ކ. މާލެ
|
31 ޖުލައި 2018 | އަންގާރަ 12:36
އިމްރާން ޚާން
އިމްރާން ޚާން
އަލްޖަޒީރާ
ޕާކިސްތާނުގެ އިންތިޚާބު
ކޯލިޝަން ސަރުކާރެއް ހިންގުމަށް ގޮނޑި ހަމަކުރެވިއްޖެ: ޕީޓީއައި
މިހާތަނަށް 168 ގޮނޑި ވަނީ ލިބިފައި
ސަރުކާރެއް އެކުލަވާލުމާޓަކައި 137 ގޮނޑި ބޭނުންވޭ

މިމަހުގެ 25 ޕާކިސްތާނުގެ އިންތިޚާބު ކާމިޔާބު ކުރެއްވި މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އިމްރާން ޚާނަށް ކޯލިޝަން ސަރުކާރެއް އެކުލާވާލުމަށްޓަކައި މަޖިލީހުގެ ގޮނޑިތައް ހަމަކުރެވިއްޖެކަމަށް ތަހްރީ ކޭ އިންސާފު(ޕީޓީއައި) ޕާޓީން ބުނެފިއެވެ.

އެޕާޓީގެ ސްޕޯކްސް ޕާސަން ފަވާދު ޗައުދަރީ ވިދާޅުވީ އެޕާޓީއަށް މިހާތަނަށް 168 ގޮނޑި ލިބިފައިވާކަމަށެވެ. އޭނާ ވިދާޅުވީ އޭގެ ތެރޭގައި ހިމެނެނީ ކޯލިޝަން ޕާޓީތަކާއި ބައިމަދު ދަރިކޮޅުތަކަށް ޚާއްސަ ގޮނޑިތަކާއި އަންހެނުންނަށް ޚާއްސަ ގޮނޑިތައް ކަމަށެވެ. އަދި އިތުރު ގޮނޑިތައް ހޯދުމަށް މިނިވަން ކެންޑިޑޭޓުންނާ މަޝްވަރާ ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިންތިޚާބު ކާމިޔާބު ކުރެއްވި އިމްރާން ޚާން ނިސްބަތްވާ ޕީޓީއައިއަށް ނިމިދިޔަ އިންތިޚާބުގައި ލިބުނީ 116 ގޮނޑިއެވެ. އެހެން ނަމަވެސް ސަރުކާރެއް އެކުލަވާލުމަށް ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ ހޯދައި އެއް ޕާޓީ އަކުން ސަރުކާރެއް އެކުލަވާލުމާޓަކައި 137 ގޮނޑި ބޭނުންވެއެވެ.

ޕާކިސްތާނުގެ އިލެކްޓޯރަލް ކޮމިޝަނުން ހާމަކޮށްފައިވާ ނަތީޖާތަކަށް ބަލާއިރު، އިމްރާން ޚާންގެ ޕާކިސްތާން ތަހްރީކީ އިންސާފް (ޕީޓީއައި) އިން 16.86 މިލިއަން ވޯޓު ހޯދާފައިވާއިރު، އެ ޕާޓީއާ އެންމެ ގާތުން ވާދަކުރެއްވި، ޖަލުގައި ހުކުމެއްގައި ހުންނެވި ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފްގެ ޕީއެމްއެލް-އެން ޕާޓީ އަށް ލިބިފައި ވަނީ 12.89 މިލިއަން ވޯޓެވެ.

އިމްރާން ޚާން ވެރިކަމުގެ ހުވާ ކުރައްވާނީ އަންނަ އޯގަސްޓް 11 ގައި ކަމަށް ރިޕޯޓްތައް ބުނެއެވެ. 2018 ވަނަ އަހަރުގެ އިންތިޚާބުގައި އިމްރާންގެ ސްލޯގަން އަކީ، "އައު ޕާކިސްތާން" އެވެ.

- ކޮމެންޓް