ކ. މާލެ
|
1 އޯގަސްޓް 2018 | ބުދަ 19:24
އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ހޯއްދެވި އިމްރާން ޚާން
އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ހޯއްދެވި އިމްރާން ޚާން
އޭއެފްޕީ
އިމްރާން ޚާން
ބޭރުގެ ގައުމުތަކުގެ ވެރިން އިމްރާން ޚާން ގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތައް ވަޑައިގަންނަވަން އަދި ހަމަޖެހިފައެއް ނުވޭ: ޕީޓީއައި
ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން، އިންޑިއާ ގެ ބޮޑު ވަޒީރު ހިމެނޭގޮތުން ސާކް ގައުމުތަކުގެ ވެރިންނަށް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ދައުވަތު އެރުވުމަށް އިމްރާން ގެންދަވަނީ ވިސްނަވަމުން

މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އިމްރާން ޚާން އަންނަ އޯގަސްޓް 11 ގައި ޕާކިސްތާނުގެ ބޮޑު ވަޒީރު ކަމުގެ ހުވާ ކުރައްވަން ހަމަޖެހިފައިވާއިރު، ހުވާ ކުރުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ހިމެނޭގޮތުން ސާކް ގައުމުތަކުގެ ލީޑަރުންނާއި އަދި އެހެންވެސް ބޭރު ގައުމުތަކުގެ އިއްޒަތްތެރިން ދައުވަތު އަރުވަން އިމްރާން ޚާން ވިސްނަވަމުންދާ ކަަމަށް  މީޑިއާތަކުގައި ރިޕޯޓު ކުރެވުނު ޚަބަރު އިމްރާން ޚާން ގެ ޕާޓީ އިން ދޮގުކޮށްފިއެވެ. 

އިމްރާން ޚާން ގެ ތަހްރީކީ އިންސާފް (ޕީޓީއައި) ގެ ތަރުޖަމާނު ޓްވިޓާ މެދުވެރިކޮށް ވިދާޅުވީ ބޭރު ގައުމުތަކުގެ އިއްޒަތްތެރިން، އިމްރާން ޚާން ބޮޑު ވަޒީރު ކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގަންނަވާނެ ކަމަށް މީޑިއާގައި ފެތުރިފައިވާ އަޑުތަކަކީ ރަނގަޅު ނޫން ވާހަކައެއް ކަމަށާއި، ބޭރުގެ ގައުމުތަކުގެ އިއްޒަތްތެރިން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތައް ވަޑައިގަތުމާ ބެހޭ ގޮތުން ޚާރިޖިއްޔާގެ ބަހެއް ހޯދުމަށް މަސައްކަތްކުރަމުން ގެންދާ ކަމަށާއި، ގޮތެއް ނިންމާނީ އެއަށް ފަހު ކަމަށެވެ. 

މީޑިއާ ރިޕޯޓުތައް ބުނާގޮތުން، އޯގަސްޓް 11 ގައި އޮންނަ އިމްރާން ޚާންގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އިމްރާން ޚާން ވަނީ އިންޑިއާގެ މަޝްހޫރު އެކްޓަރު، އާމިރް ޚާން އާއި އިންޑިއާގެ ކުރީގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިން ކަަމަށްވާ ކަޕިލް ޑޭވް، ނަވްޔޮޓް ސިންގ ސިދު އަދި ސުނިލް ކަޕިލް ޑޭވް އަށް ވަނީ ދައުވަތު އަރުވާފައެވެ. 

މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އިމްރާންޚާންގެ ޕާކިސްތާން ތަހްރީކީ އިންސާފް (ޕީޓީއައި)އަށް އާއްމު އިންތިޚާބުގައި 116 ގޮނޑި ލިބިފައިވެއެވެ. އެެހެން ނަމަވެސް މިއީ ސަރުކާރެއް އެކުލަވާލެވޭނެ ވަރެއް ނޫނެވެ. ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ އަގުލަބިއްޔަތެއް ހޯދައި އެއް ޕާޓީ އަކުން ސަރުކާރެއް އެކުލަވާލުމަށްޓަކައި 137 ގޮނޑި ބޭނުންވެއެވެ. އެންމެ ފަހުގެ ރިޕޯޓުތައް ބުނާގޮތުން އިމްރާން ޚާން ގެ ޕީޓީއައި އަށް މިހާރު ވަނީ ކޯލިޝަން ސަރުކާރެއް އެކުލަވާލެވޭ ވަރަށް ގޮނޑިތައް ހަމަވެފައެވެ. 

އިމްރާން ޚާންގެ ޕީޓީއައި އާ އެންމެ ގާތުން ވާދަކުރެއްވި، މަގާމުން ދުރުކުރެވިފައިވާ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފްގެ ޕީއެމްއެލް-އެން ޕާޓީ ލިބިފައި ވަނީ 66 ގޮނޑިއެވެ. ޕާކިސްތާން ޕީޕަލްސް ޕާޓީ އަށް ލިބިފައި ވަނީ 43 ގޮނޑިއެވެ. 

 

 

- ކޮމެންޓް