ޒިމްބާބުވޭގައި ހޯމަ ދުވަހު ބޭއްވި އިންތިޚާބު އިދިކޮޅު ކެންޑިޑޭޓު ނެލްސަން ޗެމީސާ ކާމިޔާބު ކުރައްވައިފިކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފިއެވެ.
މޫވް މެންޓް ފޮރ ޑިމޮކްރެޓިކް ޗޭންޖް (އެމްޑީސީ) އިއްތިހާދުން ބުނެފައިވަނީ ވެރިކަންކުރާ ޒަނޫ-ޕީއެފް ޕާޓީއިން ވޯޓް އޮޅުވާލައި، ރައީސް އެމަރސަން ނަންގަގްވާ އިންތިޚާބު ކާމިޔާބު ކުރެއްވިކަމަށް އިއުލާނުކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ރަސްމީ ނަތީޖާ އިއުލާނުކުރުން ލަސްކުރަމުންދިއުމަކީ ބަލައިގަނެވޭކަމެއް ނޫންކަމަށެވެ.
އިންތިޚާބާއި ބެހޭ ކޮމިޝަނުން ވަނީ ވޯޓު ގުނުމަށް ވަގުތު ބޭނުންވާ ކަމަށާއި ކެތްތެރިވެގެން ތިބުމަށް އެދިފައެވެ.
މި އިންތިޚާބަކީ އެގައުމުގައި ދިގު މުއްދަތެއްގައި ވެރިކަން ކުރެއްވި ރޮބަރޓް މުގާބޭ މިދިޔަ އަހަރުގެ ނޮވެމްބަރު މަގާމުން ދުރުކުރުމަށް ފަހު އެ ގައުމުގައި ބޭއްވި ފުރަތަމަ ރިޔާސީ އިންތިޚާބެވެ.
ބައިނަލްއަގްވާމީ އޮބްޒަރވަރުން މޮނިޓަރކުރި މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 70 އިންސައްތަ މީހުން ވޯޓުލާފައިވެއެވެ.
ވެރިރަށް ހަރާރޭގައި އެމްޑީސީ އިއްތިހާދުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އިއްތިހާދުގެ މެމްބަރު ޓެންޑައި ބިޓީ ވިދާޅުވީ ރައްޔިތުންގެ ނިންމުމަށް ޒަނޫ-ޕީއެފް ޕާޓީން ނުފޫޒު ފޯރުވުމަށް މަސައްކަތްކުރާކަމުގެ ސާފު ހެކި އެބަހުރިކަމަށެވެ.
އޭނާވަނީ ޒިމްބާބުވޭ އިތުރު ހަމަނުޖެހުމެއްގެ ތެރެއަށް ވައްޓާނުލުމަށް އިންޒާރު ދެއްވާފައެވެ.
ޒަނޫ-ޕީއެފް ޕާޓީގެ ތަރުޖަމާނު ބީބީސީގައި ވިދާޅުވެފައިވަނީ އެމްޑީސީއިން އެ ދައްކާ ވާހަކައިގެ އެއްވެސް އަސްލެއް ނެތްކަމަށެވެ.
މީގެ އިތުރުން ދާޚިލީ ވަޒީރު އޮބަރޓް ޕޯފޫ ވިދާޅުވެފައިވަނީ އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާނު ނުކުރަނީސް ކާމިޔާބީ އިއުލާނުކުރުމަކީ ގާނޫނާ ބީރައްޓެހިކަމެއްކަމަށެވެ.
އިނގިރޭސިންގެ އަތްދަށުން ޒިމްބާބުވޭއަށް 1980 ވަނަ އަހަރު މިނިވަންކަން ލިބުނުފަހުން އެ ގައުމުގެ ވެރިކަމުގައި ހުންނެވި ރޮބަރޓް މުގާބޭ ވެރިކަމުގައި ބެހެއްޓުމަށްޓަކައި މީގެ ކުރިން ބޭއްވި އިންތިޚާބުތައް އޮޅުވާލާފައިވާކަމަށް ޒަނޫ-ޕީއެފްޕާޓީގެ މައްޗަށްވަނީ ތުހުމަތު ކުރެވިފައެވެ.
ރައީސް އެމަސަން ނަންގަގްވާވަނީ މިނިވަން އިންސާފުވެރި އިންތިޚާބެއް ބާއްވާނެކަމަށް ވައުދުވެ ވަޑައިގެންފައެވެ.