އުތުރު ކޮރެއާގެ މިސައިލް ޕްރޮގްރާމް ހުއްޓާނުލާކަމަށާއި އެގައުމަށް އަންގާފައިވާ އެންގުންތަކާއި ޚިލާފުވެފައިވާކަމަށް އދގެ ސެކިއުރިޓީ ކައުންސިލުން ކޮމިޝަންޑް ކޮށްފައިވާ ރިޕޯޓެއްގައި ބުނެފިއެވެ.
މީގެ އިތުރުން އެ ރިޕޯޓްގައި ބުނެފައިވާގޮތުން ތެލުގެ އުފެއްދުންތައް އެއްބޯޓުން އަނެއް ބޯޓަށް ބަދަލުކުރުމުގެ މުއާމަލާތްތައް އިތުރު ކޮށްފައިވާކަމަށާއި އަދި އެހެން ގައުމުތަކަށް ހަތިޔާރު ވިއްކުމަށް ޕިޔޮންގޔަންގ އިން މަސައްކަތްކުރާކަމަށް ބުނެފައިވެއެވެ.
މިނިވަން ތަހުގީގީ ތަޖުރިބާ ކާރުންތަކެއްގެ ޕެނަލަކުން މި ރިޕޯޓް ސަލާމަތީ މަޖިލީހަށް ހުށަހަޅާފައިވަނީ ހުކުރުދުވަހުއެވެ.
މި ލިޔެކިއުންތަކުގައި ހޯދިފައިހުރި ކަންކަމަށް އުތުރު ކޮރެއާއިން އަދި އެއްޗެއް ބުނެފައެއްނުވެއެވެ.
މިދިޔަ ހަފްތާގައި އުތުރު އެމެރިކާއިން ބުނެފައިވަނީ ނިއުކްލިއަރ ހަތިޔާރު ނައްތާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރާއިއެކު އެއްބަސްވެ ގުޅުން ރަނގަޅުވަމުންދިޔަ ނަމަވެސް އުތުރު ކޮރެއާއިން ބެލަސްޓިކް މިސައިލް އުފައްދަމުން ދާކަމަށް ފާހަގަވާކަމަށެވެ.
ނަންހާމަ ނުކުރާ އެމެރިކާގެ އޮފިޝަލަކު ވޮޝިންޓަން ޕޯސްޓްގައި ވިދާޅުވެފައިވަނީ ބެލިސްޓިކް މިސައިލް އުފައްދާ ސައިޓެއް ޖާސޫސީ ސެޓެލައިޓްތަކަށް އަރާފައިވާކަމަށެވެ.
އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޖޫންމަހު ސިންގަޕޫރުގައި ބޭއްވެވި ބައްދަލުވުމުގައި ދެ ގައުމުގެވެރިންވަނީ ނިއުކްލިއަރ ހަތިޔާރު ނައްތާލުމަށް އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ. ނަމަވެސް ހަތިޔާރު ނައްތާލާނެގޮތުގެ ތަފްސީލެއް އެއްބަސވުމުގައި ނެތެވެ.
ނިއުކްލިއަރ ޕްރޮގްރާމާއި މިސައިލް ޓެސްޓްގެ ސަބަބުން އުތުރު ކޮރެއާ މިހާރުވެސް އޮތީ އެމެރިކާއާއި ބައިނަލްއަގްވާމީ މުޖުތަމައު އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައެވެ.
އުތުރު ކޮރެއާއާއި ބެހޭގޮތުން ތައްޔާރުކޮށްފައިވާ ރިޕޯޓް ތައްޔާރުކޮށްފައިވަނީ އެ ގައުމަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ތަންފީޒުކުރެވޭގޮތް މޮނިޓަރ ކުރަމުންދާ ތަޖުރިބާކާރުންގެ ޓީމުންނެވެ.
ހޮނިހިރު ދުވަހުގެ ވަރަށް ހެނދުނުގެ ވަގުތެއްގައި އެތައް މީޑިއާތަކަކަށް މި ރިޕޯޓްވަނީފެނިފައެވެ.