ސައުދީގެ އެހީއާއެކު މެލޭޝިއާގައި ގާއިމުކޮށްފައިވާ އެންޓި-ޓެރަރިޒަމް ސެންޓަރު، މެލޭޝިއާގެ އާ ސަރުކާރުން ބަންދުކުރުމަށް އަމުރުކޮށްފިއެވެ.
މި ސެންޓަރު ބަންދުކުރުމަށް ވަކި ސަބަބެއް އަންގާފައިވާނުވާއިރު، މި ސެންޓަރު ބަންދުކުރަން މި ޖެހުނީ ހުޅުވިތާ 13 މަސްވެސް ނުވަނީހެއެވެ.
މެލޭޝިއާގެ ޑިފެންސް މިނިސްޓަރު މުހައްމަދު ސަބޫ އާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން، "ދަ ކިންގް ސަލްމާން ސެންޓާ ފޯ އިންޓަނޭޝަނަލް ޕީސް (ކޭ.އެސް.ސީ،އައި.ޕީ)" ގެ މަސައްކަތް މިހާރު ހުއްޓާލާފައިވާ ކަމަށާއި އަދި އެތަނުގެ މަސައްކަތްތައް ދެން ކުރާނީ "މެލޭޝިއަން އިންސްޓިޓިއުޓް އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ" އިން ކަމަށެވެ.
ސައުދީގެ އެހީއާއެކު މެލޭޝިއާގައި ގާއިމުކޮށްފައިވާ އެންޓި-ޓެރަރިޒަމް ސެންޓަރު ބަންދުކުރި ސަބަބެއް މެލޭޝިއާގެ މިހާރުގެ ސަރުކާރުން ހާމަކޮށްފައިނުވާއިރު، ސަރުކާރުގެ މިއަަމަލަށް ފާޑުވިދާޅުވެ މެލޭޝިއާގެ ކުރީގެ ޑިފެންސް ހިޝާމުއްދީން ހުސެން ވިދާޅުވީ 2017 ގައި އޭރުގެ ސަރުކާރުން ހުޅުވި ސެންޓަރަކީ "ހައްދުފަހަނައަޅައި ދިޔުން" ހުއްޓުވުމަށް ވަރަށް މުހިއްމު ތަނެއް ކަމަށެވެ.
މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބް ރައްޒާގުގެ ދައުުރުގައިި މެލޭޝިއާގައި ސައުދީގެ ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާ ކަމަށް ބައެއް ފާރަތްތަކުން ބުނެއެވެ.
މެލޭޝިއާގައި މޭ 2018 ގައި ބޭއްވި އާއްމު އިންތިޚާބު ކާމިޔާބު ކުރައްވާ މިހާރު ވެރިކަމުގައި ހުންނެވި ބޭފުޅަކީ ޑރ. މާހާތީރް މުހައްމަދުއެވެ. މަހާތީރް ވަނީ 1981 އިން 2003 އަށް ވެސް މެލޭޝިއާގެ ބޮޑު ވަޒީރުކަން ކުރައްވާފައެވެ.