ގެސްޓް ހައުސް މޯލްޑިވްސް މެގަޒިން އަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މޯލްޑިވްސް ގެޓް އަވޭސް އިން ހުޅުވާލައިފިއެވެ.
މި ފަހަރު ގެސްޓް ހައުސް މޯލްޑިވްސް މެގަޒިން އެންޑޯޒް ކޮށްފައިވަނީ ގެސްޓް ހައުސް އެސޯޝިއޭޝަންގެ ފަރާތުންނެވެ. ގެސްޓް ހައުސް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ކަރަމް ވިދާޅުވީ މޯލްޑިވްސް ގެޓް އަވޭސްގެ ފަރާތުން ރާއްޖޭގެ ގެސްޓް ހައުސްތައް ޕްރޮމޯޓް ކުރުމަށްޓަކައި ކުރަނީ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ.
މޯލްޑިވްސް ގެޓް އަވޭސްގެ މޭކެޓިންގ އެގްޒެކްޓިވް އައިމިނަތު ރީޝާ ވިދާޅުވީ މެގަޒިންނަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އޮގަސްޓް 20 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި މެގަޒިންގައި ލިސްޓް ކުރެވިގެންދާނީ އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރާ 100 ގެސްޓް ހައުސްތައް އެކަނި ކަމަށް ރީޝާ ވިދާޅުވިއެވެ.
ގެސްޓް ހައުސް މޯލްޑިވްސް މެގަޒިން އަށް ގެސްޓް ހައުސްތަކުން ހިލޭ ރަޖިސްޓްރީ ކުރެވޭއިރު މި މެގަޒިން ހިލޭ އެކި ގެސްޓް ހައުސްތަކަށާއި އެކި ފަރާތްތަކަށް ލިބެގެންދާނެ ކަމަށް ގެޓް އަވޭސް އިން ބުންޏެވެ. އަދި ރާއްޖޭއިން ބޭރުގައި އޮންނަ އެކި ފެއަރތަކުގައި ވެސް މި މެގަޒިން ޑިސްޕްލޭ ކުރެވިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ގެޓް އަވޭސްގެ ފަރާތުން މީގެ ކުރީ އަހަރުތަކުގައި ގެސްޓް ހައުސް ކޮންފަރެންސް ބޭއްވި ނަމަވެސް މި އަހަރު އެ ކޮންފަރެންސް ނުބާއްވާން ވަނީ ނިންމާފައެވެ. އެއީ ރިޔާސީ އިންތިހާބުގެ ދުވަސް ކައިރިވެފައި އޮތުމާއި ކޮންފަރެންސް ބާއްވާނެ ތަނެއް ހޯދުމުގެ ދަތިވުމުން ކަމަށް އެ ކުންފުނިން ބުންޏެވެ.
މިއީ ގޭޓް އަވޭސްގެ ފަރާތުން ގެސްޓް ހައުސް މޯލްޑިވްސް މެގަޒިން ނެރޭ ފަސް ވަނަ ފަހަރެވެ.
ރާއްޖޭގައި 630 އަށްވުރެ ގިނަ ގެސްޓް ހައުސް ހިންގަމުންދެއެވެ.