ކ. މާލެ
|
2 އޯގަސްޓް 2018 | ބުރާސްފަތި 11:47
ރައީސް ރަޖަބް ތައްޔިބް އުރުދުޣާން(ކ) އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް(ވ). އެމެރިކާއިން ވަނީ ތުރުކީގެ ދެ ވަޒީރަކަށް ފިޔަވަޅު އަޅާފައި
ރައީސް ރަޖަބް ތައްޔިބް އުރުދުޣާން(ކ) އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް(ވ). އެމެރިކާއިން ވަނީ ތުރުކީގެ ދެ ވަޒީރަކަށް ފިޔަވަޅު އަޅާފައި
އަލްޖަޒީރާ
ތުރުކީ
ތުރުކީގެ ދެ ވަޒީރަކާއި ދެކޮޅަށް އެމެރިކާއިން ފިޔަވަޅު އަޅައިފި
ފިޔަވަޅު އަޅާފައި ވަނީ ހައްޔަރުކޮށްފައިވާ އެމެރިކާގެ ފާދިރީ އެންޑްރޫ ބަރަންސަން ދޫނުކޮށްގެން
ފިޔަވަޅު އެޅި ތުރުކީގެ ދެ ވަޒީރުންނަކީ ބަރަންސަން ހައްޔަރުކުރުމުގައި އެންމެ އިސްކޮށް އުޅުއްވި ދެބޭފުޅުން ކަމަށް އެމެރިކާއިން ބުނޭ

ތުރުކީގެ ދެ ވަޒީރަކާއި ދެކޮޅަށް އެމެރިކާއިން ފިޔަވަޅު އަޅައިފިއެވެ.

އެމެރިކާގެ ވައިޓްހައުސްގެ ތަރުޖަމާން ސާރާ ހުކަބީ ވިދާޅުވީ ތުރުކީގެ ދެ ވަޒީރުން ކަމަށްވާ އިންޓީރިއާ މިނިސްޓަރު ސުލައިމާން ސޮއިލޫއާއި، ޖަސްޓިސް މިނިސްޓަރު އަބްދުލްހަމީދު ގުލްއާ ދެކޮޅަށް އެމެރިކާއިން ފިޔަވަޅު އަޅާފައި ވާކަމަށެވެ.

އެދެ ވަޒީރުންނާއި މެދު ފިޔަވަޅު އަޅާފައި ވަނީ ހައްޔަރު ކޮށްފައިވާ އެމެރިކާގެ ފާދިރީ އެންޑްރޫ ބަރަންސަން ތުރުކީއިން ހައްޔަރު ކޮށްފައި ހުންނަތާ ދެއަހަރެއްހާ ދުވަސްވެފައި ވަނިކޮށެވެ. ބަރަންސަން  ތުރުކީން ބޭރަށް ދިއުން މަނާކޮށް ހައްޔަރުކޮށްފައިވަނީ ސިޔާސީ ބައެއް ފަރާތްތަކާ ގުޅުން ބޭއްވުމުގެ ތުހުމަތުގައެވެ. އަދި ތުރުކީއަށް ގެންނަން އުޅުނު ބަޣާވާތުގައި އޭނާ ޝާމިލްވާ ކަމަށާއި އެކަމާއި ގުޅިގެން އޭނާ އެމެރިކާގެ އޮފިސަރަކަށް ފޮނުވާފައިވާ ސިޓީއެއްގެ މައްސަލަ ވެސް ތުރުކީން ވަނީ އޭނާގެ މައްޗަށް ކޮށްފައެވެ.  

ސާރާ ވިދާޅުވީ ފިޔަވަޅު އެޅި ތުރުކީގެ ދެ ވަޒީރުންނަކީ ބަރަންސަން ހައްޔަރުކުރުމުގައި އެންމެ އިސްކޮށް އުޅުއްވި ދެބޭފުޅުންކަމަށާއި އެދެބޭފުޅުންނަކީ ތުރުކީގައި އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ އަމަލުތައް ތަންފީޒުކުރާ އިދާރާތައް ހިންގަވާ ދެވެރިންކަމަށެވެ.

ފިޔަވަޅު އެޅުމާއި ގުޅިގެން އެ ދެވަޒީރުންނަށް އެމެރިކާގެ ގާނޫނު ހިނގާ އެއްވެސް ސަރަހައްދެއްގައި މުދާތައް ހުރިނަމަ އެ ހިފެހެއްޓޭނެއެވެ. އަދި އެމެރިކާގެ ގާނޫނު ހިނގާ ކުންފުނިތަކާއި އެމެރިކާގެ ރައްޔިތުންނާ މުއާމަލާތް ކުރުން މަނާވާނެއެވެ.

ސާރާ ވިދާޅުވީ ބަރަންސަން ދޫކޮށްނުލައިފި ނަމަ އަދިވެސް އިތުރު ފިޔަވަޅުތައް ތުރުކީއާ ދެކޮޅަށް އެމެރިކާއިން އަޅާނެކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް