ކޮލަމްބިއާގެ ކުރީގެ ހަނގުރާމަވެރި ޖަމާއަތް ކަމުގައިވާ ފާކްގެ ކުރީގެ މެމްބަރުން ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް ވެވަޑައިގަތުމުން އެ ގައުމުގެ ރައީސް ހުއާން މެނުއެލް ސަންޓޯސް މަރުހަބާ ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވީ ފަންސާސް އަހަރު ވަންދެން ދައުލަތާއި ހަނގުރާމަ ކުރުމަށް ފަހު ގާނޫނު އަސާސީއަށް އިހުތިރާމް ކުރާތަން ފެނުމުން އުފާ ކުރައްވާ ކަމަށެވެ.
ފާކް ޖަމާއަތާއި ކޮލަމްބިއާގެ ސަރުކާރާއި އެކު 2016 ވަނަ އަހަރު ވެވުނު ސުލްހައިގެ އެއްބަސްވުމަށް ފަހު އަލަށް ބޭއްވި ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު ކާމިޔާބުކުރި މެމްބަރުން ހުވާކުރައްވާވާފައި ވަނީ ހުކުރު ދުވަހުއެވެ.
ރައީސް ސަންޓޯސް ވަނީ ކޮލަމްބިއާގެ ސުލްހަ ދަމަހައްޓައި ދެއްވުމަށް، އެ މަނިކުފާނަށް ފަހު ރައީސްކަމުގެ މަގާމު އަދާކުރެއްވުމަށް މިހާރު އިންތިޚާބުވެ ވަޑައިގެންފައިވާ އިވާން ދޫކޭގެ އަރިހުން އެދިވަޑައިގެންފައެވެ.
"މިއަދު އަޅުގަނޑުމެންނަށް މި ފެންނަނީ އަޅުގަނޑުމެންގެ ތާރީޚުގައި ހަގީގީ ކާމިޔާބަކަށް ވާސިލުވިތަން" އަންނަ މަހު މަގާމުގެ ދައުރު ހަމަ ކުރައްވާ ސަންޓޯސް ވިދާޅުވިއެވެ.
ފާކް ނުވަތަ ރިވޮލިއުޝަނަރީ އާމްޑް ފޯސަސް އޮފް ކޮލަމްބިއާ އަކީ ރިވޮލިއުޝަނަރީ އޯލްޓަރނޭޓިވް ކޮމަން ފޯސްގެ ނަމުގައި އޮންނަ ސިޔާސީ ޕާޓީއެކެވެ.
އެ ޕާޓީއަށް ސެނޭޓްގައި ފަސްގޮނޑި އަދި ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް ގައި ވެސް ފަސްގޮނޑި ލިބިފައިވެއެވެ.
ކޮލަމްބިއާގެ ސަރުކާރުގެ މަދަދާއެކު ހަތިޔާރު ހިފައިގެން ސަރުކާރުގެ ދިފާއުގައި ހަނގުރާމަކުރި ކަނާތުފިޔައިގެ ފަރާތްތަކާއި ފާކް ޖަމާއަތާ މެދު ބައި ގަރުނަށް ދެމިގެންދިޔަ ހަމަނުޖެހުންތަކުގައި 260،000 މީހުން މަރުވިއެވެ.
ހަނގުރާމަވެރިންގެ ކޮމާންޑަރެއް ކަމަށްވާ އިވާން މާކޭޒް ވަނީ އޭނާއަށް ލިބިވަޑައިގެންފައިވާ މަޖިލީހުގެ ގޮނޑިއަށް ވަޑައިގަތުމަށް ދެކޮޅު ހައްދަވާފައެވެ.
އިހުތިޖާޖް ކުރުމުގެ ގޮތުން އޭނާ އެގޮތަށް އަމަލުކުރައްވަނީ ފާކްގެ ކުރީގެ މެމްބަރެއް ކަމަށްވާ އަދި މިހާރު މަޖިލީހުގެ ގޮނޑިއެއް ލިބިވަޑައިގެންފައިވާ ޖީސަސް ސެންޓްރިޗް ބަންދުގައި ހުންނެވުމުންނެވެ.
ޖަލު ބަންދުގައި ހުންނެވި ސެންޓްރިޗްއަކީ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލައިގައި އެމެރިކާއިން ހޯދަމުންދާ މީހެކެވެ.
ރައީސްކަމުގެ މަގާމަށް އިންތިޚާބުވެ ވަޑައިގެން ހުންނެވި ދޫކޭ ބޭނުންފުޅުވެ ވަޑައިގަންނަވަނީ ކުރީގެ ހަނގުރާމަވެރިންގެ މައްސަލަތައް ތަހުގީގުކޮށް ދާޚިލީ ހަނގުރާމައިގެ ތެރޭގައި އެމީހުން ހިންގާފައިވާ އަމަލުތަކުގެ އަދަބު ލިބި ނުގަންނަނީސް ގާނޫނުހަދާ މަޖިލީހަށް އެމީހުން ވަނުމުގެ ފުރުސަތު ނުދިނުމަށެވެ.