ކ. މާލެ
|
29 ޖުލައި 2018 | އާދީއްތަ 08:43
މޮސްކޯއާއި ސެއިންޓް ޕީޓަރސް ބަރގްގެ އިތުރުން އެތައް ސިޓީއެއްގައި މުޒާހަރާ ކޮށްފައިވޭ
މޮސްކޯއާއި ސެއިންޓް ޕީޓަރސް ބަރގްގެ އިތުރުން އެތައް ސިޓީއެއްގައި މުޒާހަރާ ކޮށްފައިވޭ
މުހައްމަދު ޝަރުހާން
ރަޝިއާގެ ރިޓަޔަރމަންޓް އުމުރު
ރިޓަޔަރމެންޓް އުމުރު މަތިކުރާތީ ރަޝިއާގައި އެތައް ހާސް ބަޔަކު މުޒާހަރާކޮށްފި
ފިރެހެނުންނަށް ޕެންޝަން ލިބޭ އުމުރަކީ 60 އަހަރުގެ ބަދަލުގައި 65 އަހަރު
އަންހެނުންނަށް ޕެންޝަން ލިބޭ އުމުރަކީ 55 އަހަރުގެ ބަދަލުގައި 63 އަހަރު

ރިޓަޔަރމަންޓް އޭޖް މަތިކުރުމަށް ރަޝިއާގެ ސަރުކާރުން ނިންމާފައިވާ ނިންމުމާއި ގުޅިގެން ސަރުކާރާއި ދެކޮޅަށް ރަޝިއާގެ އެތައް ސިޓީތަކެއްގައި ކުރިޔަށް ގެންދިޔަ އެއްވުންތަކުގައި އެތައްހާސް ބަޔަކު ބައިވެރިވެއްޖެއެވެ. 

ވެރިރަށް މޮސްކޯގައި ހޮނިހިރު ދުވަހު ބޭއްވި އެއްވުމުގައި 10،000 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވެއެވެ.

މި ހަރަކާތަކީ ހުއްދަ  ހޯދައިގެން ރަޝިއާގެ ކޮމިއުނިސްޓް ޕާޓީން ބޭއްވި އެއްވުންތަކުގެ ތެރެއިން އެއް އެއްވުމެވެ. މޮސްކޯގެ އިތުރުން ރަޝިއާގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ސެއިންޓް ޕީޓަސްބަރގްއާއި އެހެނިހެން ބޮޑެތި ސިޓީތަކުގައި އެއްވުންތައް ކުރިޔަށް ގެންގޮސްފައިވެއެވެ.

ސަރުކާރުންވަނީ ފިރެހެނުންނަށް ޕެންޝަން ލިބޭ އުމުރަކީ 60 އަހަރުގެ ބަދަލުގައި 65 އަހަރު ކަމުގައި ހަމަޖައްސައި އަންހެނުންނަށް ޕެންޝަން ލިބޭ އުމުރަކީ 55 އަހަރުގެ ބަދަލުގައި 63 އަހަރުވުމުން ކަމަށް ކަނޑައެޅުމަށް ހުށަހަޅާފައެވެ.

މި ބަދަލާއިއެކު ދއުލަތުންދޭ ރިޓަޔަރމެންޓް ޕެންޝަން ލިބޭ ގޮތަށް ވެސް ބަދަލު އަންނާނެއެވެ.

މުޒާހަރާކުރި ފަރާތްތަކުންވަނީ " އަހަރެެމެން ބޭނުމީ ޕެންޝަނާއިއެކު ދިރިއުޅެން، މަސައްކަތުގަ މަރުވެދާކަށް ނޫން" ރޭޑިއޯ ފްރީ ޔޫރަޕާއި ރޭޑިއޯ ލިބަރޓީ އިން ރިޕޯޓްކޮށްފައިވެއެވެ.

ކޮމިއުނިސްޓް ޕާޓީގެ ލީޑަރ ގެނަޑީ ޒިޔުގަނޯވް ވިދާޅުވީ ހުށަހަޅާފައިވާ އިސްލާހަކީ "ކޮންމެ ރައްޔިތަކަށް ލިބޭ ދެރައެއް" ކަމަށެވެ. މީގެ އިތުރުން އޭނާވަނީ ރައީސް ވްލާޑިމިއަރ ޕޫޓިންގެ ޔުނައިޓެޑް ރަޝިއާ ޕާޓީން ރައްޔިތުން ނުގަބޫލު ނިންމުމެއް ނިންމަން އުޅޭކަމަށް ތުހުމަތު ކުރައްވާފައެވެ.

"އެއްވުމުގެ އެއްމެ މުހިއްމު ބޭނުމަކީ އެ އިސްލާހަކީ ރަނގަޅު އިސްލާހެއް ނޫންކަން ބުނެދިނުން، އެއަށް ރައްޔިތުންގެ ތާއީދު ނެތްކަން، އެހެނިހެން ގޮތްތައް އިޚްތިޔާރުކުރެވިދާނެކަން ބުނެދިނުމަށް ބާރުއެޅުން"

ޔޫނިއަންތަކާއި އެކްޓިވިސްޓުން ކަންބޮޑުވުން ފާޅުކުރަމުންދިޔައީ ހުށަހަޅާފައިވާ އުމުރަށް، ޕެންޝަނަށް އެދުމަށް ގިނަބަޔަކު ދުނިޔޭގައި ނުތިބޭނެ ކަމަށް ބުނެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ބުނާ ގޮތުގައި ރަޝިއާގައި އެވްރެޖްކޮށް ފިރެހެނުން ދުނިޔޭގައި ތިބޭ އުމުރަކީ 66 އަހަރު ކަމަށްވާއިރު އަންހެނުން އެވްރެޖްކޮށް ދުނިޔޭގައި ތިބެނީ 77 އަހަރުއެވެ.

 

- ކޮމެންޓް