އެފްރިކާ ބައްރުގެ ކެންޔާގައި ހިޕޮޕޮޓަމަސްއެއްގެ ހަމަލާއެއްގައި ޗައިނާގެ ޓުއަރިސްޓަކު މަރުވެއްޖެއެވެ.
އެ ޖަނަވާރުގެ ޕޮޓޯ ނަގަން އުޅުނު ޗައިނާގެ ޓުއަރިސްޓަށް ހަމަލާ ދީފައި ވަނީ މާކައިރީގައި އުޅުމުން ކަމަށް މަންޒަރު ދުށް ފަރާތުން ބުނެއެވެ.
އުމުރުން 66 އަހަރުގެ ޗޭންގް މިންގް ޗުއަންގް ޗުއްޓީ ހޭދަކޮށްލަން ދިޔައީ ކެންޔާގެ ނައިވާޝާ ކޯރު ކައިރީ ހުރި ރިޒޯޓަކަށެވެ. ބަރުދަނުގައި އާންމުކޮށް 2.7 ޓަނާއި ތޫނު ދަތް ހުންނަ ޖަނަވާރު އެރިސޯޓު ކައިރިން ފެނުމާ އެކު އޭނާ ވަނީ އެއަށް ފާރަލާން ފަށާފައެވެ.
ނަމަވެސް އެއާ މާ ކައިރިއަށް ދެވުމުން އޭތި ދިން ހަމަލާގައި ޗޭންގް ހަށިގަނޑު ބުރި ނުވެ އޮތީ ވަރަށް މަދު މަސްކޮޅެއްގެ ސަބަބުންނެވެ. ޗޭންގް ގައިގައި އެ ޖަނަވާރު ދަތް އަޅާފައި ވަނީ ބަނޑާއި ފުއްޕާމޭ ދިމާވާ ސަރަހައްދުންނެވެ. ޗޭންގް މަރުވީ ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައެވެ. އޭނާ އަށް ދިން ހަމަލާގައި ދެވަނަ މީހަކަށް ވެސް އަނިޔާވެފައިވާ އިރު، އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް މަންޒަރު ދުށް ފަރާތްތައް ބުނެއެވެ. އެމީހާގެ ހަށިގަނޑުން ދެތިން ތަނަކުން ހަން މަށައިގެން ދިއުން ނޫން އަނިޔާއެއް ނުލިބެއެވެ.
ނަވައިޝާގެ ކޯރުގެ ބޯޓު އެސޯސިއޭޝަންގެ ވެރި ފަރާތް ޑޭވިޑް ކިލޯ ވިދާޅުވީ ހިޕޮޕޮޓަމަސް އެ ސަރަހައްދުން ފެނުން ގިނަވެއްޖެ ކަމަށެވެ. އެހެން ވާން މެދުވެރިވަނީ އެ ޖަނަވާރު ދިރިއުޅޭ ސަރަހައްދުތަކުގެ ފެންގަނޑު އުފުލުމާ ގުޅިގެން އެ އެއްޗެއްސަށް "ހެޔޮވަރުގެ" ފެންގަނޑު ހުންނަ ސަރަހައްދުތަކަށް ބަދަލުވާތީ ކަމަށް އޭނާ ވިދާޅުވިއެވެ. އާންމުކޮށް މިހާރު އެ ޖަނަވާރުތައް ދަނީ ނަވައިޝާ ކޯރު ފަދަ ތަންތަން ކަމަށް އޭނާ އިޝާރާތް ކުރެއްވިއެވެ.
ހަމަލާ ދިން ހިޕޮޕޮޓަމަސްއަށް ކެންޔާގެ ވައިލްޑް ލައިފްއިން ދަނީ ފާރަލަމުންނެވެ.
ހިޕޮޕޮޓަމަސްއަކީ، އެއްގަމުގެ މެމަލް (ބިހަކާ ނުލާ ދަރިން ވިހާ ޖަނަވާރު) ތަކުގެ ތެރެއިން އެންމެ ވަރުގަނދަ ޖަނަވާރެވެ. ކެންޔާގައި އެކަނި ވެސް ހިޕޮޕޮޓަމަސްގެ ހަމަލާތަކުގައި އަހަރަކު 500 މީހުން މަރުވެއެވެ.