ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން އެކުލަވާލާފައިވާ ދުންފަތް ކޮންޓްރޯލް ކުރުމުގެ މުއާހަދާގެ ދަށުން ސްރީލަންކާގެ 100 ސިޓީއެއްގައި ސިނގިރޭޓް ވިއްކުން ހުއްޓާލާފައިވާ ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރ ޑރ. ރަޖީތާ ސެނަރަތުނަ ވިދާޅުވެއްޖެއެވެ.
ލަންކާގެ ޕަބްލިކް ހެލްތު އިންސްޕެކްޓާސް ޔޫނިއަންގެ 83 ވަނަ އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން ސެނަރަތުނަ ވިދާޅުވީ ސްރީލަންކާގައި ސިނގިރޭޓް ބުއިމާއި ހުއްޓުވުމަށް އިންސްޕެކްޓަރުންގެ ފުރިހަމަ އެއްބާރުލުމެއް ލިބެމުން އަންނަ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ސިނގިރޭޓް ވިއްކުން އެއްކޮށް ހުއްޓުވާލުން 200 ސިޓީއަށް އިތުރު ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސިނގިރޭޓާއި ދުންފަތުގެ އިސްތިމާލު ކުރުމަށް ހިތްވަރުލިބޭ އުފެއްދުންތައް އިޝްތިހާރު ކުރުން ހުއްޓާލުމަށް ވެސް ސެނަރަތުނަ ވަނީ އެދިވަޑައިގެންފައެވެ.
ދުންފަތް ވިއްކާ ކުންފުނިތަކުން ވަނީ އެއް މިލިއަން ސިނގިރެޓް މުއްދަތު ހަމަވެ ނުވިކު ހުރި ކަމަށް އެ ކުންފުނިތަކުން ފާހަގަ ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ލަންކާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބައެއް ސިޓީތަކުން ސިނގިރޭޓް ވިއްކުން އެއްކޮށް ހުއްޓާލުމާ ގުޅިގެން މަނާ ނުކުރާ ސިޓީތަކުން ވަނީ ކޮންމެ ސިނގިރޭޓަކުން 3.80 ރުޕީސް ބޮޑުކޮށްފައެވެ.