ދެކުނު ކޮރެއާގެ ކުރީގެ ރައީސާ ޕާކް ގުން-ހައި ގެ މައްޗަށް އަށް އަހަރުގެ ޖަލު ހުކުމެއް އެގައުމުގެ ކޯޓަަކުން ހުކުރު ދުވަހު އިއްވައިފިއެވެ.
ޕާކް ގުން-ހައި ގެ މައްޗަށް މިހާރުވެސް 24 އަހަރުގެ ޖަލު ހުކުމެއް ކޮރަޕްޝަނުގެ މައްސަލައެއްގައި އިއްވާފައިވާއިރު، ހުކުރު ދުވަހު އެކަމަނާގެ މައްޗަށް އިއްވުނު ޖަލު ހުކުމް އިއްވާފައި ވަނީ ދައުލަތުގެ ޖާސޫސީ އިދާރާގެ ފައިސާތަކެއް ގެއްލުނު މައްސަލައެއްގައި ކުރެވުނު ދައުވާ ސާބިތު ވުމާއި ގުޅިިގެންނާއި އަދި 2016 ގައި ބޭއްވުނު ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބަށް އެކަަމަނާ ނުފޫޒު ފޯރުވިކަމަށް ސާބިތުވުމާ ގުޅިގެންނެވެ.
ހުކުރު ދުވަހު "ދަ ސޯލް ސެންޓްރަލް ޑިސްޓްރިކްޓް ކޯޓް" އިން އިއްވި ހުކުމުގައި ބުނެފައި ވަނީ ޕާކް ގުން-ހައި އާއި އެކަމަނާގެ ގާތް ފަރާތްތައް ގުޅިގެން "ނެޝެނަލް އިންޓެލިޖެންސް ސާރވިސް" އިން 3.3 ބިލިއަން ވޮން (2.91 މިލިއަން ޔޫއެސް ޑޮލަރު) ގެއްލުވާލައިފައިވާ ކަމަށެވެ.
އުމުރުފުޅުން 66 އަހަރުގެ ޕާކް ގުން-ހައި ގެ މައްޗަށް ހުކުމް އިއްވުނު ޝަރީއަތުގެ މަޖިލީހަށް އެކަމަނާ ހާޒިރުވެވަޑައިގެންފައިވާއިރު، އެކަމަނާ ވަނީ އެކަމާނާގެ މައްޗަށް އިއްވުނު ދައުވާތަކަށް އިންކާރު ކުރައްވާފައެވެ.
މިދިޔަ އޭޕްރީލް މަހުވެސް ޕާކް ގުން-ހައި ގެ މައްޗަށް ވަނީ ޖަލު ހުކުމެއް އިއްވާފައެވެ. އެކަމަނާގެ މައްޗަށް 24 އަހަރުގެ ޖަލު ހުކުމެއް އައިސްފައި ވަނީ މިއަަހަރުގެ އޭޕްރީލް މަހު ކަމަށްވާއިރު، އެފަހަރު އެކަމަނާގެ މައްޗަށް ވަނީ ރިޝްވަތުދިނުމާއި، މާގާމުގެ ނާޖައިޒު ފައިދާ ނެގުމާއި މަޖުބޫރުކޮށްގެން ކަމެއް ކުރަން އުޅުމުގެ ދައުވާ ސާބިތުވެފައެވެ. އެކަމަނާ ވަނީ 16 މިލިއަން ޔޫއެސް ޑޮލަރުން އެފަހަރު ޖޫރިމަނާ ވެސްކޮށްފައެވެ.
މުޅި ޖުމްލަ 32 އަހަރުގެ ޖަލު ހުކުމެއް ޕާކް ގުން-ހައި ގެ މައްޗަށް އިއްވާފައިވާއިރު ޑިސެމްބަރު 2016 ވަނަ އަހަރު ދެކުނު ކޮރެއާގެ ގާނުނު ހަދާ މަޖިލީހުގެ މެމްބަރުން ވަނީ، ބޮޑު އަގުލަބިއްޔަތަކުން ޕާކް ގުން-ހައި މަގާމުން ދުރުކުރުމަށް ވޯޓު ދެއްވާފައެވެ. އެހެންނަމަވެސް އެކަމަނާ ވަނީ އިސްތިއުފާ ދެއްވުމަށް ދެކޮޅު ހައްދަވާފައެވެ. އަދި ގާނޫނީގޮތުން އެއްވެސް މަނާ ކަމެއް ނުކުރައްވާ ކަަމަށް ވިދާޅުވެ މައާފަށް އެދިވަޑައިގެންފައެވެ. އެހެންނަމަވެސް އޭގެ ތިން މަސް ފަހުން އަށް މެމްބަރުންގެ މައްޗަށް އެކުލެވޭ "ކޮންސްޓިޓުއުޝަނަލް ކޯޓް އޮފް ކޮރެއާ" އިން ވަނީ އޭރު ރައީސް ކަމުގައި ހުންނެވި ޕާކް ގުން-ހައި މަގާމުން ދުރުކުރުމަށް އެ ކޯޓުގެ އިއްތިފާގުން ނިންމާފައެވެ.