ކެނެޑާގައި ތައުލީމު ހާސިލްކުރަމުންދާ އެތައްހާސް ދަރިވަރުންނެއް އަނބުރާ ގައުމަށް ދިއުމަށް ސައުދީ އަރަބިޔާގެ ސަރުކާރުން އަންގައިފިއެވެ.
ސައުދީގެ ކިޔަވާކުދިންގެ ގްރޫޕަކުންވަނީ ސިޔާސީ ދެބަސްވުންތަކުގެ ތެރެެއަށް އެކުދިން ނުވެއްދުމަށް ލީޑަރުންނަށް ގޮވާލައި ބަޔާނެއް ނެރެފައެެވެ.
ކެނޭޑިއަން ސްޓޫޑެންޓް ޔޫނިއަންއިން ގެންދަނީ ސައުދީގެ ދަރިވަރުންގެ ތައުލީމީ މުސްތަގުބަލާއި ގުޅިފައިވާ މި މައްސަލައިގައި ދިމާވާ ނުތަނަވަސްކަމަށް ލުއިކަމެއް ހޯދައިދިނުމަށް މަސައްކަތް ކޮށްދެމުންނެވެ.
ކެނެޑާގައިތިބި ސައުދީގެ ކިޔަވާކުދިން އަނބުރާ ގައުމަށް ގެންދަން ފަށާފައިމިވަނީ ސައުދީ އަރަބިއާގެ ދާޚިލީ ކަންކަމާއި ބެހޭކަމަށްބުނެ ކެނެޑާއާއި އެކު ކުރިޔަށްގެންދާ ވިޔަފާރިތަކާއި އިންވެސްޓްމަންޓްތައް މަޑުޖައްސާލައި އެ ގައުމުގައި ހުންނަ އެމްބަސެޑަރު ފޮނުވާލުމަށްފަހުއެވެ.
ސައުދީން މި ފިޔަވަޅު އަޅާފައިވަނީ އެގައުމުގައި އިންސާނީ ހައްގުތަކަށް ގޮވާލާ އެތައް އެކްޓިވިސްޓުންނެއް ހައްޔަރުކޮށްފައިވާކަމަށާއި އެކަމާ އިންތިހާއަށް ކަންބޮޑުވާކަމަށް ކެނެޑާއިން ބުނުމުންނެވެ.