުމުން އަވަސް ގޮތެއްގައި ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށާއި އެކަންކަމުގެ ތެރޭގައި ބޭންކުތަކަށް އެހީތެރިވުމާއި، ލީރާގެ އަގު ވެެއްޓުމުން އެންމެ ބޮޑު އަސަރެއް ކުރި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަޅާލަން ޖެހޭ ކަމަށެވެ.
މި ފިޔަވަޅުތައް އަޅުއްވާނެކަން ފައިނޭންސް މިނިސްޓަރ ހާމަކުރައްވާފައި މިވަނީ އެ ގައުމުގެ ފައިސާގެ އަގު ވެއްޓެނީ އެ ގައުމާ ދެކޮޅަށް އެޅޭ ފިޔަވަޅުތަކެއްގެ ސަބަބުން ކަމަށް ރައީސް ރަޖަބް ތައްޔިބް އޮރުދޮޣާން ވިދާޅުވެފައި ވަނިކޮށެެވެ.
އޮރްދޮޣާން ވިދާޅުވީ އެކަން ދިމާވާން ޖެހޭ އިގްތިސާދީ ސަބަބެއް ނެތް ކަމަށާއި މިއީ އެ ގައުމާ ދެކޮޅަށް ހިންގޭ އޮޕަރޭޝަނެއް ކަމަށެވެ.
އޮރްދޮޣާން ވަނީ ލީރާގެ އަގު އެރުވުމަށްޓަކައި ޑޮލަރު ވިއްކާ ލީރާ ގަތުމަށް އެ ގައުމުގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.
ތަޖުރިބާކާރުން ދެކޭ ގޮތުުގައި ލީރާގެ އަގު ދަށްވަނީ ގައުމު އިގްތިސާދީ ކްރައިސިސްއަކަށް ދާ ކަމުގެ ބިރުވެރިކަމުގެ ސަަބަބުންނެވެ.
ތުރުކީގެ އިންފްލޭޝަން 15 އިންސައްތައަށް އަރާފައިވާ އިރު ސްޓޮކް މާކެޓް ވެސް ވަނީ 17 އިންސައްތަ ވެއްޓިފައެވެ.