އިންޑިއާގެ ޕަޓްނާ ސިޓީއަށް ދިއުމަށް ބެންގަލޫރުން ދަތުރުކުރި މަތިންދާބޯޓުގައި ކުޑަ ކުއްޖަކު ނޭވާ ހާސްވެގެން މަރުވެއްޖެއެވެ.
އިންޑިއާގެ އިންޑިގޯ އެއާލައިނުން މައިންބަފައިންނާއެކު ދަތުރު ކުރަމުންއައި ހަތަރު މަހުގެ ތުއްތު ކުއްޖާ ނޭވާ ހާސް ވާން ފެށީ ދަތުރު މަތީގައެވެ. ޕައިލެޓުން ވަނީ ވަގުތުން ފްލައިޓްގެ މިސްރާބު ބަދަލު ކޮށްލުމަށް ފަހު ހައިދްރާއާބާދުއަށް ޖައްސާފައެވެ. އަދި ޖެއްސުމުގެ ކުރިން ވަނީ އެއާޕޯޓަށް އެމްބިއުލަންސްއަކާއި ޑޮކްޓަރެއް ފޮނުވުމަށް ވެސް އެދިފައެވެ.
ނަމަވެސް އިތުރު ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދެވުނުއިރު ކުއްޖާގެ ފުރާނަ ވަނީ ގެއްލިފައި ކަމަށް ހޮސްޕިޓަލުގެ ޑޮކްޓަރުންނާ ހަވާލާދީ އެ ސަރަހައްދުގެ ފުލުހުން ވަނީ ބުނެފައެވެ.
ރޭގަނޑު ހިނގި އެ ހާދިސާގައި އެއްވެސް ބައެއްގެ އިހުމާލެއް ނުވާ ކަަމަށާއި ހުރިހާ ކަމެއް ވެސް ދިޔައީ ކަންކުރަން އޮންނަ އުސޫލުގެ ދަށުން ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
އެ ކުއްޖާ މަރުވުމާ ގުޅިގެން ދަތުރު ކުރި އެއާލައިނުން ވަނީ ތައުޒިޔާ ކިޔާފައެވެ.