ކ. މާލެ
|
22 ޖުލައި 2018 | އާދީއްތަ 09:48
ރައީސް ޝީއަށް މަރުހަބާ ވިދާޅުވީ ސެނެގާލްގެ ރައީސް މެކީ ސަލް
ރައީސް ޝީއަށް މަރުހަބާ ވިދާޅުވީ ސެނެގާލްގެ ރައީސް މެކީ ސަލް
އޭޕީ
ޝީގެ އެފްރިކާ ދަތުރުފުޅު
ޗައިނާގެ ރައީސް ޝީ ސެނެގާލްއަށް ވަޑައިގެންފި
މި ދަތުރުފުޅުގައި ބްރިކްސް ސަމިޓްގަައި ބައިވެރިވެ ވަޑައިގަންނަވާނެ
އެފްރިކާއަކީ ޗައިނާގެ އެންމެ ބޮޑު ވިޔަފާރީގެ ބައިވެރިޔާ
ޝީގެ ދަތުރުފުޅުގެ އެންމެ ފަހު މަންޒިލަކީ މޮރިޝަސް

އެފްރިކާގެ ގައުމުތަކަށް ކުރައްވާ ދަތުރުފުޅުގައި ޗައިނާގެ ރައީސް ޝީ ޖިން ޕިން ސެނެގާލަށް ވަޑައިގެންފިއެވެ.

ސެނެގާލަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅުގެ އިތުރުން ރުވާންޑާއާއި، ދެކުނު އެފްރިކާ އަދި މޮރިޝަސްއަށް ވަޑައިގަންނަވާނެއެވެ.

ސެނެގާލްގެ ވެރިރަށް ޑަކާރ އިން ރައީސް ޝީއަށް ހޮނިހިރު ދުވަހު މަރުހަބާ ވިދާޅުވީ އެގައުމުގެ ރައީސް މެކީ ސަލްއެވެ.

މިއީ މި ދެ ލީޑަރުންގެ ތިންވަނަ ބައްދަލުވުން ކަމަށްވާއިރު ދެ ގައުމުގެ މެދުގައި ގިނަ އެއްބަސްވުންތަކެއް ފެނިގެންދާނެކަމަށް ބެލެވެއެވެ.

މީގެ އިތުރުން ސެނެގާލްގައި މަގުބޫލް ކުޅިވަރެއްކަމަށްވާ ރެސްލިންއަށް ޚާއްސަ ކޮށްގެން ހަދާފައިވާ އެރީނާ، ރައީސް ސަލް އާއި ޝީ ރަސްމީކޮށް ހަވާލުކުރެއްވާނެ ކަމަށްވެސް ބެލެވެއެވެ.

ފްރާންސްއަށްފަހު ޗައިނާއަކީ މިހާރުވެސް ސެނެގާލްގެ ވިޔަފާރީގެ އެންމެ ބޮޑު ބައިވެރިޔާއެވެ.

ޗައިނާއިން ސެނެގާލަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒަންގ ޝުން އާއި ހަވާލާދީ އެގައުމުގެ މީޑިއާތަކުގައި މާޗް މަހު ބުނެފައި ވާގޮތުގައި 2017 ވަނަ އަހަރުވެސް ޗައިނާއިން ސެނަގާލްގައި 100 މިލިއަން އެމެރިކާ ޑޮލަރު އިންވެސްޓްކޮށްފައިވެއެވެ.

އެފްރިކާއަކީ ޗައިނާގެ ވިޔަފާރީގެ އެންމެ ބޮޑު ބައިވެރިޔާއެވެ. ޝީގެ މި ދަތުރުފުޅަކީ ޗައިނާގެ ރިޔާސަތުގެ ދައުރު ކަނޑައެޅިފައި އޮތް އޮތުން އުވާލެއްވުމަށްފަހު ދެ ވަނަ ދައުރު ފެއްޓެވުމަށްފަހު ގައުމުން ބޭރަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ.

ރުވާންޑާއަށް ރައީސް ޝީ ކުރައްވާ ދަތުރުފުޅަކީ ޗައިނާގެ ރައީސަކު އެ ގައުމަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ރުވާންޑާއަށްފަހު ޝީ ވަޑައިގަންނަ ވާނީ ދެކުނު އެފްރިކާއަށެވެ. ބްރެޒިލް، ރަޝިއާ، އިންޑިއާ ،ޗައިނާ، އަދި ސައުތު އެފްރިކާ ހިމެނޭ ގޮތުން އުފައްދާފައިވާ ބްރިކްސްގެ ބައްދަލުވުމުގައި ޝީ ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

އެފްރިކާގެ ދަތުރުފުޅުގެ އެންމެ ފަހު މަންޒިލަކީ މޮރިޝަސްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް