އުތުރު ކޮރެއާގެ ހުޅަނގު އުތުރުގައި ގާއިމްކޮށްފައިވާ ރޮކެޓް ލޯންޗުކުރާ ސައިޓްތަކުގެ ބައެއް ނައްތާލަން ފަށައިފި ކަމަށް ފެންނަން ފަށައިފިއެވެ.
އެމެރިކާގައި ގާއިމްވެފައިވާ މޮނިޓަރިންގ ގްރޫޕް، 38 ނޯތް އަށް ފެނިފައިވާ ސޮހެއި ސްޓޭޝަންގެ ސެޓެލައިޓް ފޮޓޯތަކުން ފެންނަގޮތުގައި އުތުރު ކޮރެއާއިން ގެންދަނީ އެމެރިކާއާއިއެކު ޖޫންމަހު ވީ ވައުދު ފުއްދަމުންނެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނީ އިންޖިން ޓެސްޓް ސައިޓްތައް ހަލާކު ކޮށްލުމަށް އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ވައުދުވެވަޑައިގެންނެވި ކަމަށެވެ. ނަމަވެސް އެއީ ކޮން އެއްޗެއްކަމެއް ސާފުކޮށެއް ނުދެއްވައެވެ.
ޕިޔޮންގްޔަންގއިން ބުނަމުންދާގޮތުގައި ސޮހެއި އަކީ ސެޓެލައިޓް ލޯންޗުކުރާ ސައިޓެކެވެ. ނަމަވެސް އެމެރިކާއިން ތުހުމަތުކުރާގޮތުގައި އެ ސައިޓް ބޭނުން ކުރަނީ ބެލަސްޓިކް މިސައިލް ޓެސްޓު ކުރުމަށެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕްއާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން މިދިޔަ މަހު ސިންގަޕޫރުގައި ބޭއްވެވި ބައްދަލުވުމުގައި ވަނީ ކޮރެއަން ޕެނިންސިއުލާއަކީ ނިއުކްލިއަރ ހަތިޔާރު ނެތް ސަރަހައްދަކަށް ހެދުމަށް އެއްބަސްވެ ވަޑައިގެންފައެވެ.
ނަމަވެސް ޕިޔޯންގޔަންގ އިން އެގައުމުގެ ނިއުކްލިއަރ ހަތިޔާރު ނައްތާލާނެ ގޮތުގެ ތަފްސީލް ހާމަކޮށްފައި ނުވާތީ އެ އެއްބަސްވުމަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.
ޓެސްޓް ސައިޓްތައް ނައްތާލުމުގެ މަސައްކަތް ކުރި ކަމުގެ ޚަބަރުތައް އައިސްފައި މިވަނީ ޖޫން މަހުގެ 12 ވަނަ ދުވަހު ބޭއްވި ސަމިޓުގައި ވައުދުވީ ކަންކަން އުތުރު ކޮރެއާއިން ކޮށްފާނެތޯ ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައެވެ.
ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ރައީސް ޓްރަމްޕް ވަނީ އުތުރު ކޮރެއާއިން ވޭތުވެ ދިޔަ ނުވަ މަސްދުވަހުގެ ތެރޭގައި ރޮކެޓް ލޯންޗު ކޮށް މިސައިލް ޓެސްޓްކޮށްފައި ނުވާ ކަމަށް ވިދާޅުވެ އެ ގައުމާއިއެކު އޮތް ގުޅުން ރަނގަޅު ވަމުން ދާ ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން މިދިޔަ ހަފްތާގައި ރައީސް ޓްރަމްޕް ވަނީ އުތުރު ކޮރެއާ އިން ނިއުކްލިއަރ ހަތިޔާރު ނައްތާލުމަށް "ވަކި މުހުލަތެއް ނެތް" ކަމަށާއި އަދި އަވަސް އަރުވާލައިގެން އެކަން ކުރުމުގެ ބޭނުމެއް ނެތް ކަމަށް ވިދާޅުވެފައެވެ.
އެމެރިކާގެ އިންޓެލިޖެންސް އިން ލީކުވެފައިވާ ރިޕޯޓްތަކަށް ބަލާއިރު އުތުރު ކޮރެއާ އިން ސިއްރިއްރިއްޔާތުގައި ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ ޕްރޮގްރާމް ދަނީ ކުރިއަށް ގެންދަމުންނެވެ.
އެ ރިޕޯޓްތައް ދައްކާގޮތުން ޔޮންގބިޔޮންގގައި ހުންނަ އުތުރު ކޮރެއާގެ ނިއުކްލިއަރ ހަތިޔާރު ފައްކާކުރާ ރަސްމީ ސައިޓް ގެންދަނީ އިތުރަށް ތަރައްގީ ކުރަމުންނެވެ. އަދި އޭގެ އިތުރުން އެހެން ސައިޓްތަކުގައި ނިއުކްލިއަރ ހަތިޔާރު ފައްކާކުރުމުގެ މަސައްކަތް ސިއްރިއްޔާތުގައި ކުރަމުން ގެންދެއެވެ.
އެ ރިޕޯޓްތަކަކީ މިނިވަން ފަރާތަކުން އޭގެ ސައްހަކަން ކަށަވަރު ކުރެވިފައިވާ ރިޕޯޓްތަކެއް ނޫން ނަމަވެސް އުތުރު ކޮރެއާގެ ކަންކަން މޮނިޓަރ ކުރާ ފަރާތްތަކުން އެކަމުގެ ސައްޙަކަން ކަނޑައަޅާފައިވާ ރިޕޯޓްތަކެކެވެ.