އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ސަރުކާރުން ތައާރަފް ކުރި ޑާކާ (ޑިފާޑް އެކްޝަން ފޯ ޗައިލްޑްހުޑް އެރައިވަލްސް) ޕްރޮގްރާމް، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ހުއްޓުވުމުގެ މަސައްކަތް ކުރަނިކޮށް އެ ގައުމުގެ ފެޑްރަލް ކޯޓަކުން އެ ޕްރޮގްރާމް ދާއިމީ ކުރުމަށް އަމުރު ކޮށްފިއެވެ.
ވޮޝިންގޓަން ފެޑްރަލް ކޯޓުން ހުކުރު ދުވަހު ވަނީ ޑާކާ ޕްރޮގްރާމް ކުރިއެކޭ ވެސް އެއްގޮތަށް ކުރިއަށް ގެންދިއުމަށް ޓްރަމްޕްގެ ސަރުކާރު މައްޗަށް އަމުރު ކޮށްފައެވެ. ކުޑައިރު އެމެރިކާއަށް ހިޖުރަކޮށްފައިވާ މީހުންގެ ހައްގުތަށް ރައްކާތެރިކޮށްދީ، އެ މީހުން ޑީޕޯޓް ކުރުން ވަނީ ހުއްޓިފައެވެ. އަދި ފެޑްރަލް ކޯޓްގެ އަމުރާ ގުޅިގެން އެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލެވިފައެވެ.
އެ އަމުރު އިސްތިއުނާފް ކުރުމަށް އޯގަސްޓް 23 އާ ހަމައަށް ފުރުސަތު ލިބޭނެއެވެ.
އެ އަމުރު ނެރުނު ފަނޑިޔާރު ޖޯން ބޭޓްސް ވަނީ އޭޕްރިލް މަހު ވެސް އެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް އަމުރު ކޮށްފައެވެ. ނަމަވެސް އެ އަމުރު ނެރުނީ ވަގުތީ ގޮތުން ތިން މަސް ދުވަހަށެވެ. ނުވަދިހަ ދުވަހުގެ މުއްދަތުތެރޭ ޓްރަމްޕްގެ ސަރުކާރުން އެ ޕްރޮގްރާމް ހުއްޓުވަން ބޭނުންވާ ސަބަބު ސާފްކޮށް ބަޔާންކޮށްދިނުމަށް ވަނީ އެ އަމުރުގައި އެދިފައެވެ.
އެމެރިކާގައި މިހާރު ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝް ވެރިކަމުގައި އައްޔަން ކުރެއްވި ފަނޑިޔާރު ބޭޓްސް ވަނީ އެމަނިކުފާނު އައްޔަން ކުރެއްވި ޕާޓީން ޑާކާ ހުއްޓުވަން ޖެހޭ ސަބަބު ސާފްކޮށް ބަޔާން ނުކޮށްދެވޭކަމަށް ނިންމާފައެވެ.
ޑާކާގެ ދަށުން ހަތް ލައްކަ މީހުންގެ ހައްގުތައް ވަނީ ރައްކާތެރި ކޮށްދީފައެވެ. އެ މީހުންނަށް ވަނީ އެމެރިކާގައި މަސައްކަތް ކުރުމުގެ ހުއްދަ ދެ އަހަރު ދުވަހަށް ދީފައެވެ. މުއްދަތު ހަމަވުމުން އަނެއްކާވެސް ޖެހޭނީ އެ ޕްރޮގްރާމްގައި އަލުން ބައިވެރިވާށެވެ. ޑާކާގެ ދަށުން އެމެރިކާގެ ރައްވެއްސަކަށް ވުމުގެ ފުރުސަތު ނުލިބެއެވެ.
އެ ޕްރޮގްރާމް ފައްޓަވައި ދެއްވީ ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތް ބަރަކް އޮބާމާ 2012 ވަނަ އަހަރުއެވެ. ޓްރަމްޕް ވަނީ އެ ޕްރޮގްރާމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.