އޮކްޓޯބަރު މަހު ބާއްވާ ބްރެޒިލްގެ ރިޔާސީ އިންތިޚާބުގައި ކަނާތުފިޔައިގެ ސިޔާސީ ބޭފުޅެއް ކަމަށްވާ ޖަޔުރ ބޮލްސާނަރޯ ވާދަކުރައްވާނެކަން ރަސްމީކޮށް އިއުލާނުކުރައްވައިފިއެވެ.
އަސްކަރިއްޔާގައި ކުރިން މަސައްކަތްކުރައްވާފައިވާ ބޮލްސާނަރޯ އުޅުއްވަނީ ރޭހުގެ ދެވަނައިގައެވެ. އެންމެ ފުރަތަމަ އިންތިޚާބަށް ނުކުންނެވާނެކަން އިއުލާނުކުރެއްވީ ކުރީގެ ރައީސް ލުއިސް އިނާޝިއޯ ލޫލާ ޑަ ސިލްވާއެވެ.
ނަމަވެސް ކޮރަޕްޝަނުގެ މައްސަލައިގައި ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާތީ އޭނާއަށް އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތުމަކީ ނާދިރު ކަމެކެވެ.
ބޮލްސާނަރޯއަކީ ނަސްލީ ތަފާތުކުރުންތައް ގެންގުޅުއްވާތީ ފާޑުކިޔުން އަމާޒުވެފައިވާ ބޭފުޅެކެވެ. ނަމަވެސް އޭނާއަށް ތާއީދުކުރައްވާ ފަރާތްތަކުން ދެކޭ ގޮތުގައި އޭނާއަކީ ކުށް ގިނަ އެ ގައުމު ސަލާމަތްކޮށްދޭނެ މީހާއެވެ.
ބްރެޒިލްގެ އެތައް މިލިއަން ބަޔަކު ސޯޝަލް މީޑިއާގައި ފޮލޯކުރާ ބޮލްސާނަރޯއަކީ "ބްރެޒިލްގެ ޓްރަމްޕް" އަށް ވެވަޑައިގެންފާނެ ކަމުގެ ކަންބޮޑުވުން އެބައޮތެވެ.
އުމުރުފުޅުން 63 އަހަރުގެ ބޮލްސާނަރޯ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައި ވަނީ ވެރިރަށް ރިއޯ ޑި ޖެނީރޯގައި ބޭއްވި އެއްވުމެއްގައި 3،000 އެއްހާ ސަޕޯޓަރުންގެ ކުރިމަތީގައެވެ.
ކޮންގްރެސްގެ މެމްބަރެއްގެ ގޮތުގައި ވެސް އިންނަވާ ބޮލްސާނަރޯ ނުކުންނަވަނީ ބްރެޒިލްގެ ސިޔާސީ މައިދާނުގައި މާބޮޑު ބުރަދަނެއް ނެތް ސޯޝަލް ލިބަރަލް ޕާޓީ އިންނެވެ.
މިއާ އެކު ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ޓީވީ އިޝްތިހާރުތަކަށް އޭނާއަށް ލިބިވަޑައިގަންނަވާނީ ގިނަވެގެން 10 ސިކުންތެވެ. މިއީ ރިޔާސީ ރޭހަށް ނުކުމެ ވަޑައިގަންނަވާ ކެނޑިޑޭޓަކަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެކެވެ.
"އަޅުގަނޑުމެންގެ ނެތް ބޮޑު ޕާޓީއެއް. އަޅުގަނޑުމެންގެ ނެތް އިންތިޚާބަށް ފަންޑެއް. އަޅުގަނޑުމެންގެ ނެތް ޓީވީ ވަގުތުތަކެއް ނަމަވެސް އަޅުގަނޑުމެންގެ އެބައޮތް އެހެން މީހުންނަށް ލިބިފައި ނުވާ އެއްޗެއް، އެއީ ތިޔަ ބޭފުޅުން، ބްރެޒިލްގެ ރައްޔިތުން" ބަޑި ކޮންޓްރޯލް ކުރުމަށް ވަކާލާތުކުރައްވާ އަދި އެބޯޝަނާ ދެކޮޅަށް ވާހަކަދައްކަވާ ބޮލްސާނަރޯ ވިދާޅުވިއެވެ.
ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުން ދެވަނަ ބުރަކަށް ވަޑައިގެންނެވުނު ނަމަވެސް ބޮލްސާނަރޯއަށް އިންތިޚާބު ކާމިޔާބެއް ނުކުރެއްވޭނެއެވެ.