ކ. މާލެ
|
28 ޖުލައި 2018 | ހޮނިހިރު 18:30
އިންތިޚާބާއި ދިމާކޮށް ބްލޮކްކޮށްފައިވާ ޚަބަރު ވެބްސައިޓްތަކަކީ ސަރުކާރަށް ފާޑުކިޔާ ނޫސްތައް
އިންތިޚާބާއި ދިމާކޮށް ބްލޮކްކޮށްފައިވާ ޚަބަރު ވެބްސައިޓްތަކަކީ ސަރުކާރަށް ފާޑުކިޔާ ނޫސްތައް
އަލްޖަޒީރާ
ކެމްބޯޑިއާގެ އާއްމު އިންތިޚާބު
އިންތިޚާބާއި ދިމާކޮށް ކެމްބޯޑިއާގެ 17 ވެބްސައިޓެއް ބްލޮކް ކޮށްފި
ވެބްސައިޓްތައް ބްލޮކްކޮށްފައިވަނީ 48 ގަޑިއިރަށް
ސިޔާސީ ޕާޓީޔަކާއި މީޑިއާތައްވެސް 'ހިމޭނުން' ތިބުމަށް ކެމްބޯޑިއާގެ ޤައުމީ އިލެކްޝަންސް ކޮމިޓީއިން ވަނީ އަންގާފައި

އާދިއްތަ ދުވަހު ކެމްބޯޑިއާގައި ބާއްވާ އާއްމު އިންތިޚާބާއި ދިމާކޮށް އެޤައުމުގައި އޮޕަރޭޓް ކުރާ 17 އޮންލައިން ނިއުސް ވެބްސައިޓެއް ބްލޮކް ކޮށްފިއެވެ.

ވަކި ފަރާތަކަށް ނުޖެހި ޚަބަރު ފަތުރާ ކަމަށް މަޝްހޫރު ބައެއް ވެބްސައިޓް ތަކާއި، ސަރުކާރާއި އިދިކޮޅު ޚަބަރު ފަތުރާ ބައެއް ވެބްސައިޓްތައް ބްލޮކްކޮށްފައިވަނީ 48 ގަޑިއިރަށެވެ. ކެމްބޯޑިއާގެ އިންފޮރމޭޝަން މިނިސްޓްރީއިން ބުނީ އެ ވެބްސައިޓްތައް ބްލޮކް ކުރަން ޖެހުނީ އިންތިޚާބާއި ދިމާކޮށް ހަމަނުޖެހުން ހިންގައި، އިންތިޚާބަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާތީކަމަށެވެ. 

ބައެއް ވެބްސައިޓްތައް ބްލޮކް ކުރިނަމަވެސް، ކެމްބޯޑިއާގެ ބޮޑުވަޒީރު ހުންސެން އަށް ތާޢީދުކުރާ ވެބްސައިޓްތައް ބަރާބަރަށް އޮޕަރޭޓް ކުރެއެވެ. 

އިންތިޚާބާއި ދިމާކޮށް 24 ގަޑިއިރަށް ސިޔާސީ ޕާޓީޔަކާއި މީޑިއާތައްވެސް 'ހިމޭނުން' ތިބުމަށް ކެމްބޯޑިއާގެ ޤައުމީ އިލެކްޝަންސް ކޮމިޓީއިން ވަނީ އަންގާފައެވެ. 

ސަރުކާރުގެ ނުފޫޒު އިންތިހާއަށް ފޯރާފައިވާ އިންތިޚާބަކަށް ކެމްބޯޑިއާ ތައްޔާރުވަމުންދާއިރު، އިންތިޚާބާއި ދިމާކޮށް މީޑިއާތަކާއި ދެކޮޅަށް ސަރުކާރުން ވަރުގަދަ ކެމްޕޭންތަކެއް ވަނީ ހިންގާފައެވެ. އެގޮތުން 30 ވަރަކަށް ރޭޑިއޯ ފްރިކުއެންސީ ބްލޮކް ކޮށްފައިވާއިރު، ކެމްބޯޑިއާ ޑެއިލީ ނޫސް ވެސް ވަނީ ހުއްޓުވާފައެވެ. އަދި ގިނަ އަދަދެއްގެ ނޫސްވެރިން ޖަލަށް ލާފައިވާއިރު، ބޮޑެތި ބައެއް ނޫސްތައް ވަނީ ސަރުކާރަށް ތާޢީދުކުރާ ވިޔަފާރިވެރިންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. 

ކެމްބޯޑިއާ އޮތީ ނޫސްވެރިކަމުގެ މިނިވަންކަމުގެ 142 ވަނައިގައެވެ. 

މީގެ އިތުރުން ނިމިދިޔަ ހަފްތާގައި ކެމްބޯޑިއާގެ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން އެކިއެކި ވަޓްސްއެޕް ގްރޫޕްތަކަށް އެޑްކޮށްފައިވާއިރު، ބެލެވޭ ގޮތުގައި މިއީ އިންތިޚާބާއި ދިމާކޮށް ޕްރޮޕެގެންޑާ ނުވަތަ ދޮގު މައުލޫމާތު ފަތުރާ ހަމަނުޖެހުން އުފެއްދުމުގެ ބޭނުގައި އުފައްދާފައިވާ ގްރޫޕްތަކެކެވެ. 

އިންތިޚާބުގެ ކުރިން މިދިޔަ އަހަރު ކެމްބޯޑިއާގެ ސަރުކާރުން ވަނީ އެޤައުމުގެ އިދިކޮޅު ލީޑަރު ކެމް ސޯކާ ހައްޔަރު ކޮށްފައެވެ. އަދި ވެރިކަންކުރާ ޕާޓީގެ މެމްބަރަކު އިސްކޮށް ހުންނަވާ ކެމްބޯޑިއާގެ ސުޕްރީމް ކޯޓުން ވަނީ ސޯކާ އިސްކޮށް ހުންނެވި ކެމްބޯޑިއާގެ އިދިކޮޅު ޕާޓީ އުވާލާފައެވެ. އެހެންކަމުން މިއިންތިޚާބުގައި އިދިކޮޅުން ވަރުގަދަ ކެންޑިޑޭޓެއް ނުނިކުންނާނެއެވެ. 

- ކޮމެންޓް