ނައިޖީރިއާގެ ޤާނޫނު ހަދާ މަޖިލީހަށް މެމްބަރުން ވަނަނުދީ ހިފެހެއްޓި މައްސަލައިގައި އެޤައުމުގެ އިންޓެލިޖެންސް އިދާރާކަމަށްވާ ސްޓޭޓް ސެކިއުރިޓީ ސަރވިސަސްގެ ވެރިޔާ ލަވާލް މޫސާ ޑައުރާ މަޤާމުން ވަކިކޮށްފިއެވެ.
އަންގާރަ ދުވަހު ޤާނޫނު ހަދާ މަޖިލީހުގެ އިދިކޮޅު މެމްބަރުން މަޖިލީހަށް ވަޑައިގަތްއިރު މާސްކް އަޅައިގެން ތިބި އޮފިސަރުން ތިބީ ޤާނޫނު ހަދާ މަޖިލީހުގެ އިމާރާތުގެ ހުރިހާ ގޭޓެއް ބަންދުކޮށް، ހަތިޔާރާއިއެކު ގާޑުކޮށްގެންނެވެ. އިދިކޮޅު މެމްބަރުން އެކަން ސިފަކުރީ ޤާނޫނު ހަދާ މަޖިލިސް ހިސާރުކުރުން ކަމަށެވެ. އަދި މެމްބަރުން ރުޅިގަދަވެގެން މާސްކް އަޅައިގެން ތިބި އޮފިސަރުންނަށް ބަހުގެ ޙަމަލާތައް އަމާޒުކުރާ މަންޒަރު ވީޑިއޯތަކުން ފެނެއެވެ.
އިދިކޮޅު މެމްބަރުން ދިޔުމުގެ ކުރިން ވެރިކަންކުރާ ޕާޓީ އޯލް ޕްރޮގްރެސިވް ކޮންގްރެސްއަށް ނިސްބަތްވާ މެމްބަރުން ވަނީ މަޖިލީހުގެ ޗެމްބަރަށް ވަދެފައެވެ.
މިހާދިސާއާއި ގުޅިގެން އިންޓެލިޖެންސްގެ ވެރިޔާ މަޤާމުން ވަކިކުރުމަށް ނައިބު ރައީސް ޔެމީ އޮސިންބަޖޯ ނިންމެވީ އެއަމަލަކީ ޤާނޫނުގެ ވެރިކަމަށް ހުރަސް އެޅުމަށް އޮފިސަރުން ކުރިކަމެއްކަމަށްވާތީއެވެ. އަދި އެއަމަލުގެ ސަބަބުން ބާރުތައް ވަކިކޮށްގެން ވެރިކަންކުރުމުގެ ނިޒާމަށް ހުރަސް އެޅޭކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ނައިޖީރިއާގެ ރައީސް މުހައްމަދު ބުޚާރީ ރަސްމީ މަސައްކަތްޕުޅެއްގައި ޗުއްޓީއެއް ހޭދަކޮށްލެއްވުމަށާއިއެކު މިވަގުތު އިނގިރޭސިވިލާތަށް ވަޑައިގެން އުޅުއްވާތީ ވެރިކަމާއި ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވީ ނައިބު ރައީސް އޮސިންބަޖޯއެވެ.
ވެރިކަމުގެ ފަރާތުން މީޑިއާތަކަށް މައުލޫމާތު ދެއްވި އޮފިޝަލަކު ވިދާޅުވީ އިންޓެލިޖެންސް އިދާރާއިން އެފަދަ އަމަލެއް ހިންގީ ރިޔާސީ އޮފީހަށް އެނގިގެން ނޫންކަމަށާއި، ޤާނޫނު ހަދާ މަޖިލީހަށް މެމްބަރުން ވަނަނުދީ ހިފެހެއްޓީ ކޮން ސަބަބަކާއިހުރެ ކަމެއް އެނގިފައި ނުވާކަމަށެވެ.
އެހެންނަމަވެސް ނައިޖީރިއާގެ އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ޤާނޫނު ހަދާ މަޖިލީހަށް މެމްބަރުން ވަނަނުދީ ހިފެހެއްޓީ ސަރުކާރުގެ ނުފޫޒުންނެވެ. އަދި އަމަލު ހިންގީ ޤާނޫނު ހަދާ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މަގުފަހިކުރުމަށްކަމަށް އިދިކޮޅު މެމްބަރުން ތުހުމަތުކުރެއެވެ.
ނައިޖީރިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ބުކޯލާ ސަރާކީ ވަނީ ދާދިފަހުން ވެރިކަންކުރާ ޕާޓީ އޯލް ޕްރޮގްރެސިވް ކޮންގްރެސް ދޫކޮށް، އިދިކޮޅު މައި ޕާޓީ ޕީޕަލްސް ޑިމޮކްރެޓިކް ޕާޓީއާއި ގުޅިވަޑައިގެންފައެވެ. ސަރާކީގެ އިތުރުންވެސް ވެރިކަންކުރާ ޕާޓީގެ ގިނަ އަދަދެއްގެ މެމްބަރުން ވަނީ އިދިކޮޅު ޕާޓީއާއި ގުޅިވަޑައިގެންފައެވެ.
ބުޚާރީ އިތުރު ދައުރަކަށް އަންނަ އަހަރު ވެރިކަމަށް ކުރިމަތިލައްވާއިރު، އެމަނިކުފާނުގެ އަމިއްލަފުޅު ޕާޓީއިން އެމަނިކުފާނަށް އިތުބާރު ނެތްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.