ކ. މާލެ
|
30 ޖުލައި 2018 | ހޯމަ 11:41
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒު ޝަރީފު
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒު ޝަރީފު
އެންޑީޓީވީ
ނަވާޒު ޝަރީފު
ފަރުވާދިނުމަށް ނަވާޒު ޝަރީފު ޖަލުން ހޮސްޕިޓަލަށް ބަދަލުކޮށްފި
ނަވާޒުގެ ހާލުކޮޅު އަންނަނީ ރަނގަޅުވަމުން
ނަވާޒަށް އިއްވާފައި ވަނީ 10 އަހަރުގެ ޖަލު ހުކުމެއް

ކޮރަޕްޝަނުގެ މައްސަލައެއް ސާބިތުވެ ދިހަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ސިއްހީ ހާލުކޮޅު ގޯސްވުމާއި ގުޅިގެން ހޮސްޕިޓަލަށް ބަދަލުކޮށްފިއެވެ.

އާދީއްތަ ދުވަހު ނަވާޒު ޝަރީފް ބަދަލުކޮށްފައި ވަނީ ޕާކިސްތާން އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސް (ޕީއައިއެމްއެސް) އަށެވެ.

އުމުރުފުޅުން 68 އަހަރުގެ ނަވާޒް ޝަރީފާއި 44 އަހަރުގެ ދަރިކަނބަލުން މަރްޔަމް ނަވާޒް ޝަރީފް، ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ އިނގިރޭސިވިލާތުގެ ލަންޑަނުން ހަތަރުގެ ބައްލަވައިގަތުމުގައި ކުރައްވާފައިވާ ޚަރަދުތަކާއި އާމްދަނީއާ ނުބައްދަލު ކަމަށް ކޯޓުގައި ސާބިތުވުމާ ގުޅިގެންނެވެ.

ނަވާޒު ޝަރީފާއި ދަރިކަލުން މަރިޔަމް 

ޕާކިސްތާނުގެ ޕަންޖާބު ޕްރޮވިންސްގެ މިނިސްޓަރ ޝައުކަތު ޖާވިދު ވިދާޅުވީ ނަވާޒު ޝަރީފު ހޮސްޕިޓަލަށް ބަދަލުކުރީ ހާލުކޮޅު ގޯސްވުމާ ގުޅިގެން ހެދި ޓެސްޓުތަކުން އެކަން ސާބިތުވުމުން ކަމަށެވެ. އަދި ނަވާޒު ޝަރީފް ހޮސްޕިޓަލުގައި ހޭދަކުރައްވާނީ ކިތައް ދުވަސްކަން އެނގޭނީ ޑޮކްޓަރުންނަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ޕީއައިއެމްސްގެ ސްޕޯކްސްޕާސަނާ ހަވާލާދީ ބައެއް ނޫސްތަކުގައި ބުނެފައި ވަނީ ނަވާޒް ޝަރީފްގެ ހާލުކޮޅު މިހާރު ރަނގަޅުވަމުން އަންނަ ކަމަށެވެ.

ނަވާޒް ޝަރީފަކީ ހަކުރު ބަލީގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ބޭފުޅެކެވެ. އެމަނިކުފާނު ވަނީ 2016 ވަނަ އަހަރު ހިތުގެ އޮޕަރޭޝަނެއް ކުރައްވާފައެވެ.

މިދިޔަ ހަފްތާގައި ނަވާޒް ޝަރީފްގެ ހާލުކޮޅު ބެލުމަށް އެކުވާލި ފަސް މެމްބަރުންގެ ބޯޑަކުން ބުނެފައި ވަނީ އެ މަނިކުފާނުގެ ހިތާއި ކިޑްނީގެ ހާލަތު ދެރަކަމުން ދާއިމީކޮށް ފަރުވާ ބޭނުންވާ ކަމަށެވެ. އަދި އެމަނިކުފާނު ހުންނެވީ ކިޑްނީ ފެއިލްވުމުގެ ތުންފަތްމަތީގައި ކަމަށާއި އެހެންކަމުން އެމަނިކުފާނު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ޑޮކްޓަރުން ވަނީ ކަމާބެހޭ ފަރާތްތަކަށް ލަފާދީފައެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް