ފަލަސްތީނަށް މާލީގޮތުން އެހީތެރިވުމަށް މެދުއިރުމަތީގެ ގައުމުތަކުން އެކަށީގެންވާ މަސައްކަތެއް ނުކުރާކަމަށާއި އަދި ސުލްހައިގެ މަސައްކަތާއިގެން ކުރިޔަށް ދިއުމަށް އެހީތެރި ނުވާކަމަށް އެމެރިކާއިން އދ އަށް ކަނޑައަޅުއްވާފައިހުންނަވާ މަންދޫބު ނިކީ ހޭލީ ތުހުމަތުކުރައްވައިފިއެވެ.
އދގެ ސަލާމަތީ މަޖިލީހުގައި އަންގާރަ ދުވަހު ވާހަކަދައްކަވަމުން އެކަމަނާވަނީ ސުލްހައަށްޓަކައި ވެދޭންޖެހޭ އެހީދޭން ބަލާއިރު އަރަބި ގައުމުތައް ކޮބައިތޯ ސުވާލުކުރައްވާފައެވެ.
ހޭލީ ވިދާޅުވީ އެތައް ހާސް މޭލެއް ދުރުގައިތިބެ ތަގުރީރު ދިނުމަށްވުރެ މިއީ ސަރަހައްދީ ގައުމުތަކުން ވަކިން ޚާއްސަކޮށް އެހީތެރިކަން ދޭންވީ ވަގުތުކަމަށެވެ.
"ސުލްހަޔަށްޓަކައި ކޮންމެހެން ބޭނުންވާ އެއްކަންތައް ފަލަސްތީނުގެ ފެކްޝަންތަކުގެ މެދުގައި ސުލްހަކުރުވަން ބަލާއިރު ކޮބައިތޯ އަރަބި ގައުމުތައް؟" މެދުއިރުމަތީގެ މައްސަލަޔާއި ގުޅޭގޮތުން ސަލާމަތީ މަޖިލީހުގައި ކޮންމެ މަހަކު ބާއްވާ ބައްދަލުވުންތަކުގެ ތެރެއިން މި މަހުގެ ބައްދަލުވުމުގައި ހޭލީ ވިދާޅުވިއެވެ.
ހޭލީވަނީ އެމެރިކާއިން ފަލަސްތީނަށް އެއްގައުމުން އަނެއްގައުމަށް ދެވޭ އެހީއެއްގެ ގޮތުގައި މިދިޔަ އަހަރުވެސް 300 މިލިއަން އެމެރިކާ ޑޮލަރު ދީފައިވާކަމަށެވެ. އަދި 1993 ން ފެށިގެން ހަ ބިލިއަނަށްވުރެ ގިނަ ޑޮލަރުގެ އެހީ ދީފައިވާކަމަށެވެ.
މީގެ އިތުރުން އެކަމަނާވަނީ ފަލަސްތީނުގެ ރެފިއުޖީންނާއި ބެހޭ އދ ގެ އިދާރާ(ޔޫއެންއާރުޑަބްލިއުއޭ) އަށް އެމެރިކާއިން ދޭ އެހީގެ ވާހަކަވެސް ފާހަގަކުރައްވާފައެވެ. ނަމަވެސް ދޭ އެހީ ކުޑަކޮށްފައިވާކަން އެކަމަނާ ފާހަގައެއް ނުކުރައްވައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޖެނުއަރީ މަހުވަނީ އެމެރިކާއިން ރިލީފް އެޖެންސީއަށް އެކި ފަހަރުމަތިން ބަހާލައިގެން ދިނުމަށް ކަނޑައަޅާފައި އޮތް 125 މިލިއަން ޑޮލަރުގެ އެހީގެ ތެރެއިން 65 މިލިއަން އެމެރިކާ ޑޮލަރު ހިފެހެއްޓުމަށް ނިންމާފައިވާކަމަށް އިއުލާނުކުރައްވާފައެވެ.
އެ ފިޔަވަޅާއިއެކު ޔޫއެންއާރުޑަބްލިއުގެ 70 އަށްވުރެ ގިނަ އަހަރުވީ އެހީއަށް ބަރޯސާވެ މެދުއިރުމަތީގެ އެކިކަންކޮޅުތަކުގައި އުޅެމުން ދިޔަ އެތައް ބައެއްގެ ދިރިއުޅުމާއި ގުޅިފައިވާ އެހީ ކެނޑިގެންދިޔައެވެ.
އދގެ އޮފިޝަލުންވިދާޅުވާ ގޮތުގައި ޔޫއެންއާރުޑަބްލިއުއޭއަށް މީގެ ކުރިން އެންމެ ބޮޑު އެހީއެއްދޭ އެމެރިކާއިން މިދިޔަ އަހަރު 364 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދީފައިވާއިރު މި އަހަރު ފޯރުކޮށްދީފައިވަނީ އެންމެ 60 މިލިއަން އެމެރިކާ ޑޮލަރެވެ.
"ކިހާވަރެއް އަރަބި ގައުމުތަކުން-ބައެއް ގައުމުތަކަކީ މުއްސަނދި ގައުމުތައް-ކިހާވަރެއް އެމީހުން ފަލަސްތީނު ރައްޔިތުންނަށް ދިނީ؟" އަންގާރަ ދުވަހުގެ ބައްދަލުވުމުގައި ހޭލީ ވިދާޅުވިއެވެ.
" މިދިޔަ އަހަރު ޔޫއެންއާރުޑަބްލިއުއަށް އީރާނުން ދިން އެހީ ސުމެއް.އަލްޖީރިއާއިން ޔޫއެންއާރުޑަބްލިއުގެ އެހީ ސުމެއް. ޓިއުނީޝިއާއިން ޔޫއެންއާރުޑަބްލިއުއަށް ދިން އެހީ ސުމެއް" އެކަމަނާ ވިދާޅުވިއެވެ.