މެސެޑޯނިއާގެ ނަން ބަދަލުކުރުމާއިމެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް މެސެޑޯނިއާގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފިއެވެ.
ވޯޓް ނެގުމަށް ހަމަޖައްސާފައިވަނީ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ.
ސްކޮޕިޔޭ އާއި އެތެންސްއާއި ދެމެދު މިދިޔަ މަހު ވީ ތާރީޚީ އެއްބަސްވުމުގައި މެސެޑޯނިއައިންވަނީ އެ ގައުމުގެ ނަން "ރިޕަބްލިކް އޮފް ނޮދަރން މެސެޑޯނިއާ" އަށް ބަދަލުކުރުމަށް ނިންމާފައެވެ.
ނަމުގެ މައްސަލައިގައި ގްރީސްއާއި މެސެޑޯނިއާގެ މެދުގައި ނުތަނަވަސްކަން އުފެދިފައި އޮންނަތާ 27 އަހަރުވަނީ ވެފައެވެ.
މެސެޑޯނިއާއަށް އެނަން ކިޔުމަށް ގްރީސްއިން ނުރުހެނީ މެސެޑޯނިއާ އާއި ގްރީސް ގުޅޭ ސަރަހައްދީ ރޮނގުގައި މެސެޑޯނިއާ އާއި އިންވެގެން އޮންނަ ގްރީސްގެ ސަރަހައްދަކަށްވެސް މެސެޑޯނިއާ ކިޔާތީއެވެ.
ފާއިތުވި 27 ވަރަކަށް އަހަރު މިމައްސަލައަށް ހައްލެއް ގެނެވޭތޯ އދ މެދުވެރިވެގެން ގިނަ މަސައްކަތްތަކެއް ކުރެވުނެވެ.
މެސެޑޯނިއާއަކީ ކުރީގެ ޔޫގޯސްލާވިއާ ދައުލަތުގެ ދަށުގައި އޮތް ޤައުމެކެވެ. ޔޫގޯސްލާވިއާ ރޫޅި، މެސެޑޯނިއާއަށް މިނިވަންކަން ލިބުމަށްފަހު އެޤައުމަށް ރަސްމީކޮށް ކިޔަމުން އައި ނަމަކީ 'ފޯމަރ ޔޫގޯސްލާވް ރިޕަބްލިކް އޮފް މެސެޑޯނިއާ" (އެފް.ވައި.އާރް.އޯ.އެމް) އެވެ. އެޤައުމަށް ވިލާތުގެ އިއްތިޙާދުގެ މެމްބަރަކަށް ވުމަށާއި ނޯތު އެޓްލާންޓިކް ޓްރިޓީ (ނޭޓޯ)ގެ މެމްބަރު ޤައުމަކަށް ނުވެވިގެން އުޅެނީވެސް ނަމުގެ މައްސަލައިގައި ގްރީސްއިން މެސެޑޯނިއާގެ މެމްބަރޝިޕް ބޮއިކޮޓް ކުރާތީއެވެ.
މެސެޑޯނިއާގެ ގާނޫނުހަދާ މަޖިލީހުގައި ހޯމަ ދުވަހު ނެގިވޯޓުގައި 120 މެމްބަރުންގެ ތެރެއިން 68 މެމްބަރުންވަނީ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ތާއީދުކުރައްވާފައެވެ
ސޯޝަލިސްޓް ސަރުކާރުގެ ބޮޑުވަޒީރު ޒޯރާން ޒައޭވް ގެންދަވަނީ ނަން ބަދަލުކުރެއްވުމަށް ތާއީދުކުރައްވަމުންނެވެ.
ސެޕްޓެމްބަރު 30 ގައި ނެގޭ ވޯޓުގައި ރައްޔިތުންނާއި ސުވާލުކުރެވޭނީ ރިޕަބްލިކް އޮފް މެސެޑޯނިއާއާއި ރިޕަބްލިކް އޮފް ގްރީސްއާއި ދެމެދު އެއްބަސްވެފައިވާ ގޮތަށް ނަން ބަދަލުކޮށް އީޔޫއާއި ނޭޓޯގެ މެމްބަރަކަށް ވުމަށް ތާއީދު ކުރަންތޯ އެވެ.
ނޭޝަނަލް އޮޕޮޒިޝަން ޕާޓީގެ މެމްބަރުންވަނީ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ގާނޫނުހަދާ މަޖިލީހުގެ މެމްބަރުންގެ މެދުގައި ނެގި ވޯޓް ބޮއިކޮޓްކޮށް ނުކުމެވަޑައިގެންފައެވެ.
މިވަގުތު މެސެޑޯނިއާގައިވެސް އަދި ގްރީސްގައިވެސް ވެރިކަން ކުރަމުން އަންނަނީ ވަތަނީ ޕާޓީތަކުންނެއް ނޫނެވެ. ވާތުފިޔައިގެ ޕާޓީތަކުން ދެޤައުމުގައިވެސް ވެރިކަން ކުރަމުން އަންނައިރު، ކަނާތު ފިޔައިގެ ޕާޓީތަކަށް މިއީ ބަލައިގަންނަން ފަސޭހަ ނިންމުމަކަށް ނުވެއެވެ.