އިދިކޮޅު މައި ކެނޑިޑޭޓަކާ ނުލައި ކެމްބޯޑިއާގައި ބޭއްވި އާއްމު އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވިއްޖެ ކަމަށް 1985 ވަނަ އަހަރުން ފެށިގެން އެގައުމުގެ ވެރިކަމުގައި ހުންނެވި ބޮޑުވަޒީރު ހުން ސެން ވިދާޅުވެއްޖެއެވެ.
ކެމްބޯޑިއަން ޕީޕަލްސް ޕާޓީ (ސީޕީޕީ) އިން ބުނީ ވޯޓްގެ %80 އެޕާޓީން ކާމިޔާބުކޮށް ގާނޫނުހަދާ މަޖިލީހުގެ 125 ގޮނޑީގެ ތެރެއިން 100 ގޮނޑި ކާމިޔާބުކޮށްފައި ވާކަމަށެވެ.
އިލެކްޝަންސްގެ ސްޓާފުން ބުނާ ގޮތުގައި ވޯޓުލާފާވާ ނިސްބަތަކީ 82.71 އިންސައްތައެވެ.
އެންމެ ފަހުން ބޭއްވި އިންތިޚާބު ކުޑަ ތަފާތަކުން ގެއްލުނު ކެމްބޯޑިއާ ނޭޝަނަލް ރެސްކިއު ޕާޓީ (ސީއެންއާރުޕީ) އުވާލުމަށް ފަހު ބޭއްވި މި އިންތިޚާބަކީ އޮޅުވާލުމެއް ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.
އެމެރިކާ އާއި އީޔޫ އިން އިންތިޚާބުގެ ސައްހަކަމާ މެދު ސުވާލު އުފައްދަމުންދާއިރު ކެމްބޯޑިއަން ޕީޕަލްސް ޕާޓީން ބުނަމުންދަނީ އަދިވެސް 19 ފަރާތެއް އެބަތިބި ކަމަށެވެ.
އިންތިޚާބުގެ ރަސްމީ ނަތީޖާ އޮގަސްޓް މެދުތެރޭގެ ކުރިން ލިބޭނެ ކަމަށް ލަފާ ނުކުރެވޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ދިރާސާކުރާ ފަރާތްތަކުން ބުނެފައި ވަނީ ވޯޓްލުމަށް ނުކުންނަ މީހުންގެ އަދަދު ވެގެންދާނީ ހުންސެންގެ ގާނޫނީ ސައްހަކަން ޓެސްޓްކޮށްލަން ލިބޭ މައި އިމްތިހާނަށް ކަމަށެވެ.
އިންތިޚާބުގެ ކެމްޕެއިންގައި ވޯޓް ބޮއިކޮޓްކުރުމަށް ގޮވާލި އިދިކޮޅު އެކްޓިވިސްޓުންގެ މައްޗަށް ވަނީ ހަމަނުޖެހުން އުފެއްދިކަމުގެ ތުހުމަތުކޮށްފައެވެ.
އިންތިޚާބުގެ ކުރިން ހުކުރު ދުވަހު ސަރުކާރުން ވަނީ މިނިވަންކަމާ އެކު ޚަބަރު ފަތުރާ ވެބްސައިޓްތައް ބަންދުކުރަން އަންގާފައެވެ. އޭގެ ތެރޭގައި ރޭޑިއޯ ފްރީ އޭޝިއާ، ވޮއިސް އޮފް އެމެރިކާ އަދި ވޮއިސް އޮފް ޑިމޮކްރެސީ ހިމެނެއެވެ.
މީގެ އިތުރުން އިނގިރޭސި ބަހުން ޚަބަރު ގެނެސްދޭ ސައިޓްތައް ވެސް ބްލޮކް ކޮށްފައެވެ.
ކެމްބޯޑިއާގައި ފުރަތަމަ ބޭއްވި ގިނަ ޕާޓީ އެކުލެވޭ އިންތިޚާބު ބާއްވާފައި ވަނީ ލޭ އޮހޮރުވުން ބޮޑު ހަނގުރާމައަށް ފަހު އދ. ގެ ސުލްހަ ބަލަހައްޓާ ބޮޑު ފައުޖެއް އެ ގައުމުގައި އޮވެގެންނެވެ.
ކެމްބޯޑިއާގެ ވެރިކަމުގައި ޚިމަރ ރޫޖް ހުންނެވިއިރު 1975 އިން 1979 އަށް ހިންގި އަނިޔާވެރިކަމުގައި ލޭ އޮހޮރުވުމުގައި ދެ މިލިއަނެއްހާ މީހުން މަރުވެފައި ވާކަމަށް ލަފާކުރެވެއެވެ.
މިހާރު ވެރިކަމުގައި ހުންނެވި ހުން ސެންއަކީ ޚިމަރ ރޫޖްގެ ވެރިކަމުގައި ސިފައިންގެ މީހެއްގެ ގޮތުގައި މަސައްކަތްކުރުމަށް ފަހު ފަހުން އެ ވެރިކަމާ ދެކޮޅުވެރިވި ފަރާތެކެވެ.
ކެމްބޯޑިއާގައި 1993 ވަނަ އަހަރު އދ. ގެ އެހީތެރިކަމާ އެކު ބޭއްވި އިންތިޚާބަށް އެމެރިކާ އާއި އީޔޫ އިން ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. ނަމަވެސް މިފަހަރު އޮބްޒާވަރުން ފޮނުވާފައި ވަނީ ދާދި ފަހުން އަސްކަރީ އެހީގެ ގޮތުގައި 130 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ގިނަ އެހީ ކެމްބޯޑިއާއަށް ދިން ޗައިނާ އިން އެކަންޏެވެ.