އަންނަ އޮކްޓޯބަރު މަހު އަފްޣާނިސްތާނުގައި ބޭއްވުމަށް ޝެޑިއުލް ކުރެވިފައިވާ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގައި، 35 ކެންޑިޑޭޓަކަަށް ކުރިމަތި ލުމަށް ޝަރުތު ހަމަނުވާ ކަމަށް އެގައުމުގެ އިންތިޚާބާ ބެހޭ މައި މުއައްސަސާ އިން ނިންމައިފިއެވެ.
ހޮނިހިރު ދުވަހު "ދަ އިންޑެޕެންޑެންޓް އިލެކްޓޯރަލް ކޮމްޕްލެއިންސް ކޮމިޝަން (އައި.އީ.ސީ.ސީ)" އިން ނެރުނު ބަޔާނެއްގައި ބުނީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާފައިވާ 35 ކެންޑިޑޭޓަކަށް އިންތިޚާބުގައި ވާދަކުރުމުގެ ޝަރުތު ހަމަނުވާކަމަށާއި އެއީ ހަތިޔާރުއެޅި ހަނގުރާމަވެރި ޖަމާއަތްތަކާ ސީދާ ގުޅުން އޮންނަ ފަރާތްތަކެއް ކަމަށް ކޮމިޝަނަށް އެނގިފައިވާތީ ކަމަށެވެ. އިންތިޚާބުގައި ވާދަނުކުރެވޭނެކަން ހާމަކޮށްފައިވާ ލިސްޓުގައި މިހާރު ގާނޫނު ހަދާ މަޖިލީހުގައި ތިއްބެވި ބައެއް މެމްބަރުންވެސް ހިމެނެއެވެ. އިލެކްޓޯރަލް ކޮމްޕްލެއިންސް ކޮމިޝަނުން ބުނީ ކެންޑިޑޭޓުންތަކެއް ޑިސްކޮލިފައި ކުރީ އިންތިޚާބު މިނިވަން އަދި އިންސާފުވެރިކޮށް ގެންދަން ކަމަށާއި އެ ކޮމިޝަނުން ބޭނުން ވަނީ މުޅި އިންތިޚާބީ ނިޒާމު ސާފު ކުރުމަށް ކަމަށެވެ.
އިންތިޚާބުގައި ވާދަނުކުރެވޭނެ ކަމަށް އެގައުމުގެ އިލެކްޓޯރަލް ކޮމްޕްލެއިންސް ކޮމިޝަނުން ކަނޑައެޅި ބައެއް ފަރާތްތައް ވަނީ އެ މައްސަލަ މިހާރު އެޕީލްއަށް ހުށަހަޅާފައެވެ.
2016 ގެ އޮކްޓޯބަރު ގައި އިންތިޚާބު ބާއްވަން ޝެޑިއުލް ކުރެވި ފަހުން 2018 ގެ ޖުލައި މަހަށް ފަސްކުރެވުނެވެ. އަދި އެއަށްފަހު 2018ގެ އޮކްޓޯބަރު 20 ޝެޑިއުލް ކުރެވުނެވެ.