ރާއްޖޭގެ ބާޒާރުގައި ފިޔާ އަދި ބިސް ލިބުން ދަތިވެ އަގު އުފުލިދާނެ ކަމަށް ވިޔަފާރިވެރިން ބުނެފިއެވެ.
ހޮނިހިރު ދުވަހު ރާއްޖެއެމްވީއާ ވާހަކަ ދެއްކި ބައެއް ވިޔަފާރިވެރިން ބުނީ ބާޒާރުން ފިޔާ އަދި ބިސް ނުލިބޭތާ ހަތަރު ވަރަކަށް ދުވަސްވެއްޖެ ކަމަށާއި ފިޔާ ކިލޯއެއްގެ އަގު ކުރިއަށް އޮތް ދުވަސްތަކުގައި 20ރ. އަށް އުފުލިގެންދާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ބާޒާރުގައި ފިޔާ އަދި ބިސް ލިބުން ދަތިވެފައިވާއިރު ފިޔާ ކިލޯއެއް ކުރިން ބާޒާރުގައި ވިއްކަމުން ދިޔައީ 12ރ. އަށެވެ. އަދި ބިސް ވިއްކަން ހުރީ 1.75 ލާރި އަށް ބިހެކެވެ.
ބާޒާރުގައި ހުދު ބިސް ކޭހެއް 470ރ. އަށް ކުރިން ލިބެން ހުރިއިރު ފިޔާ ބަސްތާއެއް ލިބެން ހުރީ 600ރ. އަށް ކަމަށް ވިޔަފާރިވެރިން ބުނެއެވެ.
ބާޒާރުގައި ފިޔާ އަދި ބިހުގެ އަގު އުފުލިފައި ވަނީ ތެލުގެ އަގު އުފުލުމާ ގުޅިގެން އިންޑިއާގައި ޓްރަކް ޑްރައިވަރުންތަކެއް ކުރި މުޒާހަރާތަކުގެ ސަބަބުން އެތަކެތި އިންޑިއާ އިން އެހެން ޤައުމުތަކަށް އެކްސްޕޯޓް ކުރުމުގައި ދަތިތަކަކާ ކުރިމަތިވުމާ ގުޅިގެންނެވެ.
މީގެ އިތުރުން ރާއްޖެއެމްވީއާ ވާހަކަ ދެއްކި ބައެއް ވިޔަފާރިވެރިން ބުނީ ބާޒާރުން މިހާރު ފިޔާ އަދި ބިސް އެއްވެސް ގޮތަކަށް ނުލިބޭ ކަމަށާއި ކުރިއަށް އޮތް ދެ ދުވަސް ތެރޭގައި މިކަން ހައްލުވެގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ.
އާންމު ގޮތެއްގައި ފިޔާ އަދި ބިސް ފަދަ ތަކެތީގެ އަގު އުފުލެނީ ރޯދަ މާހައި ދިމާކޮށެވެ. އެހެންނަމަވެސް އިންޑިއާގައި ކުރި މުޒާހަރާތަކާ ގުޅިގެން ރާއްޖެއަށް ފިޔާ އަދި ބިސް އެތެރެކުރުމުގައި ދަތިތަކާ ކުރިމަތިވުމުން ވިޔަފާރިވެރިން ތިބީ ކަންބޮޑުވެފައެވެ.