ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި އެމެރިކާގެ ބައްރުގައި އޮންނަ ކޮލަމްބިއާއިން ބަލައިގަނެފިއެވެ.
ކޮލަމްބިއާގެ ފޮރިން މިނިސްޓްރީން ބުނީ އެ ނިންމުން ރައީސް ހުއާން މެނުއަލް ސަންތޯސް ނިންމާފައިވަނީ އޭނާގެ ދައުރުގެ އެންމެ ފަހު ވަގުތުގައި ކަމަށެވެ. އައު ރައީސް ވެރިކަމާއި ހަވާލުވުމުގެ ކުޑަ ވަގުތު ކޮޅެއްގެ ކުރިން ނިންމައިފައިވާ އެ ނިންމުމަކީ ސައްހަ ނިންމުމެއްކަމަށް އައު ރައީސް އިވާން ޑުކިއު ވިދާޅުވިއެވެ. ފަލަސްތީނަކީ މިނިވަން ދައުލަތެއް ކަމަށް ބަލައިގަތް ލިޔުމުގައި މިދިޔަ ހުކުރު ދުވަހު ސޮއިކުރައްވާފައި ވަނީ ސަންތޯސްގެ ސަރުކާރުގެ ފޮރިން މިނިސްޓަރު މާރިއާ އެންޖެލާ ހޮލްގުއިންއެވެ. އަދި އެ ލިޔުން ވަނީ އެ ގައުމުގައި ހުންނަ ފަލަސްތީނުގެ އެމްބަސީއާ ހަވާލު ކޮށްފައެވެ.
އާ ސަރުކާރުގެ ފޮރިން މިނިސްޓަރު ކާލޯސް ހޮލްމްސް ވިދާޅުވީ ކުރީގެ ސަރުކާރުން ކޮށްފައިވާ ކަންކަން، ބައިނަލްއަގުވާމީ ގާނޫނުތަކާއި ޑިޕްލޮމެޓިކް ޕްރެކްޓިސް އަށް ބަލައި، ދިރާސާ ކުރުމަށްފަހު ގާނޫނާ ގަވާއިދާ އެއްގޮތްވާގޮތުގެ މަތީން އަމަލު ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަންދޭ ކަމަށެވެ.
އެމެރިކާގެ ގާތް ގައުމެއް ކަމަށްވާ ކޮލަމްބިއާ އިން ކުރިން ދިޔައީ އިޒްރޭލާ ވެސް ގާތްކަން ބާއްވަމުންނެވެ. އިޒްރާއިލުން ވަނީ ކޮލަމްބިއާގެ ނިންމުމާ ދޭތެޜޭ ހިތާމަ ކުރާ ކަމަށް ބުނެފައެވެ. އަދި އެ ނިއްމުން އަލުން މުރާޖާކޮށް ބަދަލު ކުރުމަށް އެދޭ ކަމަށް ބުނެފައިވެއެވެ.